logo

ފައިސަލް ވިދާޅުވެދެއްވީ ރައީސް ޔާމީންގެ ހައްގުގައި ކުރެއްވި މަސައްކަތްތައް

profile

އާމިނަތު ޝަފާ - 10 އޯގަސްޓު 2024 - 10:53

ޓޫރިޒަމް މިނިސްޓަރ ފައިސަލް

ޓޫރިޒަމް މިނިސްޓަރ ފައިސަލް

ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ދޮރު މުޅިން ބަންދުވިއެވެ. ނަތީޖާއަކީ އެމަނިކުފާނު ނޫން އިތުރު އެހެން ބޭފުޅަކު އިންތިހާބުގައި ވާދަނުކުރުމަށް އަންގައި އިންތިހާބު ބޮއިކޮޓްކުރުމަށް އެންގެވުމެވެ. އެހެންނަމަވެސް އެއީ ހައްލެއް ނޫންކަމަށާއި އެހެންހެދުމުން ރައްޔިތުން އިތުރަށް ބިކަވާނެކަމަށް ނިންމައި ރައީސް މުއިއްޒު ޕާޓީގެ ފާރާތުން ކުރިމަތިލެއްވުމަށް އެންމެ ބޮޑު ބާރެއް އެޅުއްވީ މުޅި ޕާޓީ އެވަގުތަށް ލީޑު ކުރެއްވި މިހާރު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

އައު ސަރުކާރު ވެރިކަމާ ހަވާލުވެ ފަތުރުވެރިކަމާ ބެހޭ ވަޒީރުކަން ފުރުއްވަމުން ގެންދަވަނީ އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލްއެވެ. އެމަނިކުފާނު ވުޒާރާއަށް ވަޑައިގެންނެވި މި ދަނޑިވަޅަކީ އިގުތިސާދު ނަގާ ކޮޅަށްޖެހުމަށް ފަތުރުވެރިކަން ހަރުދަނާކުރަން އެތައް ބުރަބޮޑު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ދަނޑިވަޅެކެވެ. މަގާމާ ހަވާލުވެވަޑައިގެން ކުރައްވަމުންގެންދަވާ އަގު ހުރި މަސައްކަތްޕުޅުގެ ނަތީޖާއަކީ އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން އައުމެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓު އެއްގައުމަކަށް ނުވަތަ ގައުމުތަކަކަށް ބަރޯސާވުމުގެ ބަދަލުގައި މުޅި ދުނިޔެއަށް ރާއްޖެ ތައާރަފުކޮށްދިނުމަށް އަންނަނީ ގިނަ މަސައްކަތްތަކެއްކުރައްވަމުންނެވެ. މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވާނެކަމުގެ ނިޝާންތައް މިހާރުވަނީ ފެންނަންފަށާފައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ޗައިނާއިން އަންނަ ފަތުރުވެރިން މަދުވުމަށްފަހު ޗައިނާއިން ވަނީ ރާއްޖޭގެ މާކެޓްގެ އެއްވަނަ އަނެއްކާވެސް އަތުލާފައެވެ. ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ ނިސްބަތްވަރަށްވެސް ގިނައެވެ. އެހެންނަމަވެސް ފައިސަލްއަކީ އައު ސަރުކާރުގެ ވަޒީރުންގެ ތެރެއިން އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުކުރާ އެއް ވަޒީރެވެ.

ރައީސް ޔާމީންގެ ޕީއެންއެފްއިން ބާއްވާ ޕްރޮންޓް އޮފީސް ޖަލްސާތަކުގައިވެސް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުކުރައްވަނީ ފައިސަލްއާއި އެމަނިކުފާނުގެ ބައްޕާފުޅު އަބުދުއްރަހީމްއަށެވެ. އެންމެ ފަހުން އެ ވާހަކަތަކަށް ރައްދުދީ ފައިސަލްވަނީ ފޭސްބުކުގައި ލިޔުއްވުމެއް ލިޔުއްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި 20 އަހަރު މަސައްކަތްކޮށް, އެމަނިކުފާނުގެ ހައްގުގައި ގަނަތެޅުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށާއި އޭރު ތައުލީމީ ފެންވަރު ޔާމީނަށް މުހިންމު ނުވި ކަމަށް ވިދާޅުވެ ބައްޕާފުޅުގެ ދިފާއުގައި ފައިސަލް ތެދުވެވަޑައިގެންނެވީއެވެ.

