
މީޑިއާ ކޮމިޝަނުގެ މެންބަރުން---
މީޑިއާތަކަށް ހާއްސަކޮށް 35 މިލިއަން ރުފިޔާގެ އާމްދަނީއެއް ކަނޑައަޅައިފި

ޖިނާން ޙުސައިން ޖަބީން - 20 ނޮވެމްބަރު 2026 - 09:22
ދިވެހިރާއްޖޭގައި ހިންގަމުންދާ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދައުލަތުގެ ބަޖެޓުން 35 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުމަށް ނިންމައިފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ)ން އިއްޔެ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އުސޫލުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ މީޑިއާތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޖުމުލަ 35,124,332 (ތިރީސް ފަސް މިލިއަން އެއްލައްކަ ސައުވީސް ހާސް ތިންސަތޭކަ ބައްތިރީސް) ރުފިޔާއެވެ. އަދި ޝަރުތު ފުރިހަމަވާ މީޑިއާތަކަށް މި އެހީ ދޫކުރާނީ އެއް ފަހަރާ (އެއް ޕޭމަންޓެއްގެ ގޮތުގައި) ކަމަށް ވެސް ކޮމިޝަނުން ބަޔާންކުރެއެވެ.
މި އެހީ ދޭނެ ފަރާތްތައް ކަނޑައެޅުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ މީޑިއާ ހިންގަމުން އަންނަ މުއްދަތަށާއި، މުވައްޒަފުންގެ އަދަދާއި، އެ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށެވެ. ހަމައެހެންމެ، އިދާރީ އޮނިގަނޑު އެކުލަވާލެވިފައިވާ ގޮތާއި، ބިޒްނަސް ޕްލޭންގެ އިތުރުން އާންމުންނަށް ގެނެސްދޭ ކޮންޓެންޓުގެ ފެންވަރާއި އޭގެ ބާވަތްތަކައް ރިއާޔަތްކޮށް ވެސް މާކުސް ދެވެއެވެ.
މީގެ އިތުރުން ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެގެން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ފިޔަވަޅެއް އަޅައި، އެކަން އާންމުކޮށްފައިވާ ނަމަ، އެޅި ކޮންމެ ފިޔަވަޅަކަށް އެޕްލިކޭޝަނަށް ލިބޭ ޖުމުލަ މާކްސްގެ ތެރެއިން ތިން މާކްސް އުނިކުރެވޭނެ ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އުސޫލުގައި ކަނޑައަޅާފައިވާ ގޮތުން، އެއް ކުންފުންޏަކުން އެއް މީޑިއާއަށް ވުރެ ގިނަ މީޑިއާ ހިންގި ނަމަވެސް، މި އެހީއަށް އެދި ހުށަހެޅޭނީ ކޮންމެ ކުންފުންޏަކަށް ވެސް އެންމެ އެޕްލިކޭޝަނެކެވެ. އަދި ކޮންމެ މީޑިއާއަކަށް ވެސް ގިނަވެގެން ދެ މީޑިއަމް ހިޔާރުކުރެވޭނެއެވެ. ނަމަވެސް، އެއް ބާވަތެއްގެ ދެ މީޑިއަމް ހިމެނުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
މީޑިއާ ކޮމިޝަނުން ހާމަކުރި ގޮތުގައި، މި އެހީއަށް އެދި ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދާނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ. އެގޮތުން ޕޯޓަލަށް ގެންނަންޖެހޭ ބައެއް ބަދަލުތައް މިހާރު ގެންނަމުންދާ ކަމަށާއި، އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާނެ ކަމަށް ވެސް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
ގުޅުން ހުރި ޙަބަރުތައް

މީޑިއާ ގްރާންޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ދަރަނީގެ ރެކޯޑު މީޑިއާ ކޮމިޝަނުން ސާފުކޮށްދެނީ
16 ގަޑިއިރު ކުރިން

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި
މަހެއް ކުރިން
.webp&w=3840&q=75)
މީޑިއާތަކަކީ މާލީގޮތުން މިނިވަން އަދި ބާރުގަދަ ތަންތަނަށް ހެދުމަކީ އަމާޒެއް: އެމްބީސީ
7 މަސް ކުރިން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަޤާމަށް މީހަކު ހޯދަނީ
އަހަރެއް ކުރިން


