logo

ޣައްޒާގައި ވައްޓާލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުން 162 މީހެއްގެ ހަށިގަނޑު ހޯދައިފި

profile

ސައިފް އަޒުހަރު - 23 ޖެނުއަރީ 2025 - 08:27

އިސްތިއުމާރީ އިސްރާއީލު ސިފައިން ހަމަލާދީ، ޣައްޒާއިން ވައްޓައި ބިމާހަމަކޮށްލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުން މިހާތަނަށް 162 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް، ޣައްޒާ ސިވިލް ޑިފެންސުން ބުނެފިއެވެ.

https://wamco.com.mv/

އިސްތިއުމާރީ ބާރުން ދިން ހަމަލާތަކުގައި ޣައްޒާއިން ބިމާހަމަކޮށްލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުގައި ތާށިވެ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކުގައެވެ.

ޓީމުތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 162 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، ގިނައިން ފެނިފައިވަނީ އިންސާނުގެ ކަށިގަނޑުތަކެވެ.

ވައްޓާލާފައިވާ އިމާރާތްތަކުގެ ދަށުވެ 10،000 އަށްވުރެ ގިނަމީހުން ގެއްލިފައިވާ ކަމަށް އާއިލާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި، ސިވިލް ޑިފެންސްގެ ޓީމުތަކާއި އަދި ގެއްލިފައިވާ މީހުންގެ އާއިލާތަކުންވެސް ގެންދަނީ ހަރަކާތްތެރިވަމުންނެވެ.

އެކަށީގެންވާ މެޝިނަރީ ނެތުމުގެ ސަބަބުން ބޮޑެތި ކޮންކްރީޓް ބެރިތަކާއި ޝީޓުތައް ދުރުކުރުމުގައި ދަތިތަކާވެސް ދަނީ ކުރިމަތިވަމުންނެވެ.

އިސްތިއުމާރީ ބާރުން ޣައްޒާއަށް ދިން ހަމަލާތަކުގައި ސިވިލް ޑިފެންސްގެ ގާބިލްކަން ނައްތާލަން އަމާޒުކޮށް އެތައް ހަމަލާއެއް ދީފައި ވެއެވެ.

އެގޮތުން، ޣައްޒާ ސިވިލް ޑިފެންސް އޭޖެންސީގެ މައި މަރުކަޒަށާއި، ސިވިލް ޑިފެންސްގެ ގިނަ އެމްބިއުލެންސްތަކާއި، އަލިފާން ނިއްވާ ލޮރީތަކަށް ހަމަލާދީ ގޮއްވާލާފައި ވެއެވެ.

އިސްތިއުމާރީ ސިފައިންގެ ހަމަލާތަކުގައި ސިވިލް ޑިފެންސްގެ 99 ސްޓާފުން ޝަހީދުވެފައި ވާއިރު، 319 ސްޓާފުން ޒަޚަމްކޮށްލާފައި ވެއެވެ. އަދި 27 ސްޓާފުން ހައްޔަރުކޮށްގެން ގެންދިޔަފަހުން އެމީހުންގެ ޚަބަރެއް ނުވެއެވެ.

އިސްތިއުމާރީ ސިފައިންގެ ހަމަލާތަކާއެކުވެސް ޣައްޒާ ސިވިލް ޑިފެންސް ޓީމުތަކުން އަތްފުނާ އަޅައިގެންނާއި، ވެވުނު ގޮތަކުން މަސައްކަތްކޮށް، އިސްރާއީލުން ބޮންއެޅި އެތައް އިމާރާތެއްގެ ދަށުން 97،000 އަށްވުރެ ގިނަ މީހުން ސަލާމަތް ކުރިއެވެ.

ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި ޒަޚަމްވެފައިވާ މީހުންނަށް އެހީތެރިވުމަށް ނުވަތަ މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރުމަށް އުދުވާނީ ސިފައިން މިހާރުވެސް ހުރަސްއަޅަމުން ގެންދާ ކަމަށް، ޣައްޒާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.

އެގޮތުން، ޣައްޒާގެ އިރުމައްޗާއި، ދެކުނުގެ ސަރަހައްދުތައް، ޚާއްސަކޮށް މިސްރުގެ އިމާ ގާތުގައި އޮންނަ ސަރަހައްދުތަކުގައި އެމްބިއުލެންސަށް ހުރަސްއެޅުމާއި، މީހުން ހޯދުމުގެ މަސައްކަތަށް އިސްތިއުމާރީ ސިފައިން ގެންދަނީ ހުރަސްއަޅަމުންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay