logo
ބޮޑުވަޒީރު އޮނަރަބަލް މެތިއު ކޫޕަރ ވޭލް ކޮޕް31 ބައްދަލުވުމުގައި ދުނިޔޭގެ ލީޑަރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަނީ

ބޮޑުވަޒީރު އޮނަރަބަލް މެތިއު ކޫޕަރ ވޭލް ކޮޕް31 ބައްދަލުވުމުގައި ދުނިޔޭގެ ލީޑަރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަނީ

ސިޑްސްގެ މޫސުމީ ކާރިސާތަކުން އަރައިގަތުމަށް 46 ބިލިއަން ޑޮލަރު ހޭދަކޮށްފައިވޭ: މެތިއު ކޫޕަރ

profile

ރިޟްވާން މޫސާ - 13 ނޮވެމްބަރު 2026 - 12:43

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން (ސިޑްސް) 2023 ވަނަ އަހަރު ދަރަނި ދެއްކުމަށް 46 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށާއި، މިއީ އެ ޤައުމުތަކަށް މޫސުމީ ބަދަލުތަކަށް އެހީގެ ގޮތުގައި ލިބުނު މިންވަރަށްވުރެ ތިން ގުނަ އިތުރު އަދަދެއްކަމަށް ބޮޑުވަޒީރު އޮނަރަބަލް މެތިއު ކޫޕަރ ވޭލް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ބޮޑުވަޒީރު މިހެން ވިދާޅުވީ ކޮޕް31 ބައްދަލުވުމުގައި ދުނިޔޭގެ ލީޑަރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތުރުކީވިލާތުގެ އަންޓަލްޔާގައި ޤައުމީ ބަޔާން އިއްވަވަމުން ބޮޑުވަޒީރު ވޭލް ވަނީ، މޫސުމީ ބަދަލުތަކުގެ ނުރައްކަލަށް ހުށަހެޅިފައިވާ ޖަޒީރާ ޤައުމުތަކުން، އިތުރުވަމުންދާ ބޮޑެތި ދަރަނިތައް އަދާކުރަމުން މޫސުމީ ބަދަލުތަކަށް އިޖާބަދިނުމުގައި ކުރިމަތިލާންޖެހޭ މާލީ ބުރަ ބޮޑުވަމުންދާކަން ފާހަގަކުރައްވާފައެވެ.

އޭނާ އިންޒާރު ދެއްވި ގޮތުގައި، މިހާރު އޮތް މޫސުމީ އަދި ތަރައްޤީގެ މާލީ އޮނިގަނޑަކީ އެކަށީގެންވާ ނިޒާމެއް ނޫނެވެ. އަދި އެ ނިޒާމުގެ ތެރެއިން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ޚާއްޞަ ހާލަތްތަކަށް ރިޢާޔަތް ނުކުރާކަންވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު ގޮވާލެއްވީ މޫސުމީ އެހީއަކީ ހިލޭ އެހީގެ ގޮތުގައި ދެވޭ، ބޭނުންތަކަށް ބިނާވެފައިވާ، ލުއިފަސޭހަ އަދި ޤައުމީ ނިޒާމުތަކުގެ ތެރެއިން ފޯރުކޮށްދެވޭ އެހީއަކަށް ހެދުމަށެވެ. މިއީ ނާޒުކު ޤައުމުތަކުގެ ދަރަނި އިތުރަށް ބޮޑުވިޔަނުދީ، އެ ޤައުމުތަކަށް ބޭނުންވާ އެހީތެރިކަން ކަށަވަރުކުރުމަށްޓަކައެވެ.

މީގެ އިތުރުން، މުއާހަދާގެ 9.1 ވަނަ މާއްދާގެ ދަށުން ތަރައްޤީވެފައިވާ ޤައުމުތަކުން އަދާކުރަންޖެހޭ މޫސުމީ މާލީ ޒިންމާތައް ފުރިހަމަކުރުމަށް ބާރުއަޅުއްވައި، ވެފައިވާ ވަޢުދުތައް ފުއްދާނެ ތާވަލުތައް ހާމަކުރުމަށާއި، އެހީ ފޯރުކޮށްދެވޭ މިންވަރު މިނިވަންކަމާއެކު ބެލޭނެ ސާފު ނިޒާމެއް ގާއިމުކުރުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއި، މޫސުމީ ފަންޑުތަކާއި، ތަރައްޤީގެ ބޭންކުތަކުން "މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" ބޭނުންކޮށްގެން، ކުދި ޖަޒީރާ ޤައުމުތަކަށް ހުރި ޚާއްޞަ ނާޒުކު ހާލަތްތައް ދެނެގަތުމަށްވެސް ބޮޑުވަޒީރު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، އެހީގެ ފަންޑުތަކަށް ބޭނުންވާ ފައިސާ އަވަހަށް ހޯދުމަށްވެސް އޭނާ ބާރުއެޅުއްވިއެވެ.

https://wamco.com.mv/
tel:+9607331319