logo

ނެރެންވީ ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނޫން، މެރުމުގެ އަމުރު: ޚާމަނާއީ

profile

ސައިފް އަޒުހަރު - 25 ނޮވެމްބަރު 2024 - 16:03

އިސްރާއީލުގެ ވެރިންގެ މައްޗަށް ނެރެންވީ މެރުމުގެ އަމުރު ކަމަށާއި، ހައްޔަރުކުރުމުގެ އަމުރު ނޫންކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އާޔަތުﷲ އަލީ ޚާމަނާއީއަކީ އީރާނުގެ ކަންކަންކަމުގައި އެންމެ ފަހުބަސް ވިދާޅުވާ ބޭފުޅާއެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޚާމަނާއީ ވިދާޅުވީ، އިސްތިއުމާރީ ބާރުގެ ބޮޑު މުޖުރިމު ނަތަންޔާހޫއާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ގަލަންޓް ހައްޔަރުކުރަން އަމުރެއް ނެރުމަކުން ނުފުދޭ ކަމަށާއި، އޭނާގެ މައްޗަށް ނެރެންޖެހެނީ މެރުމުގެ އަމުރު ކަމަށެވެ.

ނަތަންޔާހޫއާއި، ގަލަންޓް އަދި ހަމާސްގެ އަސްކަރީ ގޮފީގެ ވެރިޔާ މުޙައްމަދު ދިއާބް އިބްރާހިމް އަލް-މަސްރީ ހައްޔަރުކުރުމުގެ އަމުރު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނެރުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އަމުރުގެ ހުކުމާއެކު އައިސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ނަތަންޔާހޫއާއި ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ނެރުނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހާއި، 2024 ވަނަ އަހަރުގެ މެއިމަހުގެ 20 ވަނަ ދުވަހާ ދެމެދު ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކާއި، ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލައިގައި ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ، ޣައްޒާގެ އާންމުންނަށް، ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ތަކެތިން މަހުރޫމްކޮށް، ކާނާއާއި ފެނާއި ބޭހާއި ސިއްހީ ސާމާނު އެތެރެކުރިޔަނުދީ، އަދި ކަރަންޓް ކަނޑާލައި ތެޔޮ އެތެރެކުރުން، ނަތަންޔާހޫއާއި ގަލަންޓް ހުއްޓުވީ ގަސްތުގައި ކަމަށް ގަބޫލު ކުރެވޭ ވަރަށް ހެކިތައް ކޯޓަށް ލިބިފައިވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާ އަދި ލުބުނާނުގައި މިހާރު ހިންގާ އުދުވާނުތަކަށް އިޝާރާތް ކުރައްވައި ޚާމަނާއީ ވިދާޅުވީ، މެދުއިރުމަތީގައި އަނިޔާވެރިކަން ހިންގުމަކީ އެމެރިކާގެ ކަމެއް ކަމަށާއި، އޭގެ ބޭނުމަކީ ސަރަހައްދުގެ ކޮންޓްރޯލް އެމެރިކާއަށް އޮތުމަށް ކަމަށެވެ.

ނަމަވެސް، އާންމުންގެ ބޮލަށާއި، ގެތަކަށް ބޮންއެޅިޔަސް ދުޝްމަނުންނަށް ހާސިލްވާނެ ކާމިޔާބީއެއް ނެތް ކަމަށާއި، ހާސިލްވާނެ އެއްޗެއްވެސް ނޯންނާނެ ކަމަށް އީރާނުގެ ރޫހީ ލީޑަރު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319