logo
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް, ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް, ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ތިން އަހަރުގެ ބަޖެޓުން އެތައް މިލިއަނެއް ޚަރަދުކުރި ނަމަވެސް އެންމެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމެއް ނުލިބޭ: އައްބާސް

profile

އާމިނަތު ޝަޒްލާ - 02 ނޮވެމްބަރު 2026 - 11:28

ދައުލަތުގެ ބަޖެޓުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އެތައް މިލިއަން ރުފިޔާއެއް ކަނޑައަޅައި ޚަރަދުކުރި ނަމަވެސް، އޭގެ ތެރެއިން އެންމެ ރައްޔިތަކަށް ވެސް އަދި މިހާތަނަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިފައި ނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މެންބަރު އައްބާސް މިކަން ހާމަކުރައްވާފައިވަނީ މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވަނީ ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތު އިންތިހާއަށް ދަށަށް ގޮސް، ރައްޔިތުން ތަޙައްމަލު ކުރަމުންދާ ތަކުލީފުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ސަރުކާރަށް ސުވާލުތަކެއް އަމާޒުކުރައްވާފައެވެ.

View post on Twitter

މެންބަރު އައްބާސް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމުގައި ވީނަމަވެސް، ފާއިތުވި ތިން އަހަރުގެ ދައުލަތުގެ ބަޖެޓުގައި މި ދާއިރާއަށް ބޮޑެތި ޢަދަދުތަކުން ފައިސާ ހިމަނައިގެން ކުރިއަށް ގެންދިޔަ މަޝްރޫޢުތަކުން ރައްޔިތުންނަށް ވީ އެއްވެސް ފައިދާއެއް ނެތެވެ. އަދި ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުވެގެން ދިޔައިރު، އެންމެ ރައްޔިތަކަށް ވެސް އަލަށް ބޯހިޔާވަހިކަމެއް ލިބިފައި ނުވާކަމީ ކަންބޮޑުވާންޖެހޭ ޙަޤީޤަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ އިތުރުން ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އިޝާރާތް ކުރައްވަމުން އައްބާސް ވިދާޅުވީ، މީގެ ކުރިން އެއްވެސް ދަތިކަމެއް ނެތި ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބެމުންދިޔަ ޒަރޫރީ މުހިންމު ބޭސްތައް މިހާރު ފާމަސީތަކުންނާއި ހޮސްޕިޓަލްތަކުން ލިބުން ދަތިވެ، ޢާންމުން ބޮޑު ހާސްކަމެއްގެ ތެރޭގައި ތިބެންޖެހިފައިވާ ކަމަށެވެ. މިއީ ރައްޔިތުންގެ އަސާސީ ޙައްޤަކަށް އުނިކަން އަންނަ ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޤައުމުގެ މާލީ ޙާލަތަށް ފާޑުވިދާޅުވަމުން މެންބަރު ފާހަގަކުރެއްވީ، އެއް އަހަރުން އަނެއް އަހަރަށް ސަރުކާރުން އެކި ނަންނަމުގައި ފާޑުފާޑުގެ ޓެކުސްތައް އިތުރުކޮށް ބޮޑުކުރަމުން ދިޔަ ނަމަވެސް، އިޤްތިޞާދަށް ދިރުމެއް ނުލިބޭ ކަމަށެވެ. އަދި ވިޔަފާރިވެރިންނަށާއި އަމިއްލަ އެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށްދާ ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް އަދިވެސް ޑޮލަރު ލިބެން ނެތް މައްސަލައަށް އެދެވޭ ޙައްލެއް ގެނެވިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ދައުލަތް ހިންގުމުގެ ދެފުށް ފެންނަ މިންވަރު ކުޑަވެފައިވާ ކަން ފާހަގަކުރައްވައި އައްބާސް ވިދާޅުވީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (އާރް.ޓީ.އައި) ގެ ދަށުން ސަރުކާރުގެ އިދާރާތަކުން މަޢުލޫމާތު ހޯދަން އެދުމުން ވެސް އެ މަޢުލޫމާތުތައް ފޯރުކޮށްނުދީ ހިފަހައްޓަމުންދާ ކަމަށެވެ.

މި ހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލި، އިންފްލޭޝަން މައްޗަށް ގޮސްފައިވާތީ، ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، "އަނގައާއި އަތާއި ދިމާނުވާ" ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވިދާޅުވެ މެންބަރު އައްބާސް ވަނީ ފުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އެކި ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނަމުންދާ މި ދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޢާންމު ރައްޔިތުން ގެންދަނީ ތަކެތީގެ އަގުބޮޑުވުމާއި އަސާސީ ޚިދުމަތްތައް ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ.

https://wamco.com.mv/
tel:+9607331319