logo
ސިޓީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު

ސިޓީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު

މެންޗެސްޓާ ސިޓީ އިން ލީގު ކަޕްގެ ތަށި ނުވަވަނަ ފަހަރަށް ކާމިޔާބުކޮށްފި

profile

ހަސަން ޝަމްއޫން - 23 މާރިޗު 2026 - 03:38

އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ރޭ ވާދަވެރި އާސެނަލް 2-0 ގެ ނަތީޖާއަކުން ބަލިކޮށް މެންޗެސްޓާ ސިޓީ އިން ލީގު ކަޕްގެ ތަށި ނުވަވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

https://wamco.com.mv/

މުބާރާތުގެ ފައިނަލުން މެންޗެސްޓާ ސިޓީ ޖާގަހޯދީ ސެމީފައިނަލުގައި 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކުރުމަށްފަހު އެވެ. އަދި އާސެނަލް ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގައި 4-2 ގެ އެގްރިގޭޓް ނަތީޖާއަކުން ޗެލްސީ ބަލިކުރުމަށްފަހު އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލުގަައި ސިޓީން ދެ ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ސިޓީން ލީޑުނެގި ލަނޑަކީ ރޭގެ މެޗުގައި އާސެނަލްގެ ގޯލު ބެލެހެއްޓި ސްޕެއިންގެ ކީޕަރު، ކެޕާ އަރިއްޒަބަލާގާއަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެޓީމުން ކާމިޔާބުކުރި ލަނޑެކެވެ.

އެ ގޮތުން، މެޗުގެ 60 ވަނަ މިނިޓްގައި، އާސެނަލްގެ އޭރިއާތެރެއއަށް ސިޓީގެ ރަޔާން ޗާކީ ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ކީޕަރު ކެޕާ އަތުގައި ޖެހިފައި، ގޯލު ކުރިމައްޗަށް ވެއްޓުނު ބޯޅަ، ސިޓީގެ ޒުވާން ފުލްބެކް، ނިކޯ އޯރައިލީ ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލާފަ އެވެ. އަދި އޭގެ ތިން މިނިޓް ފަހުން، އޯރައިލީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މީގެ އިތުރުން ރޭގެ މެޗުގައި ސިޓީގެ ގޯލުގައި ޖޭމްސް ޓްރަފޯޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އާސެނަލަށް ލަނޑެއް ކާމިޔާބުކުރުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ބްރެޒިލް ފޯވާޑް ގަބްރިއެލް ޖީސޫސް އަށެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ސިޓީގެ މި ކާމިޔާބީ އާއެކު، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވެފައިވަނީ، ލީގު ކަޕް ޗެމްޕިއަންކަން ފަސް ފަހަރު ހޯދި ފުރަތަމަ ކޯޗަށެވެ. އަދި ސިޓީން ނުވަ ފަަހަރު ލީގު ކަޕް ޗެމްޕިއަންކަން ހޯދިއިރު، އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކުރި ލިވަޕޫލުން ވަނީ 10 ފަހަރު މި މުބާރާތުގެ ތަށި ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އާސެނަލްގެ ކޯޗު، މިކޭލް އާޓެޓާގެ ކެރިއަރުގައި، ފުރަތަމަ ފަހަރަށް ވެމްބްލީގައި މެޗަކުން ބަލިވިއިރު، 2020 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރި ފަހުން ތަށްޓެއް ހޯދަން އާސެނަލް އިން ކުރަމުން އަންނަ މަސައްކަތުގައި އެޓީމަށް ވަނީ އިތުރު އިންތިޒާރެއް ކުރަންޖެހިފަ އެވެ. އަދި އާސެނަލް އިން ދެ ފަހަރު ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، އެންމެ ފަހުން މި މުބާރާތް އެޓީމުން ކާމިޔާބުކުރީ 1993 ވަނަ އަހަރު އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk