
ކެންސަރު ބަލި ދެނެގަތުމާއި ދެވިދާނެ ފަރުވާ!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 04 ފެބްރުއަރީ 2025 - 13:55
ކެންސަރަކީ އެއްވެސް ސަބަބެއްނެތި، އެއްވެސް ބޭނުމެއްނެތި، ހަށިގަނޑަށް މަތަނުވާ ވަރަށް ހަށިގަނޑުގައި އުފެދޭ ކޮންމެ އައު އުފެދުމެކެވެ.
ކެންސަރަކީ ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރިގެންދާ އެއްޗެކެވެ. އޮޕަރޭޝަން ކޮށްގެން ކެންސަރުގެ ދުޅައެއް އެއްކޮށް ވަކިކުރި ނަމަވެސް އަލުން އުފެދުމަކީ ވަރަށް އާންމު ކަމެކެވެ. އާންމު ގޮތެއްގައި ކެންސަރުގެ ދުޅަ އޭގެ ސައިޒުން ބޮޑުވެފައި އޭގެ ވަށައިގެންވާ ބައިތަކަށް ފެތުރިގެން ދިއުން އަވަސްވާނެ އެވެ. އަދި އެފެތުރިގެން އޭގެ އަސަރު ފޯރާ ބައިތައް ވެސް ފަސޭހަ ކަމާއެކު ހަލާކު ކޮށްލައެވެ. ދުނިޔޭގައި އެތައްހާސް ބަޔަކު އަހަރެއްގެ ތެރޭގައި ކެންސަރު ޖެހިގެން ދުނިޔެ ދޫކޮށް ދެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި މީހުން މަރުވާ ދެވަނަ އެންމެ ކުރީގައި އުޅޭ ސަބަބެއް ކަމުގައި ދިރާސާތަކުން ހާމަވެފައިވަނީ ކެންސަރު ކަމެކެވެ. އިންސާނުންގެ ހަށިގަނޑަށް ތަފާތު ވައްތަރުގެ ކެންސަރުތައް ޖެހޭ ކަމަށް މިހާތަނަށް ހޯދިފައިވެއެވެ. ކޮންމެ ކެންސަރެއް އަނެއް ކެންސަރާ ތަފާތެވެ. ކޮންމެ ކެންސަރަކީ ވެސް ހަށިގަނޑުގެ ކޮންމެ ވެސް ހިސާބެއްގެ ސެލްތަކަކުން އުފެދޭ އެއްޗެކެވެ.
ހަށިގަނޑުގެ ސެލްތަކަކީ ވަކި އުސޫލެއްގެ ދަށުން ނެތި، އާވެދާ ސެލްތަކެކެވެ. މިގޮތަށް ސެލްތައް ދުވަސްވުމުން ނެތި، އާވަމުން ދަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ ދަށުންނެވެ. އަދި ވަކި ތަރުތީބަކާއި ހަމަތަކެއްގެ ދަށުންނެވެ. ބައެއް ފަހަރު މިގޮތަށް އާވެދާ ސެލްތައް އެއްވެސް އުސޫލެއް، ނުވަތަ ގަވާއިދެއް ނުވަތަ ހަމައެއް ލަމައެއް ނެތި އާވެ، އިތުރުވެ، ގިނަވަމުން އާދެއެވެ. މިބުނި އުސޫލުން އިތުރުވެ، ބޮޑުވަމުންދާ ސެލްތަކުގެ ފުނިވަރަކަށް ކިޔަނީ ޓިއުމަރއެވެ. ޓިއުމަރ ހަށިގަނޑުގައި ބޭނުމެއް ނެތް ގަނޑުއެއް، ނުވަތަ ދުޅައެއް އުފައްދައެވެ. އެހެންކަމުން ޓިއުމަރ އަކީ ހަށިގަނޑުގައި އުފެދޭ ދުޅައެކެވެ. އަދި ކެންސަރަކީ މިފަދަ ދުޅައިގެ ވައްތަރެކެވެ. ޓިއުމަރ އުފެދުމަށް ގަނޑުލުން މިހެން ކިއިދާނެ އެވެ. އަދި ޓިއުމަރއަށް ގަނޑު މިހެން ވެސް ކިޔައި އުޅެއެވެ.
