logo

ބީއެމްއެލް އިން ހިންގުމުގެ އޮނިގަނޑަށާއި އެގްޒެކްޓިވް ލީޑަޝިޕަށް ބަދަލުތަކެއް!

profile

އާމިނަތު ޝަޒްލާ - 04 އޯގަސްޓު 2026 - 10:42

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އެގްޒެކްޓިވް ޓީމްގެ މެންބަރުންގެ ދައުރަށްވެސް ބަދަލުތަކެއް ގެނެސްފިއެވެ.

https://wamco.com.mv/

މި ބަދަލަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވިކުރުމަށް އަމާޒުކޮށްގެން ގެނެވުނު ބަދަލެކެވެ. އަދި މިއީ ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް އެކުލަވައިލާފައިވާ ދުރުރާސްތާގެ ސްޓްރެޓެޖިކް އަމާޒުތަކާ އެއްގޮތަށް ބޭންކުގެ މަސައްކަތްތައް ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ހިންގުމުގެ އޮނިގަނޑަށް މި ގެނެވުނު ބަދަލުތަކުގެ ތެރެއިން، ސީނިއަރ މެނޭޖްމަންޓް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަގާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ. އެގޮތުން ގެނެވުނު ބަދަލުތަކަކީ:

· އައިޝަތު ޒަމްރާ ޒާހިރު — ޗީފް ކޮމަރޝަލް އޮފިސަރު

· މޫސާ ނިމާލް — ޗީފް މާކެޓިންގ އޮފިސަރު

· ރަޝްފާ ޖައުފަރު — ޗީފް ރިސްކް އޮފިސަރު

· ގެރީ ލޯޓަން — ޗީފް ކްރެޑިޓް އޮފިސަރު

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، "މި ބަދަލުތަކަކީ ބޭންކުގެ ކުރިއެރުމަށްޓަކައި ގެނެވޭ ބަދަލުތަކެއް. ބޭންކު މިވަގުތު އޮތީ ހަރުދަނާ މާލީ ހާލަތެއްގައި. އަދި އަޅުގަނޑުމެންގެ މަގުސަދަކީ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ބޭންކުގެ ކުރިއެރުން ހަލުވިކުރުން. އިސް މަގާމުތަކުގެ ދައުރުތަކަށް ވަގުތީ ގޮތުން މި ގެނެވޭ ބަދަލަކީ ލީޑަޝިޕް ވަރުގަދަކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް. ތަޖުރިބާކާރު ވެރިންނަށް އެ ބޭފުޅުންގެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަކީ، އެ ބޭފުޅުންގެ ހުނަރު އިތުރުވުމުގެ އިތުރުން މުޅި މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. މިއީ މި ޓީމަށް އަޅުގަނޑުމެންގެ އޮތް އިތުބާރާއި، ހުރިހާ ފަންތިއެއްގައި ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެއް."

މި އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކުން ހާމަވަނީ ބޭންކް އޮފް މޯލްޑިވްސް އިތުރަށް ހަރުދަނާކޮށް، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭންކު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކެވެ. އަދި މީގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ. މިއީ ބޭންކުގެ އެތެރޭގެ ހިންގުމަށް ގެނެވުނު ބަދަލުތަކަކަށް ވާތީ، ކަސްޓަމަރުންނަށް ބޭންކުން ފޯރުކޮށްދޭ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކަށް ނުވަތަ މިހާރު މުއާމަލާތް ކުރަމުންދާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ބޯޑު އޮފް ޑައިރެކްޓަރުންގެ އެޕްރޫވަލްއާއެކު ބަދަލުގެނެވުނު މި އައު އޮނިގަނޑަށް އަމަލުކުރަން ފަށާފައިވަނީ 4 އޯގަސްޓް 2026 އިން ފެށިގެންނެވެ.

https://wamco.com.mv/
tel:+9607331319