
މަޑުމައިތިރިކަމަކީ ދީނުގެ މުހިންމު ބައެއްކަން ދަންނަ މީހުން މިއަދު މަދު: ހުކުރު ޚުޠުބާ

އާމިނަތު ޝަޒްލާ - 07 އޯގަސްޓު 2026 - 08:40
މަޑުމައިތިރިކަމާއި އޯގާތެރިކަން ފަދަ ރިވެތި އަޚުލާޤީ ސިފަތަކަކީ އިސްލާމްދީނުގެ މުހިންމު ބައެއްކަން ދަންނަ މީހުން މިއަދު މަދުވަމުންދާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ "މަޑުމައިތިރިކަން އިސްކުރުން" މިއެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އަހަރެމެންގެ ތެރޭގައި ފަރުޟުތަކަށް ރައްކާތެރިވުމާއެކު، ސުންނަތް ނަމާދާއި، ސުންނަތް ރޯދަ އަދި ޞަދަޤާތްކުރުން ފަދަ ހެއު ޢަމަލުތައް ކުރާ މީހުން މަދެއް ނޫނެވެ. ނަމަވެސް، ހިތާމައަކީ އެފަދަ ހެއުލަފާ މީހުންގެ ތެރޭގައި ވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި، އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުމުގެ ނުބައި ސިފަ ހުންނަކަމެވެ.
ކިބުރުވެރިކަމެއް ނެތި މަޑުމައިތިރިވުމާއި އޯގާތެރިވުމަކީ ސުވަރުގެ ލިއްބައިދޭ މާތް ސިފަތަކެއްކަން ފާހަގަކުރައްވައި، ބޮޑާވުމާއި ހިތްހަރުކަމާއި ރުޅިވެރިކަމަކީ ނަރަކައަށް މަގުދައްކާ ކަންކަން ކަމުގައި ޚުޠުބާގައި އިންޒާރު ދެއްވިއެވެ.
މިއަދުގެ ޚުޠުބާގައި ނަމޫނާއަކަށް ދެއްކެވީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ އެވެ. އެކަލޭގެފާނުގެ އަހުލުވެރީންނާއި، އަޞްޙާބުންނާއި، އަވަށްޓެރީންނާ މުޢާމަލާތު ކުރެއްވުމުގައި ގެންގުޅުއްވީ އިންތިހާ ދަރަޖައިގެ މަޑުމައިތިރިކަމާއި އޯގާވެރިކަމެވެ. ހަމައެހެންމެ، ދުޝްމަނުންނާ މުޢާމަލާތުކުރެއްވުމުގައި ވެސް އެކަލޭގެފާނު އިސްކުރެއްވީ އެ މަތިވެރި ސިފަފުޅުތަކެވެ. އެހެންކަމުން، މުސްލިމުންގެ ނަމޫނާއަކަށް ނަގަންވީ އެކަލޭގެފާނުގެ މާތް އަޚުލާޤުފުޅު ކަމަށް ޚުޠުބާގައި ބާރުއެޅުއްވިއެވެ.
ކީރިތި ޤުރްއާނަށް ފުންކޮށް ވިސްނައިފި ނަމަ، މީސްތަކުންގެ މުޢާމަލާތުތަކާ ގުޅޭ ގިނަ އާޔަތްތަކެއް ހުރިކަން އެނގޭނެކަން ފާހަގަކުރައްވައި، އަހަރެމެންގެ ދިރިއުޅުމުގެ ހުރިހާ މުޢާމަލާތެއް ވާންޖެހޭނީ އިސްލާމީ ހަމަތަކަށް ފެތޭ ކަންކަމަށް ކަމަށް ވިދާޅުވިއެވެ.
"ތިމާގެ ފުށުން އެހެން މުސްލިމަކަށް އެއްވެސް ގެއްލުމެއްދޭ މީހަކީ ފުރިހަމަ މުސްލިމަކަށް ނުވާނެ،" ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ، މީސްތަކުންނާ އޯގާތެރިކޮށް މުޢާމަލާތުކުރުމަކީ މާތްﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި ސިފައެއް ކަމަށާއި، އެ ސިފަ އަށަގަންނުވައިގެން މެނުވީ މުޖުތަމަޢުގެ ބަދަހިކަން ނުލިބޭނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ރައްޔިތުން ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުކޮށްފި!
16 ގަޑިއިރު ކުރިން

ތޫފާން 'ޑޮލްފިން' ޖަޕާނަށް ބިރުބޮޑުވެ، ރައްކާތެރިކަމުގެ ކުއްލި ފިޔަވަޅުތައް އަޅަނީ
20 ގަޑިއިރު ކުރިން

"އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް" އެމްޓީސީސީގެ އިހުމާލާއި ރައްޔިތުންގެ ކަނބޮޑުވުން އިންތިހާޔަށް
2 ދުވަސް ކުރިން

ޖޫންމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާގެ އާމްދަނީއެއް
2 ދުވަސް ކުރިން