ކެންސަރުގެ އިލްމީ ތައުރީފަކީ އެއްވެސް ސަބަބެއް ނެތި، އެއްވެސް ބޭނުމެއް ނެތި، ހަށިގަނޑަށް މަތަނުވާ ވަރަށް ހަށިގަނޑުގައި އުފެދޭ ކޮންމެ އާ އުފެދުމެކެވެ.
މިބުނި އުސޫލުން އުފެދޭ ދުޅަ ނުވަތަ ޓިއުމަރ ދެބަޔަކަށް ބަހާލެވިފައި ވެއެވެ. އެއީ ބިނައިން ޓިއުމަރ އަދި މެލިގްނަންޓް ޓިއުމަރއެވެ. މި ދެ ވައްތަރުގެ ތެރެއިން ފުރަތަމަ ވައްތަރަކީ ކެންސަރެއް ނޫނެވެ. އާންމުކޮށް ކެންސަރޭ ކިޔަނީ މެލިގްނަންޓް ޓިއުމަރ އަށެވެ. އަދި ކެންސަރުގެ އަސަރު ފޯރާފައިވާ ސެލްތަކަށް މެލިގްނަންޓް ސެލްއޭ ކިޔައެވެ. ޓިއުމަރއަށް ކާނާ ލިބެނީ ޓިއުމަރ އުފެދިފައިވާ ހިސާބު ވަށައިގެން ހުންނަ ލޭހޮޅި ތަކުންނެވެ.
ކެންސަރު އުފެދެނީ ބައިބައިވެ އިތުރުވުން ކޮންޓްރޯލް ނުކުރެވޭ ސެލް ހަށިގަނޑުގައި އުފެދުމުގެ ސަބަބުންނެވެ. މިއީ ކެންސަރުގެ ސެލްއެވެ. މިބާވަތުގެ ސެލް ހަށިގަނޑުގެ ޓިޝޫތަކުގެ ތެރެއަށް ވަދެ ޓިޝޫތައް ހަލާކު ކުރެއެވެ. ހަށިގަނޑުގައި ކެންސަރުގެ ސެލް އުފެދެމުންދާނީ، އާދައިގެ އެހެން ސެލްތަކާވެސް އެކުގައެވެ. ނަމަވެސް ކެންސަރުގެ ސެލް އިތުރުވަމުންދާ ނިސްބަތް ހަށިގަނޑުގެ އެހެން ސެލްތަކަށްވުރެ މާގިނައެވެ. އެހެންކަމުން ކެންސަރުގެ ސެލްތަކަށް އާލޭހޮޅިތައް އުފެދި، ހަށިގަނޑުގައިވާ ލޭގެ ވަރަށް ބޮޑު ބައެއް ޙިއްޞާ ކުރަމުންދަނީ މިސެލްތަކެވެ. ނަތީޖާއަކީ ހަށިގަނޑުގައިވާ އެހެން ސެލްތަކަށް ބޭނުންވާ ކާނާގެ މާއްދާތައް އެސެލްތަކަށް ނުލިބުމުގެ ސަބަބުން އާދަޔާ ޚިލާފަށް ހަށިަގނޑުން ލޭމަދުވެގެން ދިއުމެވެ. ކެންސަރުގެ ސެލްތަކުގެ ހަރަކާތްތައް އާދައިގެ އެހެން ސެލްތަކާ ބައެއް ގޮތްގޮތުން ތަފާތެވެ. އޭގެތެރޭގައި:-
- ކެންސަރުގެ ސެލް ހަށިގަނޑުގެ ވަކިތަނެއްގައި ހިފެހެއްޓިފައެއް ނުހުރެއެވެ.
- ހަށިގަނޑުގެ އެތެރޭގައިވާ ގުނަވަންތަކުގެ ޓިޝޫތަކުގެ ތެރެއަށް ކެންސަރު ސެލްތައް ވަދެ، މުޅި އެގުނަވަނެއްގެ ހަރަކާތުގެ ނިޒާމަށް ބުރޫއަރުވައެވެ.
