logo

ތަހުގީގު ކުރިއަށްދަނިކޮށް ބީއެމްއެލްގެ ސީއީއޯ ރާއްޖެއިން ބޭރަށް

profile

އާމިނަތު ޝަފާ - 31 އޯގަސްޓު 2024 - 12:45

ބީއެމްއެލްގެ ސީއީއޯ ކާލް

ބީއެމްއެލްގެ ސީއީއޯ ކާލް

ބޭންކް އޮފް މޯލްޑިވްސް އިން ޑޮލަރު ލިމިޓް އުވާލަން ނިންމުމާއެކު ބަޣާވާތްކޮށް ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނާ މައްސަލަ ބަލަމުންދާ ދަނޑިވަޅުގައި ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ ރާއްޖޭން ފުރައިފިއެވެ.

އަސްލު ޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާލް މިވަގުތު ހުރީ ދުބާއީގައެވެ. އަސްލު ޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާލް ދުބާއީ އަށް ފުރާވަޑައިގެންނެވި ނަމަވެސް ބީއެމްއެލްގެ ސީއީއޯކަމުގެ މަގާމުން އޭނާ އަދި އިސްތިއުފާ ދެއްވާފައެއް ނުވެއެވެ.

ކާލް ބޭރަށް ފުރާވަޑައިގެންނެވުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކަމާ ނުރުހުން ފާޅުކޮށް ފާޑުކިޔަމުންނެވެ.

ކާލް ބޭރަށް ފުރި މި ދަނޑިވަޅަކީ ޑޮލަރު ލިމިޓް އުވާލަން ނިންމުމާއެކު ބަޣާވާތްކޮށް ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން އުޅުނު މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ވަގުތެކެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ޑޮލަރު ލިމިޓް އުވާލަން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ، ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީކަމަށެވެ.


ޑޮލަރު ކާޑުގެ ލިމިޓް އުވާލަން އެ ބޭންކުން ނިންމުމާ ގުޅިގެން އިދިކޮޅުން ބަޣާވާތް ކުރަން އުޅުނުކަމަށް ތުހުމަތުކޮށް އެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުންވަނީ ތަހުގީގުކުރަން ފަށާފައެވެ.

ފުލުހުން ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާއި ހިލާފަށް ދިވެހި ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް، ސިޔާސީ ފަރާތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ހަމަ އެވަގުތު ސޯޝަލް މީޑިއާގެ ބޮޓް އެކައުންޓުތައް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީފައިވާ ކަމަށެވެ.

އެހެންކަމުން މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީ ގޮތުން ބަދަލު ކުރުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތްކަމަށް ފުލުހުން ބުނެފައި ވެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ޖަގަހަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަނީ ބޭންކުގެ ނިންމުމާއެކު އިދިކޮޅު ފަރާތްތަކުން ބަޣާވާތް ކުރަން އުޅުނީ ވަރަށް ދުރާލާ ރާވައިގެން ކަމަށް ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްގެ ބޯޑުގައި ސަރުކާރު މެޖޯރިޓީ އޮތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ބީއެމްއެލްގެ ބޯޑުގައި ތިއްބެވި ޑިރެކްޓަރުންގެ ތެރެއިން ސަރުކާރަށް ނިސްބަތްވަނީ ހަތަރު ޑިރެކްޓަރުން ކަމަށެވެ.

ބީއެމްއެލްއިން ގެނައި ކުއްލި ބަދަލާއެކު ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވަނިކޮށް އެ ނިންމުން ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ.

tel:+9607331319