
"ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް އިންގިލާބީ ބަދަލެއް"

ރިޟްވާން މޫސާ - 26 އޯގަސްޓު 2026 - 03:58
ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރު ހަރުދަނާކޮށް، ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ގުޅުވާލަދިނުމުގެ މަގުސަދުގައި ފަރުމާކުރެވިފައިވާ "މައި ކެރިއަރ ޕޯޓަލް" މި ހިނގާ މަހުގެ 10 ވަނަ ދުވަހު ވަނީ ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ.
މި ޕޯޓަލްއާއި އެހެން ޕޯޓަލްތަކާއި ހުރި ތަފާތަކީ، މި ޕޯޓަލުގައި ރަޖިސްޓްރީވުމުން އެ މީހަކު ބޭނުންވާ ދާއިރާއަކުން ވަޒީފާއެއް އިއުލާން ކުރުމުން ފޯނަށް އަދި މެއިލްއަށް ނޮޓިފިކޭޝަން ދިޔުމެވެ. އެހެންކަމުން މިކަމުގެ ސަބަބުން ވަޒީފާ ހޯދާ ފަރާތްތަކަށް ކުރިޔަށްދާނެ މަގުތައް ހޯދުމަށް ފަސޭހަވާނެއެވެ. އަދި ވަޒީފާއަކަށް އެޕްލައިކޮށް ވަޒީފާ ނުލިބޭ ފަރާތްތަކަށްވެސް ޕޯޓަލްގެ ތެރެއިން ބޭނުންވާ ހުނަރު ބުނެދީ އެހީތެރިވެދޭނެއެވެ.
ނޭޝަނަލް ކެރިއަރ ސަރވިސް (އެން.ސީ.އެސް) އިން އިސްނަގައިގެން ތަރައްޤީކުރި މި ޕޯޓަލްއަކީ ރާއްޖޭގެ ކެރިއަރ ޑިވެލޮޕްމަންޓް ދާއިރާއަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.
މައި ކެރިއަރ ޕޯޓަލްއަކީ ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ފުރުސަތުތައް ހޯދައިދިނުމަށާއި، ވަޒީފާދޭ ކުންފުނިތަކަށް ބޭނުންވާ ގާބިލު މުވައްޒަފުން ފަސޭހަކަމާއެކު ހޯދުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމެކެވެ.
ވަޒީފާގެ ބާޒާރަށް ނުކުންނަން ތައްޔާރުވާ ސްކޫލް ދަރިވަރުންނާއި އަލަށް ވަޒީފާގެ މައިދާނަށް ނުކުންނަ ޒުވާނުންނަށް ކުރިއަށްދާނެ ދާއިރާތައް އިޚްތިޔާރުކުރުމަށް ބޭނުންވާ ކެރިއަރ ގައިޑެންސްގެ ޚިދުމަތް މި ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން، އަމިއްލަ ޤާބިލުކަން އިތުރުކުރުމަށާއި ކެރިއަރ ކުރިއަރުވައި ތަރައްޤީކުރުމަށް ބޭނުންވާ ތަފާތު ޚިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާއެކު ފޯރުކޮށްދެވެއެވެ.
މައި ކެރިއަރ ޕޯޓަލްއާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ނޭޝަނަލް ކެރިއަރ ސަރވިސްގެ ޑެޕިއުޓީ މިނިސްޓަރ ޝަހީދާ އަލީ ވިދާޅުވީ، ސްކޫލު ނިންމާ ކުދިންނަށް އަދި ކުރިއަށްދާނެ ދާއިރާތައް ނޭނގޭ ކުދިންނަށް މި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކެރިއަރ ގައިޑެންސްއަށް ބުކް ކުރެވޭނެ ކަމަށެވެ. އަދި ކެރިއަރ ގައިޑެންސް ކޮންސަލްޓަންޓުންނާއި އެއްކޮށް މަޝްވަރާ ކޮށްގެން ކުރިއަށް ގެންދެވޭނެ ގޮތް މި ޕްލެޓްފޯމުގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ.
"މައި ކެރިއަރ ޕޯޓަލް" އިފްތިތާޙުވެގެން ދިއުމަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، މަސައްކަތުގެ މައިދާނަށް ނުކުންނަ ފަރާތްތަކަށް އުންމީދީ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމެކެވެ. ޚާއްޞަކޮށް ޒުވާނުންނާއި ސްކޫލް ދަރިވަރުންގެ މުސްތަޤުބަލު ބައްޓަންކުރުމުގައި މިއީ ނުހަނު ބޭނުންތެރި، ޒަމާނީ ޕްލެޓްފޯމެކެވެ.
ގުޅުން ހުރި ޙަބަރުތައް
ކުއްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގަނީ
35 މިނިޓު ކުރިން

މެދުއިރުމަތީގައި ހުރި އެމެރިކާގެ އެމްބަސީތަކަށް އަލުން ސަފީރުން ފޮނުވަނީ
ގަޑިއިރެއް ކުރިން

ގާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިންގެ ބައްދަލުވުމަށް އަރުދޭ ކެމްބޯޑިއާ އަށް!
ގަޑިއިރެއް ކުރިން

މައްކާ ދިފާއީ އެއްބަސްވުމުގައި ބައިވެރިވާން ބަންގްލަދޭޝްގެ ޝައުޤުވެރިކަން
ގަޑިއިރެއް ކުރިން