- ބައެއް ކެންސަރުގެ ސެލް، އެސެލްތައް ފުރަތަމަ އުފެދުނު ހިސާބުން ވަކިވެ، ލޭހޮޅިތަކުގެ ތެރެއިންނާއި، ލިމްފްްް ދަތުރުކުރާ ހޮޅިތަކުގެ ތެރެއިން ހަށިގަނޑުގެ ދުރު ހިސާބުތަކަށް ދަތުރުކޮށް، އެހިސާބުގައި ހާލިހަދާ އިތުރު ޓިއުމަރު ނުވަތަ ގަނޑު އެތަންތާގައި އުފައްދައެވެ. މިބާވަތުގެ ކެންސަރު އަށް ކިޔަނީ ފުރަތަމަ އުފެއްދި ކެންސަރު އިން އުފެއްދި ދެވަނަ ކެންސަރު ނުވަތަ ސެކަންޑްރީ ކެންސަރު އެވެ.
ކެންސަރ ސެލްތަކުން ހަށިގަނޑުގެ އެކި ހިސާބުގައި ޓިއުމަރު (ނުވަތަ ގަނޑު) އުފައްދާ އުޞޫލުން، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގެ ތެރެއަށް ވެސް ދަތުރުކޮށް އެތަންތާގައި ވަކި ހިއްޕާލާ އޭގެ ސަބަބުން އެގުނަވަނެއް ހަލާކުކޮށްލާ އެންމެ ފަހުން އެމީހެއްގެ މަރާ ކުރިމަތިކުރުވައެވެ.
ހަށިގަނޑުގައި ކެންސަރު ފުރަތަމަ އުފެދޭ ތަނެއްގައި އެބަލި ފެތުރުން ބައެއް ފަހަރު ލަސް ވާގޮތް ވެދާނެއެވެ. ނަމަވެސް ފުރަތަމަ އުފެދުނު ކެންސަރުގެ ސަބަބުން ހަށިގަނޑުގެ އެހެން ގުނަވަނެއްގައި އުފައްދާ ދެވަނަ ކެންސަރު މާހަލުވިކަމާއެކު ފެތުރިގެންދާގޮތް ދިމާވެއެވެ. މިސާލަކަށް ބަނޑުގެ ވަކި ތަނެއްގައި ކެންސަރު އުފެދި އިތުރު ތަނަކަށް ނުފެތުރި ކުޑަ ދުވަސްކޮޅަކު ހުރެދާނެއެވެ. ނަމަވެސް ބަނޑުގައި އުފެދުނު ކެންސަރުގެ ސެލްތަކުގެ ތެރެއިން ބައެއް ސެލް ފުރަމޭގެ ތެރެއަށް ނުވަތަ އެހެން ގުނަވަނަކަށް ދަތުރުކޮށް، އޭގެ ސަބަބުން އުފައްދާ ކެންސަރު މާހަލުވިކަމާއެކު ފެތުރިދާގޮތް ދިމާވެއެވެ. އަދި މިގޮތަށް އުފެދޭ ކެންސަރުގެ ނުރައްކާތެރިކަން ވެސް މާބޮޑުވާނެ އެވެ. ހަށިގަނޑުގައި ކެންސަރު ފެތުރުމުގެ އަވަސް ލަސްމިން ބިނާވެފައި އޮންނަނީ ކެންސަރ ސެލް އުފެދެން ފަށާފައިވާ ހަށިގަނޑުގެ ޓިޝޫގެ ވައްތަރާއި، އަދި ހަށިގަނޑުގައި އުފެދިފައިވާ ކެންސަރުގެ ބާވަތުގެ މައްޗަށެވެ.
