logo

ސައުދީ އެއާލައިންގެ މަތިންދާބޯޓަކަށް ދިން ހަމަލާއަކާ ގުޅިގެން، ރިޔާޒަށް ކުރާ މެދުކަނޑާލައިފި

profile

އާމިނަތު ޝަޒްލާ - 09 އޮކްޓޯބަރު 2026 - 14:04

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ އެއާޕޯޓުގައި އޮތް ސައުދީ އެރޭބިއަން އެއާލައިންސް (ސައުދިއާ) ގެ މަތިންދާބޯޓަކަށް އަމާޒުވި ހަމަލާއަކާއި، ޔަމަނުގެ ހޫތީން ދެމުންދާ އިންޒާރުތަކާ ގުޅިގެން، ބައިނަލްއަގުވާމީ ބޮޑެތި އެއާލައިންތަކަކުން ރިޔާޒަށް ކުރާ ދަތުރުތައް ކުއްލި ގޮތަކަށް މެދުކަނޑާލައިފިއެވެ.

https://wamco.com.mv/

މައުލޫމާތު ލިބިފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ރިޔާޒުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލެއްގައި ޕާކުކޮށްފައި އޮތް ސައުދިއާގެ މަތިންދާބޯޓެއްގައި ވަނީ އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މިއީ މިސައިލެއް ނުވަތަ މިސައިލެއްގެ ބައެއް ވެއްޓިގެން ހިނގި ހާދިސާއެއް ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެފައިވެއެވެ. މި ހާދިސާ ހިނގި ވަގުތު ބޯޓުގައި ފަސިންޖަރުން ނެތް ކަމަށް ބެލެވުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ސައުދީ ސަރުކާރުންނާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި ސައުދިއާ އެއާލައިންސުން އަދި މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުދަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، މި ހަފުތާގައި ރިޔާޒު އެއާޕޯޓަށާއި ދެކުނު ހުޅަނގުގައި އޮންނަ އަބްހާ އެއާޕޯޓަށް ދިން ހަމަލާތަކުގައި ތިން މީހުން ވަނީ މަރުވެފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ޖަރުމަނުގެ މަޝްހޫރު ލުފްތަންސާ ގްރޫޕުން ވަނީ މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކަށް ބަލައި، އެ ގްރޫޕުގެ އެއާލައިންތަކުން ރިޔާޒަށް ކުރާ ދަތުރުތައް އަންނަ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާފައިވާ ކަމަށް ބުރާސްފަތި ދުވަހު އިއުލާނުކޮށްފައެވެ.

މީގެ އިތުރުން، އިންޑިއާގެ ތިން އެއާލައިނަކުން ވެސް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ރިޔާޒުގެ ދަތުރުތައް ހުއްޓާލާފައެވެ. އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯއިން އޮކްޓޫބަރު 9 ގެ ނިޔަލަށް ދަތުރުތައް ކެންސަލްކޮށްފައިވާއިރު، އެއަރ އިންޑިއާ އަދި އަކާސާ އެއަރއިން ވަނީ އޮކްޓޫބަރު 10 ގެ ނިޔަލަށް ރިޔާޒަށް ކުރަން ހަމަޖެހިފައިވާ ހުރިހާ ފްލައިޓްތަކެއް ކެންސަލްކުރިކަން ކަށަވަރުކޮށްދީފައެވެ. އެއަރ އިންޑިއާއިން ބުނި ގޮތުގައި ބުރާސްފަތި ދުވަހު ދިއްލީން ރިޔާޒަށް ދަތުރުކުރި ފްލައިޓެއް ވަނީ ވަކި ހިސާބަކުން އަނބުރާ ދިއްލީއަށް ޖައްސާފައެވެ. އަދި އަކާސާ އެއަރއިން ވެސް ވަނީ ދެ ދަތުރެއް ކެންސަލްކޮށްފައެވެ.

ފްލައިޓްރޭޑަރ24 އަދި އޭވިއޭޝަން އެނަލިޓިކްސް ފާމެއް ކަމަށްވާ 'ސީރިއަމް' ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބުރާސްފަތި ދުވަހުގެ ޖީއެމްޓީން 15:00 އާ ހަމައަށް ރިޔާޒު އެއާޕޯޓުން ފުރަން އޮތް ފްލައިޓްތަކުގެ %49.7 ވަނީ ކެންސަލްކޮށްފައެވެ. މީގެއިތުރުން ހުކުރު ދުވަހު ވެސް ސައުދީގެ އެކި އެއާޕޯޓުތަކުން އިތުރު 31 ފްލައިޓެއް ކެންސަލްވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

މި ހާދިސާތަކާ ގުޅިގެން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރަމުންދާއިރު، ބައިނަލްއަގުވާމީ ގިނަ ފްލައިޓްތަކެއްގެ ދަތުރުތައް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކެންސަލްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319