
13 އަހަރުގެ ކުއްޖާ މަރާލި ކަމުގެ ދައުވާ ސާބިތުވީ 17 އަހަރުގެ ކުއްޖެއްގެ މައްޗަށް

މުޙައްމަދު ފަޟްލޫން - 25 ޑިސެމްބަރު 2025 - 07:00
ހުޅުމާލޭގައި 2021 ވަނަ އަހަރުގެ ޖޫން މަހު 13 އަހަރުގެ ކުއްޖަކު މަރާލި މައްސަލައިގައި އެ ކުއްޖާ މަރާލިކަން 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ސާބިތުވެއްޖެއެވެ.
22 ޖޫން 2021 ދުވަހުގެ ދަންވަރު 02:00 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލައިގައި، ކުއްޖާ މަރާލިކަމަށް ތުހުމަތުކުރެވުނު 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް އެ އޮފީހުން ޖުވެނައިލް ކޯޓަށް ހުށަހެޅި ގަސްދުގައި މީހަކު މެރުމާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާތައް ސާބިތުވާކަމަށް އެ ކޯޓުން މި މަހުގެ 23 ގައި ހުކުމްކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާއި 10 މަހާއި 7 ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އަދި ހުކުމް ކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި 4 އަހަރާއި 6 މަހާއި 2 ދުވަސް އުނިކުރުމުން ތަންފީޒްކުރަންޖެހޭ މުއްދަތަކީ 12 އަހަރާއި 4 މަހާއި 5 ދުވަސް ކަމަށް ކަނޑައަޅައި ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި އިތުރު ބޮޑު މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެކޯޓުން ހުކުމެއް ކުރުމުން މަރުގެ ދިޔައާއި މެދު ގޮތެއް ކަނޑައެޅުމަށް ޖުވެނައިލް ކޯޓަށް ހުށަހެޅުމަށް އެންގެވި ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި 9 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
13 އަހަރުގެ ކުއްޖަކު ރަހީނުކުރި މައްސަލަ ފުލުހަށް ހުށަހެޅީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. އެ ކުއްޖާ ހޯދަމުންދަނިކޮށް މަރާލާފައި އޮއްވާ ފެނިފައިވަނީ ޖެހިގެން އައި ދުވަހުގެ ރޭ ދަންވަރު 2.38 ހާއިރުއެވެ. އެކުއްޖާ ފެނުނު އިރު އޮތީ ފޮއްޓަކަށް ލާ ހުޅުމާލޭގެ ފޭސް 2 އާއި ދިމާ މޫދަށް އެއްލާލައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އޮޕަރޭޝަން ރިވެލި ފަށައިފި
19 މިނިޓު ކުރިން

މިއަހަރުގެ ކިޔެވުން ނިންމައި ދަރިވަރުން ޗުއްޓީއަށް
19 މިނިޓު ކުރިން

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަޑިއިރެއް ކުރިން

ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓުތައް ހުސްކުރަން އެޗްޑީސީން މުއްދަތެއް ދީފި
ގަޑިއިރެއް ކުރިން