އަޅުގަނޑުގެ ބައްޕަ ރައީސް ޔާމީން އަށް މެދުކެނޑުމެއްނެތި 20 އަހަރު ސިޔާސީ އަޅުމަސައްކަތް، ވަރުބަލިކަމެއް ފޫހިކަމެއްނެތި ކޮށްދިންކަން މި ދިވެހި ޤައުމު ހެކިވާނެ. އޭރަކު އަޅުގަނޑުގެ ބައްޕަގެ ތަޢުލީމެއް މަނިކުފާނަށް މުހިންމު ނުވި.

ފައިސަލް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ނާކާމިޔާބުވީ އަބްދުއްރަހީމް ހިމެނޭ ގޮތަށް އޭރު ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ދުރަށް ޖެއްސެވުމުންނެވެ. އަދި 2019 ވަނަ އަހަރު ޕީޕީއެމްގެ މަޖިލިސް މެމްބަރުން ފެއިލްކޮށްލީވެސް ރައީސް ޔާމީން ގަސްތުގައި ދުރާލައި ރާވައިގެން ކަމަށް ފައިސަލް ތުހުމަތު ކުރެއްވިއެވެ.

2019 ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު، ވޮޑަމުލާމައްސަލައިގައި މަނިކުފާނަށް ކްރިމިނަލް ކޯޓުން 5 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވުމުން، ދެ ޕާޓީގެ ސިޔާސީ މަސައްކަތް ކުރަން 24 ގަޑިއިރު ގަނަތެޅުނީ އަޅުގަނޑުގެ ބައްޕަ. އެ ހުކުމުން ސަލާމަތްވެ، އަހަރެއްހާ ދުވަސްފަހުން މަނިކުފާނު އެނބުރި އައިއިރު، ޕާޓީ ގެ ސިޔާސީ ހަރަކާތް މެކުހަށް ޖަހައި، އެންމެން ގޮވައިގެން ދުވާލު ހަތަރުދަމު، ސަރުކާރު ޒިންމާދާރުކުރުވާ އަވައްޓެރީންނާއި ދުރުތިބީންގެ ދޮޅިދަށަން އަތްލައި މަނިކުފާނުގެ ހައްޤުގައި އަވަދިވަމުން ދިޔައީ އަޅުގަނޑުގެ ބައްޕަކަން މި ދިވެހި ޤައުމު ހެކިވާނެ.

ވޮޑަމުލާ މައްސަލާގައި ޖަލުން މިނިވަންވެ ކާނިވަލުގައި ބޭއްވި ބޮޑު ޖަލްސާގައި އަބްދުއްރަހީމަށް ރައީސް ޔާމީން "އިއްވި ސަނާ އާއި ކުރި އިތުބާރުގެ ވާހަކަތަކުގެ މަތީން" މިހާރު ހަނދާން ނެތުނީތޯ ސަުވާލު އުފައްދަވާ ފައިސަލް ދެން ސުވާލުކުރެއްވީ އެ ބޮޑު މާސިންގާ ކޯލިޝަން ޔާމިންގެ ޢައިރު ހާޒިރުގައި ބަލަހައްޓަން ހަވާލުކުރީ އެއްވެސް އިލްމެއް، ހިލްމެއް ނެތް މީހަކާހެއްޔެވެ. އަދި އޭރު އެގޮތަށް އެކަން ކުރެއްވުން އެންމެ ރަނގަޅުތޯ ސުވާލު އުފެއްދެވިއެވެ.