ގިނަފަހަރަށް ކެންސަރު ޖެހިފައިވާކަން ދެނެގަނެވެނީ ވެސް ފުރަތަމަ އުފެދުނު ކެންސަރު އިން އުފައްދާ ދެވަނަ ކެންސަރު ހަށިގަނޑުގައި ފެތުރެން ފެށުމާއި ގުޅިގެންނެވެ. ހަށިގަނޑުގައި ކެންސަރު ސެލް އިތުރުވާން ފަށައިފިނަމަ، އާންމު ގޮތެއްގައި ދިމާވާ ކަމަަކީ ހަށިގަނޑުގެ އެކިތަންތާގައި ގޮށްލާ ދުޅަވާގޮތް ވުމެވެ. ނޫނީ ގަނޑު އުފެދުމެވެ. މިގޮތުން ހަށިގަނޑުގައި ކެންސަރުގެ ގަނޑާއި، ކެންސަރު ނޫން ގަނޑު އުފެދެއެވެ. ހަށިގަނޑުގައި އުފެދޭ ކެންސަރުގެ ގަނޑަށް ކިޔަނީ މެލިގްނަންޓް ޓިއުމަރއެވެ. ކެންސަރަށް ނުވާ ބާވަތުގެ ގަނޑަށް ކިޔަނީ ބެނައިން ޓިއުމަރއެވެ. ވީމާ ކެންސަރަކީ ޓިއުމަރު ނުވަތަ ގަނޑުގެ ބާވަތެކެވެ.
ހަށިގަނޑުގެ އެކި ތަންތާގައި އުފެދޭ ގަނޑުގެ ވަށައިގެންވާ ޓިޝޫތައް ހުންނަނީ ގަނޑާ އެކުވެފައެވެ. އެކަމުގެ ސަބަބުން ގަނޑު އުފެދިފައިވާ ހިސާބުގައި ހަމުގެ މަތީން އަތް ޖައްސާލައިފިނަމަ ހަރުކަމެއް ހުރެދާނެއެވެ. ނަމަވެސް ގަނޑުގައި ހިފައި ކޮޅުކޮޅަށް ޖައްސައެއް ނުހެދޭނެއެވެ.
ހަށިގަނޑުގައި ދުޅަވާ ކޮންމެ ގޮށަކީ އަދި ގަނޑަކީ ކެންސަރެއް ނޫނެވެ. އަދި ހަށިގަނޑުގައި އުފެދޭ ސިސްޓް އާއި ގޮށާއި، އެސްވަޅުފަދަ ތަންތަން ފަރުވާކޮށްގެން ރަގަޅު ކުރެވިދާނެ އެވެ. ނަމަވެސް ހަށިގަނޑުގައިވާ މިފަދަ ތަނެއް އޮޕަރޭޝަންކޮށްގެން ނަގައިފިނަމަ ކެންސަރުގެ އަސަރެއް އޭގައި އެކުލެވިގެންވޭތޯ ބެލުމުގެ ގޮތުން އޭގެ އެތިކޮޅެއް ނަގައިގެން (ބައިއޮޕްސީ) ޓެސްޓްކުރުމަކީ މުހިއްމު ކަމެކެވެ. އިންސާނާގެ ހަށިގަނޑުގައި އުފެދޭ ޓިއުމަރު ދެވައްތަރުގެ ތެރެއިން ކެންސަރު ގެ ގޮތުގައި ބެލެވެނީ ހަމައެކަނި މެލިގްނަންޓް ޓިއުމަރު ނުވަތަ ކެންސަރު ޖައްސާ ޓިއުމަރު އަށެވެ.
ކެންސަރު ޖެހުމުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ހަށިގަނޑުގެ އެކި ހިސާބުތަކަށް ބަލީގެ އަސަރު ފެތުރިގެން ދިއުމެވެ. މިގޮތުން ކެންސަރުގެ އަސަރު ހަށިގަނޑުގައި ފެތުރެމުންދަނީ ތިރީގައި މިބަޔާންކުރާ އުޞޫލުތަކާ އެއްގޮތަކަށެވެ.
