ޓޮޓްނަމް އިން މެންޗެސްޓަރ ސިޓީ ލީގު ކަޕުން ކަޓުވާލައިފި
ހަފްސީ އަބްދުﷲ - 31 އޮކްޓޯބަރު 2024 - 03:32
ސީޒަންގައި ފުރަތަމަ ލަނޑު ޖެހުމަށްފަހު ވާނާ: ފޮޓޯ-ޓޮޓްނަމް
މެންޗެސްޓަރ ސިޓީ ކަޓުވާލުމަށްފަހު ލީގު ކަޕްގެ ކްއާޓާ ފައިނަލުން ޓޮޓްނަމް ޖާގަ ހޯދައިފިއެވެ. ޓޮޓްނަމް އިން ސިޓީގެ މައްޗަށް ކުރިހޯދީ 2-1 ނެވެ.
މެޗުގައި ފުރަތަމަ ދެ ލަނޑުވެސް ޖެހީ ޓޮޓްނަމް އިންނެވެ. ޓޮޓްނަމްއިން ފުރަތަމަ ލީޑް ނެގީ ފަސް ވަނަ މިނިޓްގައި ޓިމޯ ވާނާ ޖެހި ލަނޑުންނެވެ. މިއީ ސީޒަންގައި އޭނާގެ ފުރަތަމަ ލަނޑެވެ. ދެވަނަ ގޯލް 25 ވަނަ މިނިޓްގައި ޖެހީ ޕޭޕް ސާ އެވެ. ސްޓެފަން އޯޓެގާ ބެލެހެއްޓި ސިޓީގެ ގޯލަށް އޭނާ ބޯޅަ ފޮނުވާލީ 25 ޔާޑް ދުރުންނެވެ. ޓޮޓްމަންއިން ދެ ލަނޑުވެސް ޖެހީ ކުލުސެވުސްކީ ތަނަވަސްކޮށްދިން ފުރުޞަތުންނެވެ.
މެޗުގައި ސިޓީއަށް ޓޮޓްނަމްގެ ގޯލް ފޫއަޅުވާލެވުނީ ފުރަރަމަ ހާފްގެ އިތުރު ވަގުތުގައެވެ. ސިޓީގެ ލަނޑު ޖެހީ ސަވިންހޯ ތަނަވަސްކޮށްދިން ފުރުޞަތަކުން މެތިއުސް ނޫނޭޒް އެވެ. މެޗުގެ އެއްވެސް ހިސާބެއްގައި ކޯޗު ގާޑިއޯލާ ހާލަންޑްގެ ބޭނުމެއް ނުހިފައެވެ.
ލީގުކަޕް ކްއާޓާ ފައިނަލްގައި ޓޮޓްނަމް ވާދަކުރަން ޖެހޭނީ މެންޗެސްޓަރ ޔުނައިޓެޑާއެވެ. 2008 ވަނަ އަހަރުގެ ފަހުން ޓޮޓްނަމް އަށް އަދި ތަށްޓެއް ނުލިބެއެވެ.