logo

އިންޑިއާގެ 79 ވަނަ މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

profile

މުޙައްމަދު ފަޟްލޫން - 15 އޯގަސްޓު 2025 - 10:34

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ.

https://wamco.com.mv/

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ އެ ގައުމުގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްބަސީގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވެވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބަލާ ސްބްރަމާނިއަމްއެވެ. އެ ރަސްމިއްޔާތުގައި ސަފީރު ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ދެއްވި ހިތޯބަށް އަލިއަޅުއްވާލައްވައި ވާހަކަ ވެސް ދައްކަވައިފައެވެ.

އިންޑިއާ އެމްބަސީން ބުނި ގޮތުގައި ކުލަގަދަކޮށް ރަސްމިއްޔާތުގައި ރާއްޖޭގައި ދިރިއުޅެމުންދާ އިންޑިއާގެ ބައެއް ރައްޔިތުންނާއި އެ އެމްބަސީގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސްއަށާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށާއި އެ ގައުމުގެ ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފޮނުއްވައިފައެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީގައި އިތުބާރުހުރި ބައިވެރިއެއް ކަމަށެވެ.

ރައީސް ވިދާޅުވީ ދެ ގައުމުގެ ވެރިންގެ މެދުގައި ކުރެވޭ މުއާމަލާތްތަކާއި ދެ ގައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި ކުރެވޭ މުއާމަލާތްތައް އިތުރުވެފައިވާ ކަމަށާއި އެކަމާއި އެމަނިކުފާނު އުފާކުރައްވާ ކަމަށެވެ. އެ މުއާމަލާތްތައް އިތުރުވެފައިވަނީ އިންޑިއާ އާއި ރާއްޖޭ ގެ ވަރުގަދަގުޅުމުގެ ސަބަބުން ކަަމަށް ވިދާޅުވިއެވެ.

އިނގިރޭސިންގެ އަތްދަށުން މިނިވަންކަން އިންޑިއާއަށް ލިބިފައިވަނީ 1947 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަސް އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި އެގައުމުން ދަނީ ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.

މިއަހަރު ފާހަގަކުރަމުންދަނީ އިންޑިއާގެ 79 ވަނަ މިނިވަން ދުވަހެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay