logo

މިއަދު އެކަނި މާލެ ސަރަހައްދުން 38 ޓަނު ކުނި ނެގި

profile

ޝުރުފާ މުހަންމަދު - 13 މާރިޗު 2024 - 22:00

މާލޭ މަގުމަތީގައި ކުނި ބެހެެއްޓުމުގެ ސަބަބުން މުޅި މާލެ ވަނީ ގޮނޑުވެފައި ؛ ފޮޓޯ މިހާރު

މާލޭ މަގުމަތީގައި ކުނި ބެހެެއްޓުމުގެ ސަބަބުން މުޅި މާލެ ވަނީ ގޮނޑުވެފައި ؛ ފޮޓޯ މިހާރު

މާލެ ސަރަހައްދުން އިއްޔެ އެކަނި 38 ޓަނު ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރަކު ވެސް ރަމަޟާން މަހާއި ދިމާކޮށް، ފެންމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގޭބީސީތަކުން ނެރޭ ކުނި މާލެ މަގުތައް މަތީގައި ގިނަވެފައި ހުރުމެވެ. މި މައްސަލަ މި އަހަރުވެސް ބޮޑުވެފައިވާއިރު، ފާއިތުވެދިޔަ ދެ ހަފްތާ ތެރޭގައި މާލެ ސިޓީ ކައުންސިލް އަދި ވެމްކޯއިން ގުޅިގެން ވަނީ މާލެ ސަރަހައްދުން ކުނި ނެގުމުގެ މަސައްކަތްތައް ކޮށްފައެވެ.

އެކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ އިއްޔެ އެކަނި ވެސް މާލެ ސަރަހައްދުން 38 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އަދި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ވެސް މާލެ ސަރަހައްދުން ސިޓީ ކައުންސިލްގެ މުވައްޒަފުން 60 ޓަނު ކުނި ނަގާފައިވެއެވެ. މާލެ މަގުމައްޗަށް ކުނި އަޅާ މައްސަލާގައި މިހާތަނަށް 100 މީހަކު ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.

މޭޔަރ ވިދާޅުވީ މިދިޔަ 17 ދުވަސްތެރޭ 263.5 ޓަނުގެ ކުނި މާލެ ތެރެއިން ނަގާފައިވާ ކަމަށެވެ. އަދި އެއީ 25 ފޫޓުގެ 10 ކޮންޓޭނަރުގެ ކުނި ކަމަށް ވެސް ވިދާޅުވިއެވެ. ކުނި ނެގުމުގެ މަސައްކަތުގެ އިތުރަށް ބޮޑުތަކުރުފާނު މަގު ބާޒާރު ސަރަޙައްދު ޒައިތުންމާ ކުރިމަތީ ޕޭވްމެންޓް މަތީ މުދާ އަތުރައިގެން ވިޔަފާރި ކުރަމުންދާތީ އެކަންތައް ހުއްޓުވާ ޕޭވްމެންޓު ވަނީ ހުސްކޮށްފައެވެ.

މާލެ ސަރަހައްދަށް ކުނި އަޅާ މައްސަލާގައި، މޭޔަރ އާދަމް އާޒިމް މީގެ ކުރިން ވިދާޅުވީ މާލެ ސަރަހައްދަށް ކުނި ގިނަވާ މައްސަލާގައި އެކަމަށް ފިޔަވަޅު ނޭޅޭ އެންމެ ބޮޑު އެއް ސަބަބަކީ އެކަން ކުރަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ވުމުން ކަމަށެވެ. އެގޮތުން ގޭބީސީތަކުން ކުނި ނެރެން ހަވާލުކުރަނީ އެމީހުންނަށް ކަމަށާއި، އެމީހުން މަގުތައް މަތީގައި ކުނި ބަހައްޓާއިރު، އެމީހުންގެ މައްޗަށް ގާނޫނެއް ގަވާއިދެއް ނުހިނގާ ކަމަށެވެ. މިކަންތައް ސިޓީ ކައުންސިލްގެ ފަރާތުން ވެސް ތަކުރާރުކޮށް ފުލުހުންނަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ފުރަތަމަ ހައްލުކުރަންވީ އެ މައްސަލަ ކަމަށާއި، އެކަން ހައްލުވާނީ ތަންފީޒީ އިދާރާތަކަށް ކަމަށެވެ.

އާޒިމް ވިދާޅުވީ ކުނީގެ މައްސަލަ އަކީ އެކަމުގައި ފަރުދީ ޒިންމާގެ ދައުރު ވަރަށް ބޮޑު ކަމެއް ކަމަށެވެ. ބޭނުންވަނީ ބަޔަކު ކުނި އަޅާ ވަރަކަށް އެ ކުނި ނެގޭނެ ނިޒާމެއް ނޫން ކަމަށާއި، އަމިއްލައަށް އުފައްދާ ކުންޏާ އަމިއްލައަށް ޒިންމާވާން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އާޒިމް ވަނީ ރޯދައަށް ގޭ ތެރެ ސާފުކުރުމުން އެކަނި ނުނިމޭ ކަމަށާއި، ތިމާ ދިރިއުޅޭ މުޅި ސަރަހައްދުގެ ސާފުތާހިރު ކަމަށް ވެސް ސަމާލުވާން ޖެހޭކަން އާންމުންނަށް ހަނދާންކޮށްދީފައެވެ.

https://int.etukuri.mv/
tel:+9607331319