logo

އޭޖީގެ އިތުރުން 3 ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފި

profile

އަހުމަދު ޒަލީފު - 28 ޖެނުއަރީ 2024 - 13:46

އެމްޑީޕީ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގެ ތެރެއިން

މި ސަރުކާރުގެ 22 މިނިސްޓަރުންގެ ތެރެއިން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީ އާއި ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު، އެޓާނީ ޖެނެރަލް، އަހުމަދު އުޝާމް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދުއަށް ރުހުން ނުދޭން އިދިކޮޅު މައި ޕާޓީ އެމްޑީޕީން ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި އެ ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައިވަނީ އެމްޑީޕީގެ މެޖޯރިޓީ ވޯޓުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދެއްވާނެ ކަމަށް ކުރިއާލާ ވިދާޅުވެފައެވެ. މި ދެ ޕާޓީއަކީ މަޖިލީހުގެ މެޖޯރިޓީ އޮތް ދެ ޕާޓީއެވެ. ޕީއެންސީއަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް، އަދި ހޯރަފުށީ ދާއިރާގެ މެމްބަރު، އަހުމަދު ސަލީމް ސިފަ ކުރެއްވީ ވަޒީރުންނަށް ރުހުން ދިނުން އެއީ މަޖިލީހުން ކުރާ ވަރަށް "ބޭކާރު ތާކުންތާކު ނުޖެހޭ" މަސައްކަތެއްގެ ގޮތުގައެވެ. ސަލީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގައި އެވަޒީރަކާއި ހަވާލު ކުރާ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރުމުގެ ގާބިލުކަމާއި ލަޔާގަތު ހުރި މީހެއްތޯ އަޅުގަނޑުމެން ބަލަން ޖެހޭނެކަމަށެވެ.

"އެހެން ނަމަވެސް ކޮމިޓީ ރިޕޯޓަށް އަޅުގަނޑުމެން ބަލާލުމުން އެބަ އެނގޭ އެކަންކަމަށް ރިއާޔަތް ކުރެވިފައި ނެތްކަން" ސަލީމް ވިދާޅުވިއެވެ.

އަދި ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު، އަލީ އާޒިމް ވިދާޅުވީ، އެޕާޓީން ނެރެފައިވާ ބަޔާނުގައިވާ ގޮތުގައި ހުރިހާ މެމްބަރުންނަށް ރުހުން ދޭން އެ ޕާޓީއަށް ފަސޭހައެއް ނޫން ކަމަށެވެ.

https://int.etukuri.mv/
tel:+9607331319