logo

ގްރީން ފަންޑަށް މިދިޔަ އަހަރު 3.5 ބިލިއަން ރުފިޔާ ލިބުނު: ފިނޭންސް މިނިސްޓްރީ

profile

މުޙައްމަދު ފަޟްލޫން - 25 އޭޕްރީލު 2026 - 18:09

ހުސްވި އަހަރު ގްރީން ފަންޑަށް މިދިޔަ އަހަރު 3.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

https://wamco.com.mv/

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި އެ ފަންޑަށް ޖުމްލަ 2.5 ބިލިއަން ރުފިޔާ ޖަމާވެފައިވެއެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫއުތަކަށް އެ ފަންޑުން މިދިޔަ އަހަރު 275 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން އެ ރިޕޯޓުން ހާމަވެއެވެ.

ގްރީން ޓެކްސް އަކީ ތިމާވެށީގެ އެކި މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަގުސަދުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކްސް އެކެވެ.

މި ޓެކްސް ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތަކުގައި މަޑުކުރާ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މި ޓެކްސް މެދުވެރިކޮށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިސޯޓުތަކުންނެވެ. އެއީ 200 މިލިއަން ރުފިޔާއެވެ.

ދެވަނައަށް އެންމެ ގިނަ އާމްދަނީ ލިބުނު ގެސްޓްހައުސްތަކުން 11.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީގެއިތުރުން، ސިޓީ ހޮޓާތަކުން 2.1 މިލިއަން ރުފިޔާ، ސަފާރީ އުޅަނދުތަކުން 4.7 މިލިއަން ރުފިޔާ، އަދި ހޯމްސްޓޭ ވިޔަފާރިތަކުން 92,403 ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ހުސްވި 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެޕްރީލް މަހުގައެވެ. އެ މަހު ޖުމްލަ 226 މިލިއަން ރުފިޔާ ފަންޑަށް ޖަމާވެފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފައިސާ ލިބިފައިވަނީ ޑިސެމްބަރު މަހުގައެވެ. އެއީ 218 މިލިއަން ރުފިޔާއެވެ.

އަތޮޅުތަކުން ފަންޑަށް ލިބުނު އާމްދަނީއަށް ބަލާއިރު، އެންމެ ބޮޑު ހިއްސާއެއް ވެފައިވަނީ ކ. އަތޮޅުންނެވެ. އެ އަތޮޅުން 74.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން ރ. އަތޮޅުން 21.9 މިލިއަން ރުފިޔާ އަދި އދ. އަތޮޅުން 20.1 މިލިއަން ރުފިޔާ ގްރީން ފަންޑަށް ލިބިފައިވެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ސަރުކާރުން ބޭނުންކުރަމުންދަނީ ރަށްރަށުގެ ތިމާވެށި ހިމާޔަތްކުރުމާއި ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށެވެ.

މީގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން، ކްލީން އެންވަޔަރަމަންޓް ފަދަ ތިމާވެއްޓާ ގުޅުންހުރި މުހިންމު މަޝްރޫޢުތައް ހިމެނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk