logo

ބައްސާމްގެ އެޕާޓުމެންޓުތައް އަތުލުން: ހައި ކޯޓުގައި ކުރި އިސްތިއުނާފު ބަލައިނުގަތް!

profile

ޝާމާ ޝުޢައިބު - 17 އޮކްޓޯބަރު 2024 - 12:33

ބައްސާމް އަދީލް ޖަލީލް

ބައްސާމް އަދީލް ޖަލީލް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު އަމީން އެވެނިއުއިން ގަނެފައިވާ އަގުބޮޑު ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކުރަން ދަށު ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފިއެވެ.

ބައްސާމް އަމީން އެވެނިއުއިން ގަނެފައިވާ އަގުބޮޑު ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކުރަން ދަށު ކޯޓުން ނެރުނު އަމުރު ބައްސާމުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މި މަހުގެ އަށް ވަނަ ދުވަހުގައެވެ. އެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ދެއްވާ ހައިކޯޓުގެ ރެޖިސްޓްރޭޝަންގެ ފަރާތުން 'އަސްލު ޓީވީ'އަށް ބުނީ އެ މައްސަލައިގެ އިސްތިއުނާފު ބަލައިނުގަތުމަށް ކޯޓުގެ ރަޖިސްޓްރަރ ގެ ނިންމެވުމަކުން ނިންމަވާފައިވާ ކަމަށެވެ.

ހުޅުމާލޭން ބައްސާމް ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ހިދުމަތުން ބުނެފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުގައެވެ. އެޕާޓްމަންޓްތައް ހަވާލުކުރުމަށް އޮކްޓޫބަރު 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުންގެ ސިޓީއަކުން އެދުމުން ފުލުހުން ވަނީ އެދުނު މުއްދަތާ ހަމައަށް އެ ފުރުސަތު އިތުރުކޮށްދީފައެވެ. ބައްސާމްގެ ފަރާތުން ފޮނުވި ސިޓީގައި އޭނާގެ ހާލަތު ބަޔާންކޮށް ބުނެފައިވަނީ، އެޕާޓްމަންޓު ހަވާލުކޮށްފިނަމަ އަނބިދަރިންނާއި އެކު ދެން ދިރިއުޅޭނެ އިތުރު ތަނެއް މިވަގުތު ނެތް ކަމަށެވެ.

ފުލުުުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ކޯޓު އަމުރުގެ ދަށުން އެޕާޓްމެންޓްތައް ހުސްކޮށް ސެޕްޓެމްބަރު 28 އިން ފެށިގެން 136 ގަޑިިއިރު ތެރޭ ފުލުހުންނައި ހަވާލު ކުރަން އެންގި ނަމަވެސް، އިތުރު މުއްދަތެއް ހޯދުމަށް ޖެހިގެން އައި ދުވަހު ފުލުހުންގެ ހިދުމަތުގައި އެދުނު ކަމަށެވެ. އަދި އެ ހުށަހެޅުމަށް ރިއާޔަތްކޮށް އޮކްޓޯބަރު ހަ ވަނަ ދުވަހުގެ 12:00 އާ ހަމައަށް މުއްދަތު އިތުރުކޮށްދީފައިވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އެންގުމާއި ގުޅިގެން މުއްދަތު އިތުރުކޮށްދިނުމަށް ބައްސާމް މިމަހުގެ 4 ވަނަ ދުވަހު އެދުނުއިރު، ފުލުހުން އިތުރަށް ދިރާސާކޮށް ބެލި ބެލުމުން އެދިފައިވާގޮތަށް މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންކަމުން އޮކްޓޯބަރު 8 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް އެޕާޓްމެންޓް ހަވާލު ނުކޮށްފިނަމަ ގާނޫނީ އިމުގެ ތެރެއިން އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ވާހަކަ ފުލުހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެ ދެ އެޕާޓްމެންޓް އެރޭ 12:00 ގައި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަަމަށެވެ.

އެފްއޭއެމަށް ފީފާއިން ދިން ފައިސާއިން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ މިދިޔަ މަހު ފޮނުވާފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މީގެކުރިން ބުނެފައިވަނީ، އެ ދެ އެޕާޓްމަންޓް ގަތުމަށްފަހު ފައިސާގެ އަސްލު އޮޅުވާލުމަށް ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައިވާއިރު، އެފްއޭއެމްގެ ފައިސާ އިން އެއްމިލިއަން އެމެރިކާ ޑޮލަރު އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާ ކަމަށެވެ. އަދި އެ އަދަދަށްވާ ދިވެހި ފައިސާ ދެއްކިކަމަށް ހެދުމަށްޓަކައި ލިޔެކިޔުން ވެސް ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން އެފްއޭއެމް އިން ވެސް އެ ފައިސާ ލިބުނުކަމަށް ހެދުމަށްޓަކައި ކުންފުންޏަކުން ލޯނެއް ނަގާފައިވާ ކަމަށާއި، އެ އަދަދާއި، އަމީން އިން އެފްއޭއެމް އަށް ފައިސާ ދެއްކިކަމަށް ބުނެ ތައްޔާރުކޮށްފައިވާ ރަސީދުގައިވާ އަދަދާ ދިމާވާވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެފްއޭއެމްގެ ހިޔާނާތް ބައްސާމްގެ މައްޗަށް ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

https://wamco.com.mv/
tel:+9607331319