logo

އަސްލު ޓީވީގެ ޚިދުމަތަށް 2 އަހަރު: މަންޒަރުގެ ހަގީގަތް ގެނެސްދިނުމުގައި ސާބިތުކަމާއެކު

profile

އައިޝަތު އިނާޝާ - 25 ޖެނުއަރީ 2026 - 05:32

އަސްލު ޓީވީގެ ޚިދުމަތް ފަށާފައިވަނީ މީގެ ދެ އަހަރު ކުރިން 25 ޖެނުއަރީ 2024 ގައެވެ.

https://wamco.com.mv/

ފަތިސް ނަމާދުގެ ބަންގީގެ މޫރިތި އަޑާއެކު، "އަސްލު ޓީވީ" ގެ ޚިދުމަތް ފެށިގެން ދިޔައީ ދިވެހި ބްރޯޑްކާސްޓިންގ ސިނާއަތަށް އާ ދިރުމެއް ގެނުވަމުންނެވެ. މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ އެ އުންމީދީ ފެށުމަށް ދެ އަހަރު ފުރުނު އުފާވެރި މުނާސަބަތެވެ. ވޭތުވެދިޔަ 730 ދުވަހަކީ ކަންކަމުގެ "އަސްލު" މަންޒަރު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ކުރެވުނު އިތުބާރު ހުރި ދަތުރެކެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް މީޑިއާނެޓް މެދުވެރިކޮށް އަސްލު ޓީވީ ފެންނައިރު، ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ފޭސްބުކް، އެކްސް، ޓިކްޓޮކް، އިންސްޓަރގްރާމް ޕްލެޓްފޯމް ފަދަ ސޯޝަލް މީޑިއާގެ މަންސަތަކުންވެސް އަސްލު ޓީވީ ފެންނާނެއެވެ.

މީޑިއާ ދާއިރާގެ ތަޖުރިބާ ކާރު ގިނަ ބޭފުޅުން ހިމެނޭ ޓީމަކާއެކީ، އަސްލު ޓީވީ ވުޖޫދުވީ ހަމައެކަނި ޚަބަރު ފަތުރާ ވަސީލަތެއްގެ ގޮތުގައެއް ނޫނެވެ. އެއީ މުޖުތަމައުގައި ހިނގާ ކަންކަމުގެ ފަހަތުގައިވާ ސައްހަ މައުލޫމާތު، އެއްވެސް އުނި އިތުރެއް ނެތި ގެނެސްދިނުމުގެ މަގުސަދުގައެވެ. މީޑިއާނެޓްގެ ޗެނަލް ނަމްބަރު 110 އިން މިއަދު މި ޗެނަލް ފެންނަމުންދާއިރު، "އަސްލު ފެށުން" މޯނިންގ ޝޯ އިން ފެށިގެން ރޭގަނޑުގެ ޚަބަރުތަކާ ހަމައަށް، އަޅުގަނޑުމެން އިސްކަންދެނީ ޒިންމާދާރު ނޫސްވެރިކަމަށެވެ.

އަސްލު ޓީވީއަށް މިއަދު ދެ އަހަރު ފުރުނު އިރު މި ޗެނަލް މިއަދު ރާއްޖޭގެ މަގުބޫލު ޗެނަލްއަކަށްވެފައިވާކަން ކަށަވަރެވެ. ކޮންމެ ދުވަހަކުވެސް އެތައް ހާސް ބަޔަކު އަސްލު ޓީވީ ބަލާއިރު، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އަސްލު ޓީމުން ވަނީ ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ހޯދާފައިވާ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ގެނެސްދީފައެވެ. އޭގެ ތެރޭގައި ސިޔާސީ، އިޖުތިމާއީ، އަދި ދީނީ ދާއިރާތަކުން ގެނެސްދޭ ޕްރޮގްރާމްތައް ހިމެނެއެވެ. ރާއްޖޭގައި ހިނގާ ކުދިބޮޑު ކޮންމެ ހާދިސާއެއްގެ މައިދާނުގައި، އެންމެ ފުރަތަމަ މަންޒަރުތައް ގެނެސްދިނުމުގައި އަޅުގަނޑުމެންގެ ހީވާގި ޒުވާން ޓީމުން ދައްކަމުންދަނީ ނަމޫނާ މަސައްކަތެއް ދައްކަމުންނެވެ.

ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، ނެގެހެއްޓުމަށް ރެއާއި ދުވާލު ކެނޑިނޭޅި ‘އަސްލު’ ޓީމުން މަސައްކަތްކުރަމުން އަންނައިރު އަސްލު ޓީވީގެ މަގުސަދަކީ އިއްޔެއާއި މިއަދުގެ އަސްލު ގެނެސްދިނުމެވެ. އަސްލު މަންޒަރު ގެނެސްދިނުމެވެ. އަޅުގަނޑުމެންގެ އަމާޒަކީ ބުނި ބުނުމުގެ އަސްލާއި، ކަންވީ ގޮތުގެ އަސްލު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ. މި ދަތުރުގައި އަޅުގަނޑުމެން ދެމިތިބޭނީ ސާބިތުކަމާއެކުގައެވެ.

މި ކާމިޔާބީގެ އަސްލަކީ އަޅުގަނޑުމެންގެ ބެލުންތެރިންނެވެ. ވޭތުވެދިޔަ ދެ އަހަރު ދެއްވި އެއްބާރުލުމާއި، ކުރެއްވި އިތުބާރަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި އަސްލު މީޑިއާ ގްރޫޕުގެ "އަސްލު ނޫސް" އަދި "އަސްލު ޓީވީ" އެކުއެކީގައި ކުރިއަށްދާއިރު، މިއީ އެއް އާއިލާއެއްގެ ގޮތުގައި ކުރެވޭ ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.

ދެ އަހަރު ފުރި، ތިންވަނަ އަހަރަކަށް ފިޔަވަޅު އަޅާއިރު، އަޅުގަނޑުމެންގެ އަޒުމަކީ މިއަށްވުރެ ފުރިހަމަ، މިއަށްވުރެ ތަފާތު ކޮންޓެންޓާއެކު ބެލުންތެރިންނާ ބައްދަލުކުރުމެވެ.

މާތް الله "އަސްލު ޓީވީ" ގެ ޚިދުމަތުގައި ބަރަކާތްލައްވައި، ހެޔޮ ތައުފީގު މިންވަރުކުރައްވާށިއެވެ. އާމީން!.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay