logo
ރޯޔަލްސް އާއި ގަސްދޮށު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގައްދޫ ޑަބްލިޔުޑީސީ

ރޯޔަލްސް އާއި ގަސްދޮށު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގައްދޫ ޑަބްލިޔުޑީސީ

ފަސޭހަކަމާއެކު ރޯޔަލްސް ބަލިކޮށް ގަސްދޮށުން ޕްލޭއޮފްގެ ޖާގައެއް ކަށަވަރުކޮށްފި

profile

ހަސަން ޝަމްއޫން - 28 ޖޫން 2025 - 21:36

ގައްދޫގައި މިހާރު ކުރިއަށްދާ ޑަބްލިޔުޑީސީ ހޭންޑްބޯޅަ ޓޯނަމެންޓް 2025 ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު 10-0 ތަފާތުބޮޑު ނަތީޖާއަކުން ރޯޔަލްސް ބަލިކޮށް ގަސްދޮށުން ޕްލޭއޮފްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

https://wamco.com.mv/

މުބާރާތުގައި ރޯޔަލްސް ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 4-3 ގެ ނަތީޖާއަކުން ޓްރެއިން ބޭންޑް އަތުން ބަލިވެފައިވާއިރު، ދެވަނަ މެޗުގައި ޒީރޯ ގްރެވިޓީ އަތުން އެޓީމު ބަލިވީ 16-2 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ގަސްދޮށުގެ ފުރަތަމަ މެޗުގައި 13-04 ގެ ނަތީޖާއަކުން ޒީރޯ ގްރެވިޓީ އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 9-1 ގެ ނަތީޖާއަކުން ޓްރެއިން ބޭންޑް ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގަސްދޮށުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ގަސްދޮށު ޓީމު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ގަސްދޮށުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ގަސްދޮށު ޓީމުގެ އާމިނަތު ނައުޝީން އަދި ހިޝާމާ މުހައްމަދު މިއިން ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އައިޝަތު ޝިޒުނީ ސަޖުނާ މުހައްމަދު މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގަސްދޮށު ޓީމުގެ ހިޝާމާ މުހައްމަދު އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޕްލޭއޮފް މެޗުން ޖާގަހޯދިއިރު، މިމެޗުން ބަލިވި ރޯޔަލްސް ކުޅުނު ތިން މެޗުން ވެސް ބަލިވެ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.

26 ޖޫން 2025 އިން 1 ޖުލައި 2025 ގެ ނަޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ޓީމުގެ މެދުގައި ޕްލޭ އޮފް މެޗެއް ކުޅެ ކުރިހޯދާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.

މީގެ އިތުރުން މުބާރާތުގެ ޗެންޕިއަން ޓީމަށް 7،000 އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ އިތުރުން މުބާރާތުގެ ފެއާޕްލޭ ޓީމަށް 3،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ މިމުބާރާތުގެ އޮފިޝަލް މީޑިޔާ ޕާޓްނަރަކީ އަސްލު ސްޕޯޓްސް އެވެ.

https://wamco.com.mv/
https://www.aslu.com.mv