- ހަށިގަނޑުގައި ކެންސަރު އުފެދުނު ފުރަތަމަ ހިސާބުގައި ބަލި ފެތުރެމުންދިއުން : ހަށިގަނޑުގައި ކެންސަރުގެ އަސަރު ފުރަތަމަ ފެށުނު ގުނަވަނާ އެގުނަވަނަކާއި، ގުޅިފައިވާ ޓިޝޫތައް ފިޔަވައި، އެހެން ހިސާބުތަކަށް ބަލި ފެތުރެމުންދިއުން
- ލިމްފް މަގުން ކެންސަރު ފެތުރުން : ހަށިގަނޑުގެ ތެރޭގައި ދަތުރުކުރާ ލިމްފް ދިޔަވަރުގެ ތެރެއަށް ކެންސަރުގެ ސެލްތައް ފެތުރި، ލިމްފް ގްލޭންޑް ނުވަތަ ލިމްފް ނޯޑް ގައި ކެންސަރު ސެލްތައް ހަރުލާ އެތަންތާގައި މިބަލި ފެތުރެމުންދިއުން
- ލޭގެ މަގުން ކެންސަރު ފެތުރުން: ލޭގެ ތެރެއަށް ކެންސަރުގެ ސެލްތައް ދަތުރުކޮށް، ލޭގެ ތެރޭގައި މިސެލްތައް ފެތުރެމުންދިއުމާއި، އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް މިސެލްތައް ދަތުރުކޮށް އެތަންތާގައި ސެލްތައް ހަރުލައި، ފުރަތަމަ އުފެދުނު ކެންސަރުން އުފައްދާ ދެވަނަ ކެންސަރު އުފެދުން. މިގޮތުން އުފެދޭ ދެވަނަ ކެންސަރު އެންމެ އާންމުކޮށް ޖެހޭ ކަމަށް ބެލެވޭ އެއް ގުނަވަނަކީ ފުއްޕާމޭ އެވެ. އެތެރެހަށީގެ ގުނަވަންތަކުގެ ތެރެއިން އެންމެ އާންމުކޮށް ޖެހެނީ ފުރަމޭ އަށެވެ. ނަމަވެސް ހަށިގަނޑުގެ އެތެރޭގެ ކޮންމެ ގުނަވަނަކަށް ވެސް ފަސޭހަކަމާއެކު ކެންސަރު ޖެހިދާނެ އެވެ.
ކެންސަރުގެ ވައްތަރުތައް:
ކެންސަރުގެ ވައްތަރުތައް ބަހާލެވެނީ މައިގަނޑު 4 ބަޔަކަށެވެ. އެއީ:-
- ކާސިނޯމާ: އެޕިތީލިއަލް ސެލްއަށް ޖެހޭ ބާވަތުގެ ކެންސަރު
- ސާރކޯމާ: މަހާއި ކަށީގެ ބައިތަކަށާއި، ލޭހޮޅިތަކަށާއި، ލިމްފް ދަތުރުކުރާ ހޮޅިތަކަށް ޖެހޭ ބާވަތުގެ ކެންސަރު
- ލުކީމިޔާ: ލެޔަށްޖެހޭ ކެންސަރު
- ލިމްފޯމާ: ލިމްފް ގްލޭންޑް އާއި ލިމްފް ނޯޑް އަށް ޖެހޭ ކެންސަރު
ކެންސަރު ޖެހުމުގައި ތިމާވެއްޓާއި ގުޅިގެން ދިމާވާ ކަންތައްތަކާއި، އެމީހަކު އުފެދުމުގައި ހުންނަ ވާރުތަވާގޮތް ހުންނަ ކަންތައްތައް އަކީ މުހިއްމު ދައުރެއް އަދާކުރާ ކަންކަމެވެ. ދިރާސާތަކުން ދައްކާގޮތުގައި ކެންސަރު ޖެހިފައިވާ މީހުންގެ ތެރެއިން 90-80 އިންސައްތަ މީހުންނަށް ކެންސަރު ޖެހިފައިވަނީ ސީދާ ގޮތުންނާއި ނުސީދާގޮތުން ދިމާވެފައިވަ ތިމާވެއްޓާއި ގުޅުންހުރި ކަންތައްތަކުގެ ސަބަބުންނެވެ.
