
އައްޑޫ ނޭޗަރ ޕާކު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ފެށިގެން ކުރިޔަށް!

އާމިނަތު ޝަޒްލާ - 04 އޯގަސްޓު 2026 - 11:14
އައްޑޫސިޓީގައި ހުރި ނޭޗަރ ޕާކުތައް މަރާމާތުކޮށް، އެ ތަންތަނުގެ ފެންވަރު މަތިކުރުމުގެ އަމަލީ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީގައި ހުރި ނޭޗަރ ޕާކުތައް ވެސް މަރާމާތުކޮށް، އަލުން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަމަލީ މަސައްކަތް ފެށުމުގެ ކުރިން މިކަމާ ގުޅޭ ޚާއްސަ ތަމްރީނުތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރުން މިހާރު ވަނީ އައްޑޫ ސިޓީއަށް ގޮސް، މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސްފައެވެ. އަދި މަސައްކަތް ކުރިއަށްދާ ސަރަޙައްދުތައް ފާހަގަކޮށް، މަޝްރޫޢާ ގުޅޭ މަޢުލޫމާތު ހިމެނޭ ބޯޑުތައް ވެސް މިހާރު ވަނީ އެ ސަރަޙައްދުތަކުގައި ހަރުކޮށްފައެވެ.
މިއީ ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް އަދި އޮސްޓްރޭލިއަން އެއިޑްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. ރާއްޖޭގައި މި މަޝްރޫޢު ތަންފީޒުކުރަމުންދަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ބެލުމުގެ ދަށުންނެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އައްޑޫގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް، ނޭޗަރ ޕާކުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ގާއިމުކޮށްދިނުމެވެ. މީގެ އިތުރުން، މި ތަންތަނަކީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަކީ ވެސް މި މަސައްކަތުގެ މުހިންމު ބައެކެވެ.
މި މަސައްކަތުގެ ސަބަބުން އައްޑޫގެ ތިމާވެށީގެ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ތިމާވެއްޓާއި ބޭހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެލްޖީއޭ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުމަކީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާންކުރުން : ރައީސް ނަޝީދު
4 ގަޑިއިރު ކުރިން
ޑީއެންއާރުގެ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
4 ގަޑިއިރު ކުރިން

ކިނޮޅަސް ކައުންސިލް އިމާރާތުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެ
4 ގަޑިއިރު ކުރިން

ކޮންގޯގައި އެބޯލާ ފެތުރި މަރުވި މީހުންގެ އަދަދު 1,700 އަށްވުރެ މައްޗަށް!
8 ގަޑިއިރު ކުރިން


