ރާއްޖެ އާއި ޗައިނާއާއި ދެމެދު ކަރަންސީ ސެޓަލްމަންޓް ނިޒާމެއް ގާއިމްކުރުމަށް މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރ މުހަންމަދު ސައީދު ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް އާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ. މިނިސްޓަރ ޗައިނާ އަށް ކުރައްވާ މި ދަތުރުފުޅަކީ 15 ވަނަ ވޯލްޑް އޮކޮނޮމިކް ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ބައްދަލުވުމަކީ އެ ފޯރަމްގެ ހަވާސާގައި ބޭއްވި ބައްދަލުވުމެކެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި ދެ މިނިސްޓަރުންގެ މި ބައްދަލުވުމުގައި ޗައިނާއާއި ރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ފިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކާ ކުރަން ޖެހޭ ކަންކަން ވީ އެންމެ އަވަހަކަށް ފެށުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ. އަދި ރާއްޖެ އާއި ޗައިނާއާއި ދެމެދު ފަސޭހައިން ވިޔަފާރި ކުރެވޭނެ ގޮތަށް ކަރަންސީ ސެޓަލްމަންޓް ނިޒާމެއް ގާއިމްކުރުމުގެ މަޝްވަރާވެސް ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު މި އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް ޝީ ޖިންޕިން އާއި އެކު ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން ހުށަހަޅާފައިވާ ކަންތައްތަކާ ގުޅޭގޮތުން ކަމަށެވެ. އޭގެ ތެރޭގައި ކަރަންސީ ސެޓަލްމަންޓްގެ ކަންތައް ހިމެނޭ އިރު، މިކަމަކީ ރާއްޖެ އާއި އެކު ވިޔަފާރީގެ ބޮޑު މުއާމަލާތްތައް ކުރާ ގައުމުތަކާއި އެކު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައި މިނިސްޓްރީން ވަނީ ބުނެފަ އެވެ.