ފައިސަލް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ކެންޑިޑެސީ ބާތިލްކުރީ އެމްޑީޕީން ކަމަށާއި އެމްޑީޕީން އެކަން ކުރީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ފުރަތަމަ ހަމަޖެއްސި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެސީ ޔާމީންގެ ވެރިކަމުގައި ބާތިލްކުރުމުން އޭގެ ބަދަލު ހިފުމަށް ކަމަށެވެ. އިންތިހާބު ބޮއިކޮޓުކުރަން ރައީސް ޔާމިން ނިންމެވީ އަމިއްލައެދުން ބޮޑުކަމުންކަމަށް ފައިސަލް ވިދާޅުވިއެވެ.

ތިމާ އަށް ނުލިބުނު މޮޅެއް އެހެން މީހަކަށް ލިބުމަށް ނޭދޭތީ މުޅި އިދިކޮޅު ނުހަނު ނިކަމެތި ކަމާއެކު އިތުރު ފަސް އަހަރު މަގުމަތީގައި ބޭއްވުމަށް މަނިކުފާނު ނިންމެވި ހިސާބުން މަނިކުފާނުގެ ލީޑަރޝިޕު ފެއިލްވިކަން މަނިކުފާނަށް ހިސާބުޖަހަން ނޭގުމަކީ ހަޤީޤީތެއް. ޕާޓީ އަކީ މަނިކުފާނުގެ ތަރިކަ މުދަލެއްކަމަށް ހިތާ ޕާޓީ އަށް ލިބުނު ފައިސާގެ އެކި މިންވަރުގެ އެހީ އިން ބޮޑު ބައެއް 2013 އިން ފެށިގެން އަމިއްލަފުޅު އެކައުންޓްތަކަށް ލައްވަމުން ދިޔައީ ޕީޕީ އެމް ޢާންމު މެމްބަރުންނަކީ މޮޔައިން ކަމަށް މަނިކުފާނު ދެކޭތީތޯ؟.

އަބްދުއްރަހީމް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިތްވަރާއި ކެރުން ނެތްް ނަމަ ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން އަދިވެސް ތިބެން ޖެހޭނީ މަގުމަތީގައި ކަމަށް ވިދާޅުވެ ފައިސަލް ވިދާޅުވީ ޖަމީލާއި މަލީހާއި ހުސެންވަހީދުއާއި ޕާޕާ ގޮވައިގެން އިންނަވާ އެއީ ތެދުވެރިންކަމަށް ވިދާޅުވަމުން ދާއިރު އެއިން ކޮންމެ މީހަކީ ރައީސް ޔާމިން މި ދުނިޔެއިން ނައްތާލަން އުޅުނު މީހުންކަމަށް ކުރިން ވިދާޅުވީވެސް ޚުދު ރައީސް ޔާމީންކަމަށެވެ.

އަޅުގަނޑާއި އަޅުގަނޑުގެ ބައްޕަ އަކީ ނުކިޔަވާތިބި މީހުންކަމަށް ވެ އެކަމާ މަނިކުފާނު ކަންބޮޑުވެގެން އުޅުއްވާ އިރު، މަނިކުފާނުގެ މޮޅަށް ކިޔެވި ދަރިން މިޤައުމަށް ކޮށްދިން ޚިދުމަތެއް އަޅެ ވިދާޅުވެ ބައްލަވާ.

ފައިސަލް ގެ ވާހަކަފުޅު ނިންމާލަމުން ވިދާޅުވީ އެމަނިކުފާނުވެސް އަދި އެމަނިކުފާނުގެ ބައްޕާފުޅުވެސް ރައީސް ޔާމީންގެ ސިޔާސީ ގުއިރޯނުގައި ދެން ނުޖެހޭނެކަމަށާއި އަދި ރައީސް ޔާމީނަށް ދެން މި ޤައުމުގެ ޚަޒާނާއަށް އަތްބޭނުމަށް ޖާގައެއްވެސް ނުދޭނެކަމަށެވެ.

https://int.etukuri.mv/
tel:+9607331319