logo

ފަޒީސް ހިޖާމާގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

profile

ޝުރުފާ މުހަންމަދު - 22 ސެޕްޓެމްބަރު 2024 - 13:50

ފަޒީސް ހިޖާމާ ކްލިނިކް--- ފޮޓޯ: ސޯޝަލް މީޑިއާ

ފަޒީސް ހިޖާމާ ކްލިނިކް--- ފޮޓޯ: ސޯޝަލް މީޑިއާ

ހެލްތު މިނިސްޓްރީގެ ހުއްދަ ނެތި ހިޖާމާ ޖަހާތީ، ހުޅުމާލޭގައި ހިންގަމުން އަންނަ ފަޒީސް ހިޖާމާ ކްލިނިކްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހުން ބަލަން ފެށީ ހެލްތު މިނިސްޓްރީން އެ މައްސަލަ ހުށަހެޅުމުން ކަމަށެވެ.

މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް "އަސްލު ޓީވީ" އަށް ވިދާޅުވީ ގަވާއިދާ ޚިލާފަށް ހެލްތު މިނިސްޓްރީގެ ހުއްދަ ނެތި އެތަން ހިންގަމުން އަންނާތީ ބަންދުކުރަން މިނިސްޓްރީން ތަކުރާރުކޮށް އަންގާފައިވާ ކަމަށެވެ. އެކަމަކު މިނިސްޓްރީގެ އެންގުމާ ޚިލާފަށް އަދިވެސް އެތަން ހިންގަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ހެލްތު މިނިސްޓްރީން މި މަހުގެ 12 ވަނަ ދުވަހު ނެރުނު އިއުލާނުގައި ވަނީ، އެތަން ހިންގަމުން އަންނަނީ ރަޖިސްޓްރީ ނުކޮށް ކަމަށާއި، ލައިސެންސް ލިބެންދެން އެ ތެރަޕީގެ ހިދުމަތްތައް ހުއްޓާލުމަށް ފަޒީލާއަށް އަންގާފައިވާ ކަމަށެވެ. އެ ޚިދުމަތް މެދުކަނޑާ ނުލައިފި ނަމަ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓްރީން ދިނެވެ.

އެކަމަކު އެ އެންގުމާ އެކުވެސް ފަޒީލާ ވަނީ ސޯޝަލް މީޑިއާގައި އެ މިނިސްޓްރީއަށް ގޮން ޖަހާފައެވެ.

މިނިސްޓްރީން ބުނީ، އެ މިނިސްޓްރީގެ އެންގުމަށް އެތަން ބަންދުކޮށްފައި ނުވާތީ އެ މައްސަލަ ބަލައި އެތަން ބަންދުކޮށްދޭން އެދި މިދިޔަ ހަފްތާ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ފަޒީސް ހިޖާމާ ކްލިނިކްގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ވެސް އޭނާގެ ކްލިނިކުން ޚިދުމަތް ހޯދި ކްލަޔަންޓުންތަކެއް އެކަމުގެ ޝަކުވާ ކޮށްގެންނެވެ.

tel:+9607331319