logo
 ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް, ފޮޓޯ: ސޯޝަލް މީޑިއާ

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް, ފޮޓޯ: ސޯޝަލް މީޑިއާ

އާރަށު މައްސަލައިގަ ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ބޭރުކޮށްލައިފި

profile

އާމިނަތު ޝަޒްލާ - 02 ނޮވެމްބަރު 2026 - 11:09

ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ނިންމަވާފައިވާ ބައެއް ނިންމެވުންތަކާ ގުޅިގެން، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވި އިސްތިއުނާފީ މައްސަލަ ބޭރުކޮށްލައިފިއެވެ.

https://wamco.com.mv/

މި މައްސަލައަކީ ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ، ކާކުކަން ކަށަވަރުނުކުރެވޭ އޯޑިއޯ ރެކޯޑިންތަކެއް ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކުރުމަށް އެދި ހުށަހެޅި މައްސަލައެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅި މި މައްސަލައިގައި އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވަނީ، އެ ހެކިތައް ބަލައިނުގަތުމަށް ކަނޑައަޅައިދިނުމަށާއި، މިފަދަ ކަންކަމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައިދިނުމަށެވެ.

ނަމަވެސް، ހައިކޯޓުގެ ރަޖިސްޓްރާ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ނިންމަވާފައިވަނީ މި މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ. އެހެންނަމަވެސް، ކޯޓުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ރަޖިސްޓްރާގެ މި ނިންމެވުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި މުރާޖައާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު އަދިވެސް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ޓީމުން މީގެ ކުރިން ފާހަގަކުރައްވާފައިވާ ގޮތުގައި، ދައުލަތުން ހުށަހަޅާފައިވާ 2013 ވަނަ އަހަރުގެ އެ އޯޑިއޯތަކުގެ އެނަލިސިސް ރިޕޯޓެއް ހުށަހަޅާނެ ކަމަށް ކުރިން ބުނި ނަމަވެސް، ފަހުން ވަނީ އެފަދަ ރިޕޯޓެއް ހެދެން ނެތް ކަމަށް ބުނެފައެވެ. އަދި 2015 ވަނަ އަހަރު ހިނގި ކަމަށް ބުނާ މައްސަލައެއް ސާބިތުކުރުމަށްޓަކައި، ކާކުކަން ސާފުނުވާ އަދި ތަހުލީލު ރިޕޯޓެއް ވެސް ނެތް އޯޑިއޯތަކެއް ޝަރީއަތަށް ބަލައިގަތުމަކީ މައްސަލައިގެ އިންސާފުވެރިކަން ގެއްލި، ރައީސް ޔާމީނާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދިދާނެ ކަމެއް ކަމަށް ވެސް ވަކީލުން ވަނީ ވިދާޅުވެފައެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ހުކުމް ކުރިއެވެ. ނަމަވެސް، އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ އެ މައްސަލައިގެ ޝަރީއަތް ހިންގުމުގައި ގިނަ ގޯސްތަކެއް ހުރިކަން ފާހަގަކޮށް، ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ.

ހައިކޯޓުން އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލު ކުރުމާ ގުޅިގެން، މިހާރު ދަށު ކޯޓުގައި ކުރިއަށްދަނީ އެ މައްސަލައިގެ ޝަރީއަތް އަލުން ހިންގުމުގެ އިބްތިދާއީ މަރުހަލާއެވެ. މި މަރުހަލާގައި ހެކި ބަލައިގަތުމާ މެދު ފަނޑިޔާރު ނިންމެވި ނިންމެވުންތަކެއް އިސްތިއުނާފު ކުރަން އުޅުމުން މިވަނީ ނާކާމިޔާބުވެފައެވެ.

މީގެ އިތުރުން، ރ. ފުއްގިރި މައްސަލައިގައި ވެސް ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ މައްސަލައިގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.

https://wamco.com.mv/
tel:+9607331319