ދުނިޔޭގެ ގައުމުތަކުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ސަބަބުތަކުގެ ތެރޭގައި، އިތުރުވަމުންދާ ޞިނާޢީ މަސައްކަތްތަކާއި ގުޅިގެން ދިމާވާ މައްސަލަތަކާއި، ތިމާވެއްޓާއި އެކުވެފައިވާ ދުމާއި، ކެމިކަލްތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތައް ހިމެނެއެވެ. މީގެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުފުން ފަދަ ކަންތައްތައް ހިމެނެއެވެ.
ކެންސަރު ޖެހިފައިވާކަން ދެނެގަންަނާނީ ކިހިނެއް؟
ކެންސަރުޖެހޭތާ ކުރީކޮޅު ބަލި ދެނެގަތުމަކީ ބަލި ފަސޭހަކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެކެވެ. އެހެންކަމުން މިބަލި ދެނެގަތުމަށްޓަކައި ބަލީގެ ނިޝާންތަކާއި، އަލާމާތްތައް ދެނެގަތުން މުހިއްމު ވާނެއެވެ. ކެންސަރާމެދު ޝައްކުކުރެވޭ އެއްވެސް ނިޝާނެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކާ މަޝްވަރާކޮށް ފަރުވާ ހޯދުން މުހިއްމެވެ.
- ލޭއައުން
- ހޮނޑުލާއިރު ލޭހުރުން
- ހަމުގެ ދަށުގައި ލޭފޭދިފައިހުރުން
- ހަށިގަނޑުގެ ހުޅުވިފައިވާ އެއްވެސް ދޮރަކުން އާދަޔާ ޚިލާފަށް ލޭއައުން
- ބޮޑުކަމުދާ ނަޖިސް އަދި ކުޑަކަމުދާ ނަޖިސް ގައި ލޭހުރުން
- ޙައިޟުގެ ދުވަސްތައް ފިޔަވައި އެނޫން ދުވަސްތަކާއި، އަނބިފިރިކަމުގެ ގުޅުން ހިންގުމުން އަންހެނުންގެ ކުރިމަތި ފަރާތުން ލޭއައުން: އަދި އަންހެނުންގެ ކުރިމަތި ފަރާތުން އަންނަ އެއްޗެހީގައި ލޭހުރުން
- ވިހެއުމަށްފަހު ލޭއައުމުގެ މުއްދަތު ދިގުލައިދިއުން
- ހަމުގައި ހުންނަ އުން ފަދަ ތަންތަނުން ލޭއައުން
- ހަށިގަނޑުގެ އެކިތަންތާގައި ގަނޑުލާ ހަރުވެފައިހުރުން
- ކަރުގައިވާ ތައިރޮއިޑް ގްލޭންޑް، ބަނޑު، ތުންފަތުގެ އެތެރ، ކަރު، އުރަމަތި، އަތްފައި، މަސްގަނޑު، އަދި މިނޫން ވެސް ހަށިގަނޑުގެ އެކި ތަންތާގައި ގަނޑުލާ ހަރުތަންތަން އުފެދުން
- ހަމުގައި އުފެދިފައިވާ ކަޅުތިލަ ބޮޑުވުމާއި، މިފަދަ ތަންތަނުން ލޭއައުމާއި، އަދި މިފަދަ ތަންތަނުގެ ކައިރީގައި ކުދިކުދި ކަޅުތިލަ އުފެދުން
- ފާރުގަނޑެއް އުފެދި ފަސޭހަނުވެ ދިގުލައިހުރުން
- ހަށިގަނޑުގެ ކޮންމެ ހިސާބެއްގައި ނަމަވެސް ފާރުގަނޑެއް އުފެދި، ފަސޭހަނުވެ، ދިގުލައި ދިއުމާއި، ފާރުގަނޑުގައި ހަރުކަމެއް ހުރުން
- މިބާވަތުގެ ފާރުގަނޑު ގިނަފަހަރު އުފެދިފައި ހުންނަނީ ފިރިހެނުންގެ ޖިންސީ ގުނަވަން، އަދި އަނގައިގެ ތެރޭގައެވެ. މިއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމެކެވެ.
- ބަނޑުހިކުން: ބަނޑުހިކުމުގެ އުދަގޫވާއިރު ދޭތެރެދޭތެރެއިން ބަނޑުދިޔާވާގޮތް ވެސް ވެއެވެ.
