
ބޯޑަރު ހުރަސްކުރާ ސްކޭމްތައް ހުއްޓުވުމަށް އައިއައިސީއޭ ރިޒޮލިއުޝަންގައި ފުލުހުން ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން،، ފޮޓޯ: ފުލުހުން
ބޯޑަރު ހުރަސްކުރާ ސްކޭމްތައް ހުއްޓުވުމަށް އައިއައިސީއޭ ރިޒޮލިއުޝަންގައި ފުލުހުން ސޮއިކޮށްފި

އާމިނަތު ޝަޒްލާ - 25 އޮކްޓޯބަރު 2026 - 08:54
ދެކުނު ކޮރެއާގެ އިންޗިއޮންގައި ބޭއްވި "އިންޓަރނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް" (އައިއައިސީއޭ) ގެ ފުރަތަމަ އަހަރީ ފޯރަމްގައި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްގެ ކުށްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފިއެވެ.
ކޮރެއަން ނޭޝަނަލް ޕޮލިސް އެޖެންސީން އިންތިޒާމުކޮށްގެން 2026 އޮކްޓޫބަރު 21 އިން 23 އަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެން، މި ރިޒޮލިއުޝަންގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢާޞިމް ޢަބްދުﷲ އެވެ.
މި ފޯރަމަކީ ބައިނަލްއަގުވާމީ ބައިވެރިންގެ ތަޖުރިބާ ހިއްސާކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުން ހަރުދަނާ ކުރުމުގެ މަގުސަދުގައި ބޭއްވި ފޯރަމެކެވެ.
މި ރިޒޮލިއުޝަންގައި ސޮއިކުރުމަކީ، ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތަކާއި ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގައި ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާކޮށް، ގުޅިގެން ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
އިންޓަރޕޯލާއި، އާސިއާނަޕޯލް އަދި 9 ގައުމަކުން އިސްނަގައިގެން 2025 އޮކްޓޫބަރު 23 ގައި ސޯލްގައި ގާއިމުކުރި އައިއައިސީއޭ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާވައިގެން ހިންގާ ސްކޭމް ކޮމްޕައުންޑްތަކުން ވަކިވަކި ފަރުދުންނަށާއި މުޖުތަމައުތަކުގެ އިގުތިސާދަށް ދޭ ބޮޑެތި ގެއްލުންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އުފެއްދި ހާއްސަ އިއްތިހާދެކެވެ.
މެންބަރު ގައުމުތަކުން ފާސްކުރި މި ރިޒޮލިއުޝަނަކީ އައިއައިސީއޭގެ ދާއިމީ ގަވާއިދުތަކާއި އޮނިގަނޑު އެކުލަވާލެވެންދެން، މެންބަރު ގައުމުތަކުގެ މެދުގައި ދެމެހެއްޓެނިވި، އިންސާފުވެރި އަދި ނަތީޖާ ނެރެވޭނެ ގޮތަށް ތަހުގީގުތަކުގެ މައުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރާ ރިޒޮލިއުޝަނެކެވެ.
މީގެއިތުރުން، އިންޓަރޕޯލްގެ ޖެނެރަލް އެސެމްބްލީއާއި އާސިއާނަޕޯލް ކޮންފަރެންސްގައި ފާސްކޮށްފައިވާ ނިންމުންތަކާއެކު، ބޯޑަރު ހުރަސްކޮށްހިންގާ ސްކޭމްތަކާ ދެކޮޅަށް މި އެލަޔަންސް މެދުވެރިކޮށް ހިންގާ އޮޕަރޭޝަންތަކަށް ވަނީ ގާނޫނީ ހައިސިއްޔަތު ލިބިގެން ގޮސްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭ ސިޓީ ކައުންސިލުން ބާއްވާ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު!
15 ގަޑިއިރު ކުރިން

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް ރާއްޖެ އަންނަނީ
15 ގަޑިއިރު ކުރިން

ޖިންސީ ގޯނާގެ މައްސަލައާއި ގުޅިގެން ފޮޓޯ އާއި މައުލޫމާތު އާންމުނުކުރަން އެޗްއާރުސީއެމުން އެދިއްޖެ
15 ގަޑިއިރު ކުރިން

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި މޫސުމީ އައު ރާޑަރާއި މެޓް އޮފީސް އެޅުމުގެ މަސައްކަތް ފަށަނީ
ދުވަހެއް ކުރިން


