
ބައިނަލްއަޤްވާމީ ރޭޓިންގް އިދާރާއިން ހިސާބުތަކުގެ ހަޤީޤަތް ކަށަވަރުކޮށްދީފި: ބީއެމްއެލް

ރިޟްވާން މޫސާ - 08 ޖޫން 2026 - 05:27
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ވަރުގަދަ ނަތީޖާ ނެރެދެމުންދާ ކަމަށް ދުނިޔޭގެ މަޝްހޫރު ރޭޓިންގް އެޖެންސީއެއް ކަމަށްވާ ފިޗް ރޭޓިންގްސްއިން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފިއެވެ.
އެގޮތުން، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ މާލީ ދުޅަހެޔޮކަން ބަލައިގަނެ، އެ ބޭންކަށް ކްރެޑިޓް ރޭޓިންގްއެއް ވަނީ ދީފައެވެ.
ފިޗުން ވަނީ ބީ.އެމް.އެލް ގެ 'ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް 'ސީސީސީ-' ގައި ކަނޑައަޅައި، އެ ބޭންކުގެ އައުޓްލުކް 'ސްޓޭބަލް' ނުވަތަ ހަމަޖެހޭ ހާލަތެއްގައި އޮތް ކަމަށް ނިންމާފައެވެ. މީގެ އިތުރުން، ބޭންކުގެ 'ލޯކަލް ކަރަންސީ ލޯންގް-ޓާމް' ވަނީ 'ސީސީސީ+' ގައި ކަނޑައަޅާފައެވެ. މިއީ ރާއްޖޭގެ ސޮވްރިން ރޭޓިންގްއަށް ވުރެ ދެ ދަރަޖަ މަތީ ރޭޓިންގްއެކެވެ. މިއިން ރަމްޒުކޮށްދެނީ ބޭންކުގެ އަމިއްލަ މާލީ ހާލަތު ވަރުގަދަ ކަމެވެ.
މި ރޭޓިންގް ދީފައިވަނީ، އޭޕްރީލް 2026 ގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު ދެއްކުމާ ގުޅިގެން، ރާއްޖޭގެ ސޮވްރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. މީގެ އިތުރުން، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެނައި އިސްލާހީ ބަދަލުތަކާއި، ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރަން ފެށުމަކީ ވެސް އެ އެޖެންސީން ފާހަގަކޮށްފައިވާ މުހިންމު ކަންކަމެވެ.
މި ރޭޓިންގްތަކަށް އައި ކުރިއެރުމުން ހާމަވަނީ، ކައިރި މުސްތަގުބަލެއްގައި ދައްކަންޖެހޭ ދަރަނިތައް މެނޭޖުކުރުމަށް ރާއްޖެއަށް އޮތް ގާބިލުކަމަށް އޮތް އިތުބާރު ބޮޑުވަމުންދާ ކަމެވެ. އަދި މިއީ މުޅި އިގްތިސާދަށް ހަމަޖެހުމާއި ކުރިއެރުން ގެނައުމުގައި ބީއެމްއެލް އަދާކުރާ މުހިންމު ދައުރު ދޭހަކޮށްދޭ ކަމެކެވެ.
ބީ.އެމް.އެލް އަކީ ބާޒާރުގައި އެންމެ ފުޅާދާއިރާއެއްގައި ހިދުމަތްދޭ، ވަރުގަދަ މަގާމެއްގައި އޮތް އަދި ވާދަވެރި ފައިދާތަކެއް ހޯދާފައިވާ ބޭންކެއްކަން ފިޗުން ވަނީ ބަލައިގަނެފައެވެ. ބޭންކުގެ ބޮޑުމިނާއި، ކަސްޓަމަރުންގެ އަދަދާއި، ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ދާއިމީގޮތެއްގައި އާމްދަނީ އުފެއްދުމަށް މަގުފަހިވާކަމަށާއި، މިއީ މާލީ ނިޒާމުގައި އެ ބޭންކަށް މަރުކަޒީ ދައުރެއް ލިބިދޭ ކަމެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
އެ އެޖެންސީން އިތުރަށް ފާހަގަކުރި ގޮތުގައި، ބީއެމްއެލްގެ އެންމެ ބޮޑު އެއް ބާރަކީ ބޭންކުގެ ރައުސްމާލު ވަރުގަދަކޮށް ހުރުމެވެ. މިއީ ބޭންކަށް ލިބޭ ފައިދާ އިންވެސްޓްކުރުމާއި، ހަރުދަނާ އުސޫލުތަކުގެ ތެރެއިން ރިސްކް މެނޭޖްކުރުމާއި، ހަމަޖެހޭ އުސޫލަކުން ހިއްސާގެ ފައިދާ ބަހަމުންދާތީ ލިބިފައިވާ ކުރިއެރުމެކެވެ.
ބީ.އެމް.އެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، މި ރޭޓިންގްއަކީ ބާޒާރުގައި ބޭންކަށް އޮތް އިސް މަގާމާއި، ވަރުގަދަ ރައުސްމާލާއި، މާލީ ގޮތުން ދައްކަމުންދާ ހަރުދަނާ ނަތީޖާ ބަލައިގަތުމުގެ ރަމްޒެއް ކަމަށެވެ.
މީގެ އިތުރުން، ބޭރު ފައިސާގެ ތާށިކަމާއި އިގްތިސާދުގެ މައިގަނޑު ދާއިރާތަކަށް ބަރޯސާވެފައި އޮތް މިންވަރު ފަދަ ގޮންޖެހުންތައް ހުރިކަން ވެސް ފިޗުން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، އެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން ބޭންކުގައި ހުރިކަން އެ ރޭޓިންގްއިން ކަށަވަރުކޮށްދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަންނަ އާދީއްތަ ދުވަހަށް ހަމަވާނެ: ބީއެމްއެލް
7 ގަޑިއިރު ކުރިން

ރައީސް، ވަޒީރުންގެ މަޖިލީހަށް މެންބަރަކު އައްޔަން ކުރައްވައިފި
8 ގަޑިއިރު ކުރިން

އޮއްޓަރެއް ހުރި ނަތީޖާ ނެރެވޭނެ އެއް ކަމެއްވެސް މި ސަރުކާރަކުން ނުކުރޭ: ރައީސް ޔާމީން
9 ގަޑިއިރު ކުރިން

މުއިއްޒު މަސައްކަތް ކުރަނީ ރާއްޖެ އިންގިލާބުގެ ތުންފަތް މައްޗަށް ގެންނަން: ރައީސް ނަޝީދު
11 ގަޑިއިރު ކުރިން


.gif&w=3840&q=75)