logo

ފަތުރުވެރިކަމަށް މިއަހަރު އިތުރު 2700 އެނދު ނެރެވޭނެ: ފައިޞަލް

profile

އަހުމަދު ޒަލީފު - 18 ޖޫން 2024 - 15:16

ޓޫރިޒަމް މިނިސްޓަރ ފައިސަލް

ޓޫރިޒަމް މިނިސްޓަރ ފައިސަލް

މިއަހަރުތެރޭ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު 2700 އެނދު ނެރެވޭނެކަމަށް ލަފާކުރެވޭކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. ޚާއްޞަކޮށް ފަތުރުވެރިކަން ނެތް ހިސާބުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ފަތުރުވެރިކަަމަށް އިތުރު 9 އަތޮޅަކުން 19 ރަށްވަނީ ހުޅުވާލާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ އެ ރަށްތަކަށް އިންވެސްޓަރުން ހޯދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އެގޮތުން އެކި ގައުމުތަކުގައި އިންވެސްޓަރސް ފޯރަމްތައް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެ ރަށްތަކަށް އިންވެސްޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް މިހާރުވެސް ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އުއްމީދަކީ ޖުލައި ނޫނީ އޮގަސްޓުތެރޭ ފުރަތަމަ އިންވެސްޓަރ ފޯރަމް ބޭއްވިގެންދާނެ، މިކަމުގައި ލީޑް ކުރާނީ ފަތުރުވެރިކަމާއި ބެހޭ ވުޒާރާ، އެމްއެމްޕީއާރު އަދި އެމްއައިޓީޑީސީއިން،" ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އިތުރު އިންވެސްޓަރ ފޯރަމެއް ތައިލޭންޑުގައި ބޭއްވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެހެން ޤައުމުތަކުގައިވެސް އިންވެސްޓަރ ފޯރަމް ބޭއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ ފަތުރުވެރިކަން ނެތް ހިސާބުތަކަށް ފަތުރުވެރިކަން ފުޅާކޮށް އެހިސާބުތަކަށް އިންވެސްޓަރުން ހޯދުމުގައި ޚާއްޞަ ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. އެގޮތުން އެކިއުޒިޝަން ކޯސްޓު ކުޑަކޮށް، އެހެންވެސް އިނާޔަތްތައް ދީގެން އިންވެސްޓަރުންގެ ޝައުގުވެރިކަން އުފެއްދުމަށް މަސައްކަތްކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ފައިޞަލް ވިދާޅުވީ މިހާރު ރިސޯޓުތައް ތަރައްޤީކުރެވޭ ސްޕީޑަށް ބަލާއިރު، މިއަހަރުތެރޭ 15 ނޫނީ 12 ރިސޯޓު އަލަށް ހުޅުވޭނެކަމަށް ލަފާކުރެވޭކަމަށެވެ.

"މިހާރު ސްޓެޓިސްޓިކްސްއަށް ބަލާފައި، ލަފާކުރެވޭނީ 2700 އެނދު މިއަހަރު ނެރެވޭނެ، މީގެތެރޭގައި ހިމެނޭ އަލަށް ހުޅުވިގެންދާނެ 12 ނޫނީ 15 ރިސޯޓު." ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ ޢަދަދަކީ 62300އެވެ. މިއީ 1198 ފަތުރުވެރިކަމުގެ ފެސިލިޓީއަކުން ނެރެފައިވާ އެނދެވެ.

މީގެތެރޭގައި 174 ރިސޯޓަކުން ނެރެފައިވާ 42955 އެނދާއި، 860 ގެސްޓުހައުސްއަކުން ނެރެފައިވާ 14461 އެނދު ހިމެނެއެވެ.

tel:+9607331319