- ބަރުދަން ލުއިވުން : ކިތައްމެ ރަގަޅަށް ކެޔަސް ސަބަބު ބުނެދޭން ނޭނގި ހަށިގަނޑުގެ ބަރުދަން ލުއިވަމުން ދިއުން : ގިނަ ފަހަރަށް މިކަން ދިމާވަނީ ބޮޑެތި މީހުންނަށެވެ.
- ކާހިތްކުޑަވުން ނުވަތަ ކާހިތްނުވުން ނުވަތަ ކާހިތް ކެނޑުން
- ވަރުބަލިވުން: ވަރުބަލިކަން އެއްދުވަހުން އަނެއް ދުވަހަކަށް ބޮޑުވަމުން ދިއުމާއެކު، ގިނަ ވަގުތު ހުން ވައްތަރު ވެފައި ހުރުމާއެކު ލޭމަދުވުން
- ހަށިގަނޑުގެ ތަންތަން ދުޅަވެ، ބައެއް ތަންތާގައި ރިހުން: އާންމުކޮށް ދުޅަވެ ރިހުން އުފެދޭ ތަންތަނުގެ ތެރޭގއި ކަރު، ބަނޑު، އަދި ފިރިހެނުންގެ އޮަށް ހިމެނެއެވެ.
- ދިރުވާލުމަށް އުދަގޫވުން:މަޑުކާނާއާއި އޮއްޓަރުކާނާ ދިރުވުމަށް އުދަގޫވުމާއި، ކައިނިމިގެން ހޮނޑުލެވޭގޮތްވުމާއި، ހޮނޑުގައި ލޭހުރުން
ކެންސަރަށް އޮތީ ކޮން ފަރުވާއެއް؟
ކެންކެންސަރު ޖެހިފައިވާ ކޮންމެ މީހަކަށްމެ ދޭނެ ފަރުވާ ކަނޑައަޅާނީ ހަށިގަނޑުގައި ބަލި ފެތުރިފައިވާ ތަނަކާއި، އަދި ބަލިޖެހިފައިވާ މިންވަރެއްގެ މައްޗަށް ބިނާކޮށެވެ. ދެވޭ ފަރުވާ ތަކުގެ ތެރޭގައި:-
- ކެންސަރުގެ އަސަރުކޮށްފައިވާ ހިސާބު އޮޕަރޭޝަންކުރުން
- ރޭޑިއޭޝަން ދިނުން
- ކީމޯ ތެރަޕީ ދިނުން
- ހޯމޯން ތެރެޕީ ދިނުން
އޮޕަރޭޝަން ކުރުމަށް ބޭނުންވަނީ ބަލީގެ އަސަރު ހަށިގަނޑުގެ އިތުރު ހިސާބުތަކަށް ފެތުރުނަ ނުދިނުމުގެ ގޮތުން ކެންސަރުގެ ސެލްތައް އުފެދިފައިވާ ހިސާބު މުޅިން ވަކިކޮށްލުމަށެވެ. ބަލީގެ އަސަރު ކޮށްފައިވާ ގުނަވަނަކާއި، އެގުނަވަނަކާއި ގުޅިފައިވާ ޓިޝޫތައް، އޮޕަރޭޝަންކޮށްގެން މިގޮތަށް ނަގަނީ ބަލީގެ އަސަރުކޮށްފައިވާ ނިސްބަތުގެ މައްޗަށް ބަލައި ހަށިގަނޑުގެ އެއް ހިސާބެއްގައި ބަލީގެ އަސަރު ފެތުރި ގަނޑުލައިފައިވާނަމަ އެވެ. ކެންސަރު ޖެހިފައިވާ ބައެއް މީހުންނަށް އޮޕަރޭޝަނަށްފަހު ކީމޯތެރަޕީ ވެސް ދޭންޖެހިދާނެ އެވެ. ނުވަތަ ކީމޯތެރަޕީއާއެކު ރޭޑިއޭޝަންގެ ފަރުވާވެސް ފަށަންޖެހިދާނެ އެވެ.
ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
ހަށިގަނޑު އަބަދުވެސް ސާފުކޮށް ބެހެއްޓުމަކީ ގިނަ ވައްތަރުތަކުގެ ކެންސަރުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. ޖައްވުގެ ނުސާފުކަން ކޮންޓްރޯލް ކުރެވިއްޖެނަމަ އެއީ ކެންސަރުން ރައްކާތެރިވުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ. ބޭހާއި ރީތިވުމަށް ބޭނުންކުރާ ލޯޝަނާއި، ކްރީމްއާއި ޕައުޑަރު ފަދަ ތަކެއްޗާއި، ތައްޔާރީ ކާނާގެ ބާވަތްތައް އުފައްދާއިރު، އެތަކެއްޗާއި އެއްކުރާ ކެމިކަލްތަކުގެ އެކިއެކި ބާވަތްތަކަކީ ކެންސަރު އުފެދިދާނެ ތަކެތިތޯ ބަލައި، ޓެސްޓްކުރުމަކީ ވެސް މިބަލިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ.
މީގެ އިތުރުން ހަށިގަނޑުގެ ތެރެއަށް ރޭޑިއޭޝަން ދިއުން މަދުކުރުމަށް މަސައްކަތްކުރުން: މީގެ ތެރޭގައި އެކްސްރޭ ނެގުމުގެ އަދަދު މަދުކުރުން، އެކްސްރޭ ނެގުމުގެ މަސައްކަތުގައި އުޅޭ މީހުން ވެސް ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަންޖެހޭ ހެދުމާއި، އަދި މިނޫންވެސް ހަތިޔާރު އެކަމަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ބޭނުންކުރުން ހިމެނެއެވެ. ކެންސަރު އުފެދިދާނެ ކަމަށް ގަބޫލުުކުރެވޭ އެކިއެކި ކެމިކަލްއާއި ގުޅުންހުރި ޞިނާޢީ މަސައްކަތްތަކުގައި އުޅޭމީހުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް ކުރިން އެޅުމަކީ މުހިއްމު ކަމެކެވެ. މީގެތެރޭގައި އަނގަޔާއި ނޭފަތް ނިވާކުރަން ބޭނުންކުރާ މާސްކް ފަދަ ތަކެއްޗާއި، ހެދުމާއި، އަދި މިނޫނަސް ހަތިޔާރު އެކަމަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ބޭނުންކުރުން ހިމެނެއެވެ.
ހަމައެހެންމެ، މަދިރި ފަދަ ކުދިކުދި ސޫފި މެރުމަށް ބޭނުންކުރާ ޑީޑީޓީ، އާއި، މެލެތިއޯން ފަދަ ބޭސްތަކާއި، ދަނޑުވެރިކަމުގައި ގަސްގަހަށް ޖެހުމަށް ބޭނުންކުރާ އެކިބާވަތުގެ ކެމިކަލް ބޭސްތައް ބޭނުންކުރާ މިންވަރު ވީވަރަކުން މަދުކުރުމަކީ ވެސް ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ. ބަނގުރާ ބުއިމަކީ ފުރަމޭގެ ކެންސަރު ޖެހޭކަމަކަށްވާތީ ރާބުއިން ހުއްޓާލުމަކީ މިބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެކެވެ. އިރުގެ ދޯދީގައި ވެސް ރޭޑިއޭޝަންގެ އަސަރު އެކުލެވިފައިވާތީ އާންމު ގޮތެއްގައި ގިނަ ވަގުތު އަވީގައި އުޅެން ޖެހިއްޖެނަމަ، ރައްކާތެރިވުމުގެ ގޮތުން ކުޑަޔާއި، ތޮފި ފަދަ ތަކެތި ބޭނުންކުރުމަކީ ބޭނުންތެރި ކަމެކެވެ. ދޭތެރެ ދުރުކުރުމަށް ބޭސް ބޭނުންކުރާ މީހުން، ގަވާއިދުން ބޭސް ބޭނުން ކުރުމާއެކު، ދިގުމުއްދަތެއްގައި ބޭސް ބޭނުންކުރާނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުން ވެސް މުހިއްމު ވާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން