
ޕީއެސްޖީ އާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން
ތަފާތުބޮޑު އެގްރިގޭޓް ނަތީޖާއަކުން ޗެލްސީ ބަލިކޮށް ޗެމްޕިއަން ޕީއެސްޖީ ކުއަޓާ ޔަގީންކޮށްފި

ހަސަން ޝަމްއޫން - 18 މާރިޗު 2026 - 01:34
ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި މިރޭ ރަށުން ބޭރުގައި ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން މުބާރާތުގެ ކުއަޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ޕީއެސްޖީގެ ދަނޑުގައި މި ދެޓީމު ކުޅުނު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގެ މެޗު 5-2 ގެ ނަތީޖާއަކުން ޕީއެސްޖީ އިން ކާމިޔާބުކޮށްފައިވާއިރު، އެޓީމު ކުއާޓަ ފައިނަލުން ޖާގަހޯދީ 8-2 ގެ ތަފާތުބޮޑު އެގްރިގޭޓް ނަތީޖާއަކުންނެވެ. އަދި މިއީ ޔޫރަޕްގެ ކުލަބު މުބާރާތެއް މިފަދަ ތަފާތުބޮޑު އެގްރިގޭޓް ނަތީޖާއަކުން ޗެލްސީ ބަލިވި ދެވަނަ ފަހަރެވެ.
ޗެލްސީގެ ސްޓޭފޯޑް ބްރިޖުގައި ކުޅުނު މިމެޗުގެ ފުރަތަމަ 14 މިނެޓުތެރޭގައި ޕީއެސްޖީ އިން ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ހަ ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލެގުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ދެލަނޑު ކާމިޔާބުކުރި އެޓީމުގެ ޖޯޖިއާ ފޯވާޑް ޚަވިޗާ ކަވަރަޓްސްޚޭލިއާ އެވެ. މިއީ ޗެލްސީގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި އޭނަ ކާމިޔާބުކުރި ލަނޑެކެވެ. އަދި ޕީއެސްޖީ އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ބްރެޑްލީ ބާކޯލަ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ޗެލްސީ އިން ވަރުގަދަކޮށް ފެށިއިރު، މިހާފުގައި އެޓީމުގެ ކުކުރެލާގެ އިތުރުން އަލްޖަންޑްރޯ ގަނާޗޯ އަދި ލިއަމް ޑިލިޕްއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ހުސް ފުރުސަތުތަކެއް ލިބި ބޭނުންކުރެވޭގޮތް ނުވެފައެެވެ. އަދި މިހާފުގައި ޕީއެސްޖީ އިން ޗެލްސީގެ ގޯލާއި އަމާޒުކޮށް ހަމައެކަނި ހަމަލާގައި، އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.
މިލަނޑު ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން މިޑްފިލްޑަރު ސެނީ މަޔެލޫ އެވެ. އަދި މިހާފުގައި ޕީއެސްޖީގެ ކީޕަރު މަޓްވީ ސަފޮނޯވްގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީ ވާދަކުރަން ޖެހޭނީ މާދަމާ ރޭ ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ލިވަޕޫލާއި ގަލަތަސަރާއީ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. އަދި ގަލަތަސަރާއީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 0-1 ގެ ނަތީޖާއަކުން އެޓީމު މޮޅުވެފައި އޮތުމުން މިމެޗު އެއްވަރުކޮށްލައިގެން ވެސް ގަލަތަސަރާއީއަށް ކުއާޓަގެ ޔަގީންކުރެވެން އެބައޮތެވެ.
ގުޅުން ހުރި ޙަބަރުތައް

ވިނީގެ ދެލަނޑާއެކު ރަށުން ބޭރުގައި ވެސް ރެއާލް އިން ސިޓީ ބަލިކޮށްފި
19 ގަޑިއިރު ކުރިން

ރަށުން ބޭރުގައި އާސެނަލް އަތުން ބަލިވެ ލެވަކޫސަން ޗެމްޕިއަންސް ލީގުން ކަޓައިފި
19 ގަޑިއިރު ކުރިން

ތަފާތުބޮޑު ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް ބާސެލޯނާ އިން ލީޑު ފުޅާކޮށްފި
3 ދުވަސް ކުރިން

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި
3 ދުވަސް ކުރިން


.gif&w=3840&q=75)