
ހަނގުރާމަ ނިންމަން މަޝްވަރާތައް އަލުން ފެށުމުގެ ފުރުސަތު ބޮޑު: އދ

މުޙައްމަދު ފަޟްލޫން - 14 އޭޕްރީލު 2026 - 21:05
މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް ކުރެވޭ މަޝްވަރާތައް އަލުން ފެށިދާނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތެރޭޒް ވިދާޅުވެއްޖެއެވެ.
މި ހަނގުރާމަ ފެށިގެން ދިޔައީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު، އެމެރިކާއާއި ޔަހޫދީ އިސްރާއީލުން އެއްވެސް މަގްބޫލު ސަބަބަކާ ނުލައި އީރާނަށް ދިން ޙަމަލާތަކަކާ ގުޅިގެންނެވެ.
މީގެ ރައްދުގައި އީރާނުން ވެސް ވަނީ ދުޝްމަނުންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
ހަ ހަފްތާއަށް ދެމިގެންދިޔަ މި ކުރިމަތިލުންތަކަށް ފަހު، ދެ ފަރާތުން މިހާރު ވަނީ ދެ ހަފްތާގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައެވެ.
މި މުއްދަތުގެ ތެރޭގައި ސުލްހަ ގާއިމުކުރުމަށްޓަކައި ޕާކިސްތާނުގެ އިސްލާމްއާބާދުގައި މަޝްވަރާތަކެއް ބޭއްވުނު ނަމަވެސް، އެދެވޭ ކުރިއެރުމެއް ނުލިބޭ ކަމަށް ބުނެ އެމެރިކާގެ ވަފުދުން ވަނީ އެނބުރި ގޮސްފައެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ޕާކިސްތާނުގައި އަލުން މަޝްވަރާތައް ފެށުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ގުތޭރޭޒް ވެސް ވަނީ މަޝްވަރާތައް އަލުން ފެށިދާނެ ކަމުގެ ފެހި ސިގްނަލްތަކެއް ލިބެމުންދާކަން ހާމަކުރައްވައިފައެވެ.
މީގެ އިތުރުން، އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރައްވައި، ސަރަޙައްދީ ސުލްހަ ގާއިމުކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ގުތޭރޭޒް ވަނީ ތަޢުރީފު ކުރައްވައިފައެވެ.
އަދި މި ދަނޑިވަޅުގައި މަޝްވަރާގެ މޭޒަށް އެނބުރި އައުމަކީ މުޅި ސަރަޙައްދުގެ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.






.gif&w=3840&q=75)