logo
ވިނީ ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

ވިނީ ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

ވިނީގެ ދެލަނޑާއެކު ރަށުން ބޭރުގައި ވެސް ރެއާލް އިން ސިޓީ ބަލިކޮށްފި

profile

ހަސަން ޝަމްއޫން - 18 މާރިޗު 2026 - 01:27

ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި މިރޭ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

https://wamco.com.mv/

މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ރެއާލް މެޑްރިޑްގެ ދަނޑުގައި މި ދެޓީމު ކުޅެވުނު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގެ މެޗު 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފައިވާއިރު، އެޓީމު ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު މެންޗެސްޓާ ސިޓީ އިން ވަރުގަދަކުރި ފެށިއިރު، މެޗުގެ ތިންވަނަ މިނެޓުގައި އެޓީމުގެ ރަޔަން ޗާރކީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި މެޗުގެ 17 ވަނަ މިނެޓުގައި ސިޓީގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ރެއާލް ގެ ވިނީޝިއަސް ފޮނުވާލި ބާރު ހަމަލާ ވެސް އަމާޒުވެފައިވަނީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މީގެ އިތުރުން މެޗުގެ އޮއިވަރު ބަދަލުވީ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ސިޓީގެ ކެޕްޓަން ބެނާޑޯ ސިލްވާއަށް ދެއްކި ރަތްކާޑާއެކު އެވެ. ވީއޭއަރުން ބެލުމަށްފަހު މެޗުގެ ރެފްރީ ސިލްވާއަށް ރަތްކާޑު ދެއްކީ ވިނީޝިއަސް ފޮނުވާލި ހަމަލާއެއް ގޯލު ރޮނގުމަތީހުރެ އަތުން ދިފާއުކުރުމުންނެވެ. އަދި މިއާއެކު ރެއާލްއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ވިނީޝިއަސް އެޓީމަށް މެޗުގެ ލީޑު ހޯދައިދިނީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައެވެ.

ސިޓީ އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެރްލިންގް ހާލަންޑް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ކުރިއަށްޖެހި ސިޓީ އިން ގިނަވަގުތު ރެއާލް ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެންކުޅެ ޕެނަލްޓީ އޭރިއާ ބޭރުން ރެއާލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މިހާފުގައި އެޓީމުން ކާމިޔާބުކުރި ދެލަނޑު ވެސް ވީއޭއާރުން ބެލުމަށްފަހު ނިންމީ އެފްސައިޑްކަމަށެވެ.

މިމެޗުން ރެއާލް މޮޅުވި ލަނޑު މެޗުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ވިނީ އެވެ. އަދި މީގެ އިތުރުން އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ވެސް ވިނީ ލަނޑެއް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ރެއާލް ވާދަކުރަން ޖެހޭނީ މާދަމާ ރޭ ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ބަޔާން މިޔުނިކާއި އެޓަލާންޓާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. އަދި އެޓަލާންޓާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަޔާން ކާމިޔާބުކޮށްފައި އޮތުމުން ކުއާޓަގެ ފުރުސަތު ބޮޑީ އެޓީމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk