މަސައްކަތު މާހައުލުގައި ނަފްސާނީ ސިއްހަތަށް އިސްކަން ދެވިއްޖެ ނަމަ، އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭ ދުވަހާއި ގުޅިގެން ދެއްވި ހާއްސަ މެސެޖުގަ އެވެ. މިއަހަރުގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވަނީ "މަސައްކަތުގެ ވެށީގައި ނަފްސާނީ ދުޅަހެޔޮކަން" މި ޝިއާރެއެވެ.
މިނިސްޓަރު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އެގޮތަށް އިސްކަން ދެވިއްޖެނަމަ، މުވައްޒަފުންގެ ދުޅަހެޔޮކަން ރަނގަޅުވެ، މުއައްސަސާތަކުގެ އުފެއްދުންތެރިކަން އިތުރުވެގެންދާ ކަމަށެވެ. އެހެންކަމުން، ނަފްސާނީ ސިއްހަތާއި ގުޅޭ ކަންކަމަށް ހޭދަކޮށް އިންވެސްޓުކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"މުވައްޒަފުންނަށް ރައްކާތެރި، އަޅާލާ އޯގާތެރި މަސައްކަތުގެ މާހައުލެއް ބިނާކުރުމަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދީ، ވަޒީފާގެ މަގުސަދުތައް ހާސިލުކުރުމަށް ވަރަށް ބޭނުންތެރިކަމެއް. " މިނިސްޓަރު ވިދާޅުވި އެވެ.
މި މެސެޖުގައި މިނިސްޓަރު ވަނީ، ނަފްސާނީ ބަލިތަކުގެ ސަބަބުން އެއްގޮތަކަށް ވެސް މަސައްކަތް ނުކުރެވުމާއި ގަވާއިދުން މަސައްކަތުގެ މާހައުލުގައި ޝާމިލު ނުވެވުމުން އާމްދަނީއާއި ގައުމުގެ އުފެއްދުންތެރިކަމަށް ވެސް ނޭދެވޭ އަސަރު ކުރާ ކަން ފާހަގަކުރައްވާފަ އެވެ. ނަތީޖާއަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ އިގްތިސޯދަށް 1 ޓްރިލިއަން ޑޮލަރުގެ ގެއްލުން ލިބުމެވެ.
ނަފްސާނީ ބަލީގެ ހާލަތު ރާއްޖޭގައި ވެސް އެއް ދުވަހުން އަނެއް ދުވަހުން ނުރައްކާތެރިވަމުންދާކަން ތަފާސްހިސާބުތަކުން ދައްކާ. ނަފްސާނީ ސިއްހަތަކީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫން ކަމާއި ވަޒީފާދޭ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމައު އެކަމަށް ހޭލުންތެރިވެ ނަފްސާނީ ބަލިކަމާއި ދެކޮޅަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިއްމު ކަމެއް" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ މެސެޖު ނިންމަވާލެއްވީ، "ކޮންމެ ފަރުދަކީ، އަދި ކޮންމެ މުއައްސަސާއަކީ އެކަކު އަނެކަކުގެ ނަފްސާނީ ސިއްހަތަށް އަޅާލައި އެކަމަށް ހޭލުންތެރިވެފައިވާ ބަޔަކަށް ވުމަށް ބާރުއެޅުމަށް" އިލްމާސްކުރައްވަމުން ނެވެ.