
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ ހާއްސަ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 12 ޖުލައި 2026 - 12:33
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހާއްސަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.
މި އިނާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ނަން ހުށަހަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށެވެ.
ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓް މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
މިއަހަރުވެސް މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ގިންތިއަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ގިންތި އަކީ މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކަށް ދެވޭ އިނާމެވެ.
މީގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކެވެ.
ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރުމުގައި، މަތީ ތައުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެ މަތީ ދަރަޖައިގައި ފާސްވެ، އެ މަރުކަޒަކުން ދޭ އެންމެ މަތީ ޝަރަފު ލިބިފައިވާ ފަރާތްތައްވެސް ފުރަތަމަ ގިންތީގައި ހިމެނެއެވެ.
ދެވަނަ ގިންތިީގައި ހިމެނެނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކޮށް، އެކި މައުރަޒުތަކާއި މުބާރާތްތަކުން ނުވަތަ ބައިނަލްއަގުވާމީ މިންކުރުންތަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް ދެވޭ އިނާމެވެ.
ތިންވަނަ ގިންތި ހާއްސަ ކުރެވިފައިވަނީ، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލައަކަށް ޢިލްމީ އަދި އީޖާދީ ޙައްލެއް ހޯދައިދީ، ފާހަގަކޮށްލެވޭފަދަ ކާމިޔާބީއެއް ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ.
މީގެ ތެރޭގައި އައު އުފެއްދުންތައް ތައާރަފުކުރުމާއި، މުޖުތަމަޢަށް ފައިދާހުރި އިލްމީ ދިރާސާތައް ފުރިހަމަކޮށްފައިވާ ފަރާތްތައް ހިމެނެއެވެ.
މި އަހަރުގެ ހަތަރުވަނަ ގިންތިއަކީ، ގައުމީ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، ހުނަރުވެރި އަދި ފަންނުވެރި މަސައްކަތްތަކުން އުފެއްދުންތެރި ނަތީޖާ ނެރެފައިވާ ޒުވާނުންނަށް ދޭ އިނާމެކެވެ.
މި އިނާމަށް ޝަރުޠުހަމަވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނެވެ.
މި ޝަރަފުވެރި އިނާމުތައް އެރުވުން އޮންނާނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނުމަގުގެ އުތުރުފަރާތް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ
4 ގަޑިއިރު ކުރިން

ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި
5 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކު މަރުވެއްޖެ
5 ގަޑިއިރު ކުރިން

ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުން ނިމެނީ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)