logo

މަޤާމުތަކަށްދާ ރިޓަޔާޑް ފުލުހުންނަށް އިނާޔަތް ނުދޭން ނިންމައިފި

profile

ޝަހްޒާ މުޙައްމަދު - 25 ޑިސެމްބަރު 2025 - 11:25

ފުލުހުންގެ ވަޒީފާއިން ރިޓަޔަރ ކުރުމަށްފަހު އެހެން މަޤާމަކަށް އައްޔަން ކުރާ ނުވަތަ އިންތިހާބުވާ މީހުންނަށް ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް ހަދައިފިއެވެ.

https://wamco.com.mv/

ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސަށް އިސްލާޙު ގެނެސްފައިވާއިރު މިިދިޔަ އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ބައެއް މަޤާމުތަކުގައި ރިޓަޔާޑް ބޭފުޅުން ތިއްބަވާއިރު އެ ބޭފުޅުންނަށް މަޤާމުގެ މުސާރައިގެ އިތުރުން ރިޓަޔަމަންޓް އެލަވަންސްވެސް ލިބޭތީ އާންމުންގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އަދި މިކަމަށް ހައްލެއް ގެނައުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސާރވިސްގެ ޤަވާއިދުތައް ބަދަލުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ރިޓަޔާމަންޓް ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، ރިޓަޔަރ ކޮށްފައިވާ ފަރާތެއް ދައުލަތުގެ އިންތިޚާބީ ނުވަތަ ސަރުކާރުގެ މަޤާމަކަށް އައްޔަންކޮށްފިނަމަ، އެ މަޤާމުގައި ހުންނަ މުއްދަތުގައި ރިޓަޔަރމަންޓް އެލަވަންސް މެދުކެނޑޭނެއެވެ.

އެފަދަ ފަރާތެއް އަލުން އަދާކުރާ ވަޒީފާއިން ވަކިވުމުން، ޖެހިގެން އަންނަ މަހުން ފެށިގެން އަލުން ރިޓަޔަރމަންޓް އެލަވަންސް ލިބެން ފަށާނެއެވެ. ރިޓަޔަރ ކޮށްފައިވާ ފަރާތަކަށް ވަޒީފާއެއް ލިބިއްޖެނަމަ އެކަން ފުލުހުންގެ އިދާރާއަށް ލިޔުމުން އަންގަން ޖެހޭނެއެވެ. އަދި ވަޒީފާގައި ހުރި މުއްދަތުގައި އޮޅުމަކުން އެލަވަންސް ދެވިފައިވާނަމަ، އެ ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ދައްކަން ޖެހޭނެއެވެ. މީގެ އިތުރުން ފަހުން އަދާކުރި ވަޒީފާއިން ވަކިވާއިރު އެހެން ރިޓަޔަރމަންޓް ޕެކޭޖެއް ލިބޭނަމަ އެ ޕެކޭޖު އިޚްތިޔާރު ކުރަންޖެހޭނެ ކަމަށާއި، އެ ހާލަތުގައި ފުލުހުންގެ އެލަވަންސް ދެން ނުލިބޭ ގޮތަށް ވެސް އިސްލާހުގައިވެވެ.

މި ބަދަލަކީ އެއްފަހަރާ ދެ މުސާރަ ނުވަތަ ޑަބަލް މުސާރަ ލިބޭ މައްސަލައަށް ހައްލެއް ގެނައުމަށް ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay