logo

ލުބުނާނަށް ހަމަލާދިނުން ހުއްޓާލައިފި، ލުބުނާނު ސިފައިންގެ ފައުޖެއް ދެކުނުގައި ރުކުރުވާލަނީ

profile

ސައިފް އަޒުހަރު - 27 ނޮވެމްބަރު 2024 - 15:12

ހަމަލާތައް ހުއްޓާލުމާއެކު ލުބުނާނުގެ ދެކުނުގެ އާންމުން އެމީހުންގެ ގެދޮރަށް ދިއުމަށް ދަތުރުފަށާފައި:

ހަމަލާތައް ހުއްޓާލުމާއެކު ލުބުނާނުގެ ދެކުނުގެ އާންމުން އެމީހުންގެ ގެދޮރަށް ދިއުމަށް ދަތުރުފަށާފައި:

އިސްތިއުމާރީ އިސްރާއީލުގެ އުދުވާނީ ބާރުތަކުން ލުބުނާނަށް ދެމުން ގެންދިޔަ ހަމަލާތައް ހުއްޓާލައިފިއެވެ.

ހަމަލާތައް ހުއްޓާލީ، އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް މިއަދު އަމަލުކުރަން ފެށުމާ ގުޅިގެންނެވެ. މިއީ، އެމެރިކާ މެދުވެރިގެން ވެވުނު އެއްބަސްވުމެކެވެ.

އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމުގައިވަނީ، ލުބުނާނުގެ ދެކުނަށް އަރާފައިވާ އިސްރާއީލު ސިފައިން ދެކުނުން ފޭބުމާއި، ލުބުނާނުގެ ދެކުނު ފަޅީގެ ސަލާމަތީ ކަންކަން ލުބުނާނުގެ ސިފައިން ބެލެހެއްޓުން ހިމެނެއެވެ.

އަދި ހިޒްބުﷲގެ ފައުޖުތައް އިސްރާއީލު ބޯޑަރާ 30 ކިލޯމީޓަރު ފަހަތަށް، ލިޓާނީ ކޯރުގެ ފަހަތަށް ޖެހުންވެސް އެއްބަސްވުމުގައި ހިމެނެއެވެ.

އެހެންވެ، ލުބުނާނުގެ ބޮޑުވަޒީރު ނަޖީބު މިކާތީ މިއަދުވަނީ ލުބުނާނު ސިފައިންގެ ވެރިޔާ ޔޫސުފް އައޫންއާ ބައްދަލު ކުރައްވައި، ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގައި ސިފައިންގެ ފައުޖުތައް ގާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ލުބުނާނު ސަރުކާރުގެ ޑިފެންސް މިނިސްޓަރ މައުރިސް ސްލީމް ވިދާޅުވީ، ލުބުނާނުގެ ދެކުނުގައި 10،000 ސިފައިންގެ ފައުޖެއް ގާއިމްކުރާނޭ ކަމަށެވެ.

އިސްރާއީލުގެ އުދުވާނީ ބާރުތަކުން ލުބުނާނުގެ ވެރިރަށް ބެއިރޫތާއި، ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކާއި، އެއްގަމުމަގުން އަރައި ދިން ހަމަލާތަކުގައި 3،823 މީހުން މަރުވެ، 15،859 މީހުން ޒަޚަމްވިއެވެ.

އަދި އުމްރާނީ ބޮޑެތި އެތައް ގެއްލުންތަކެއް ލިބުނުނުއިރު، އެތައްހާސް ބައެއްގެ ގެދޮރު ހަލާކުވެ މަގުމަތިވިއެވެ.

ޚަބަރުތައް ބުނާގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، އާންމުން މިހާރުވަނީ އެމީހުން ދިރިއުޅެމުންދިޔަ ރަށްތަކަށް އެނބުރި އަންނަން ފަށާފައެވެ.

ހުރިހާ އެންމެންވެސް އުންމީދުކުރަމުން ގެންދަނީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކީ ދާއިމީ އެއްބަސްވުމަކަށް ވުމަށެވެ.

https://wamco.com.mv/
tel:+9607331319