
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ، އިފުތިތާޙުކޮށްފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 19 ފެބްރުއަރީ 2024 - 13:00
އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިފުތިތާހުކޮށްދެއްވައިފިއެވެ. އެކަމަނާ މި ލޯގޯ އިފުތިތާޙުކޮށްދެއްވާފައިވަނީ މިއަދު ހެނދުނު އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ ހަފުލާގައެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ މިއަދު އިފުތިތާޙުކޮށްދެއްވި ލޯގޯ އާއެކު ގޭގައި ތިބެގެން މަސައްކަތްކުރައްވާ ފަރާތްތަކަށް އެފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް ފުރުޞަތު ފަހިވެގެންދާނެކަމަށެވެ. އަދި ޚާއްޞަކޮށް ކަނބަލުންގެ ވިޔަފާރިތަކަށް މިކަމުން ފައިދާ ލިބިގެންދާނެކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލޯގޯގެ މަޤުޞަދުތަކުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމް.އެފް.ޑީ.އޭ. އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ލޯގޯއެއް ނުވަތަ ނިޝާނެއް ދިނުމަކީ އެތަކެތީގެ ރައްކާތެރިކަމާމެދު އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެއްކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ލޯގޯ ތައްޔާރުކުރުމުގެ މަސައްކަތް ބީ.ސީ.ސީ. އިން އިސްނަންގަވައިގެން ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއެކު ކުރެއްވިކަމީ، އާމްދަނީ ހޯދުމަށްޓަކައި ގޭގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ފައިދާކުރާނެ ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ކަމާގުޅޭ އިދާރާތަކުން މިގޮތަށް ގުޅިގެން ކުރާ މަސައްކަތްތަކުން ޤައުމުގެ ކުރިއެރުން އިތުރު ހަރުފަތްތަކަކަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވާލައްވަމުން އެކަމަނާ ވަނީ 2021 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު އަވަހަށް ޤާނޫނަކަށްވެ އެ ޤާނޫނު ތަންފީޒުވެގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި މިކަމުން ރައްޔިތުންގެ ފައިދާއަށާއި ޤައުމުގެ ކުރިއެރުމަށް މަގުފަހިކުރެވިގެން ދާނެކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.
އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ ހޯދަން އެދި ހުށަހެޅޭނީ ދިރިތި ޕޯޓަލް މެދުވެރިކޮށެވެ. "އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރުވުމުގެ އުސޫލު" ބީ.ސީ.ސީ. އިން އެކުލަވައިލައި މިހާރު ވަނީ ގެޒެޓުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވިނަރެސް ފްލެޓްތަކުން ކުދި ވިޔަފާރިތަކަށް ޔުނިޓުތައް ދޫކުރަނީ
3 އަހަރު ކުރިން

އަންހެން ވިޔަފާރިވެރިންނަށް ޑިޖިޓަލް މާކެޓިންގް އާއި ގުޅޭ މައުލޫމާތު ދީފި
3 އަހަރު ކުރިން

ކޮވިޑާއި ގުޅިގެން މާލީ އެހީތެރިކަމަށް އެދުމުގެ ތިންވަނަ ފުރުސަތަށް ހުޅުވާލައިފި
3 އަހަރު ކުރިން

ޗިލްޑްރެންސް ޑޭ އާޓް އެގްޒިބިޝަން ހުޅުއްވައިދެއްވައިފި
2 އަހަރު ކުރިން