logo

ގާތުން ދިނުމަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ބިންގާ: މެޑަމް ސާޖިދާ

profile

އާމިނަތު ޝަޒްލާ - 02 އޯގަސްޓު 2026 - 11:53

ކުއްޖާއަށް ގާތުން ދިނުމަކީ އެކުއްޖާގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދީ، މުޅި ޢުމުރަށް ދެމިގެންދާ ދުޅަހެޔޮކަމުގެ ބިންގާ އެޅިގެންދާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާއާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އެކަމަނާ ވިދާޅުވީ، ގާތުން ދިނުމުގެ ސަބަބުން މައިމީހާއާއި ދަރިފުޅާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާ ކަމަށެވެ. އަދި މައިން ދަރިފުޅަށްޓަކައި ހޭދަކުރާ ވަގުތާއި ވާ ގުރުބާނީއަކީ މައިވަންތަކަމުގެ ލޯބީގެ ނުހަނު މަތިވެރި މިސާލެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މައިންނާއި ޅަދަރިންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖެއިން މިދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިގޮތުން، ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅަށް ގާތުން ކިރުދިނުމަށް ދެވޭ ވަގުތު ނުވަތަ 'ނާސިންގް ބްރޭކް' އެއް އަހަރުން ދެ އަހަރަށް އިތުރުކޮށްދީފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މުސާރަ ލިބޭ ގޮތަށް ދެވޭ މައިންގެ ޗުއްޓީ (މެޓާނިޓީ ލީވް) ރައްކާތެރިކުރުމާއި، މައިންނާއި ޅަދަރިންގެ ސިއްޙީ ކަންކަން ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ކުދިންގެ ދިރިއުޅުމަށް އެންމެ ދުޅަހެޔޮ ފެށުމެއް ހޯދައިދިނުމަށްޓަކައި، ސަރުކާރުން ދެއްވާފައިވާ މިފަދަ ޙައްޤުތަކާއި ޢިނާޔަތްތަކުގެ ބޭނުން ފުރިހަމައަށް ހިފުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި މައިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި އާއިލާގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ ވަޒީފާދޭ ފަރާތްތަކާއި މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ޤާނޫނަށް މިއަހަރުގެ މާރިޗު މަހު ގެނައި އިސްލާހާއެކު، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނިންމާފައި ވަޒީފާއަށް ނުކުންނަ މައިންނަށް، ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ދުވާލަކު ދެފަހަރު، ކޮންމެ ފަހަރަކު 30 މިނެޓުގެ މުސާރަ ނުކެނޑޭ ވަގުތުކޮޅެއް ދިނުން މިހާރު ވަނީ ލާޒިމްކޮށްފައެވެ. މިއީ ކުރިން އެއް އަހަރު ދުވަހަށް އޮތް ފުރުސަތެއް ނަމަވެސް، އާ އިސްލާހާއެކު މިހާރު މި ފުރުސަތު ދަރިފުޅަށް ދެ އަހަރު ވަންދެން ލިބިގެންދާނެއެވެ.

https://wamco.com.mv/
tel:+9607331319