
އިންޑިއާގެ އަވަށެއްގައި ފެންބޮޑުވެ 4 މީހުން މަރުވެއްޖެ

މުޙައްމަދު ފަޟްލޫން - 17 އޯގަސްޓު 2025 - 08:03
އިންޑިއާގެ އަވަށެއްގައި ފެންބޮޑުވެ 4 މީހުން މަރުވެ އިތުރު އެތައް ބަޔަކަށް އެކިވަރުގެ ގެއްލުންތަކެއް ލިބިއްޖެއެވެ.
އިންޑިއާގެ ޖަންމުކަޝްމީރުގެ ކަތުއާ ޑިސްޓްރިކްޓްގެ އަވަށެއްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 4 މީހަކު މަރުވެފައިވާ ކަމަށް އިންޑިއާގެ ހަބަރުފަތުރާ ވަސީލަތްތަކުން ވަނީ ބުނެފައެވެ.
މި ވިއްސާރައިގައި ރޭލްވޭ ޓްރެކަކަށާއި، ނޭޝަނަލް ހައިވޭ 44 އަދި ފުލުހުންގެ ސްޓޭޝަނަކަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޖަންމުކަޝްމީރުގެ އުދަމްޕޫރު ދާއިރާގެ މަޖިލިސް މެމްބަރު އަދި ޔޫނިއަން މިނިސްޓަރު ޖިތެންދުރަ ސިންގް ވިދާޅުވިއެވެ.
ސިވިލް އެޑްމިނިސްޓްރޭޝަނާއި، އަސްކަރިއްޔާ އަދި ޕެރަމިލިޓަރީ ގިނަ ބަޔަކު މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި ހާލަތު ކެނޑިނޭޅި މޮނިޓަރ ކުރަމުންދާ ކަމަށް ޖިތެންދުރަ ވަނީ ވިދާޅުވެފައެވެ.
މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ޖިތެންދުރަ ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.
ޖަންމުކަޝްމީރުގެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲ ވެސް މި ހާދިސާގައި ހިތާމަ ފާޅުކުރައްވައި، ކަތުއާ ޑިސްޓްރިކްޓްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ދިމާވެފައިވާ ހާލަތުގައި ރައްޔިތުންގެ ސަލާމަތް ކަށަވަރު ކުރުމަށް، އެހީދިނުމާއި، ސަލާމަތީ މަސައްކަތްތަކާއި، ރައްކާތެރި ސަރަހައްދުތަކަށް މީހުން ގެންދިޔުމުގެ ފިޔަވަޅުތައް އަޅަން ރަސްމީ ފަރާތްތަކަށް އިރުޝާދު ދެއްވިއެވެ.
މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި، ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް ވެސް ޗީފް މިނިސްޓަރ އުމަރު ވިދާޅުވެފައިވެއެވެ.
ކަތުއާގެ އިދާރާއިން ވަނީ މޫސުމީ އިންޒާރެއް ނެރެ، ޑިސްޓްރިކްޓްގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ބުނެފައެވެ.
ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންދާ ސަރަހައްދުތަކުން އާއްމުން ދުރުވެ ރައްކާތެރިވެ ތިބުމަށް ކައުތާގެ ޑިސްޓްރިކްޓް އިންފޮރމޭޝަން ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.
ފަރުބަދަ މަތީގެ ސަރަހައްދުތަކާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ އޮތް ތަންތަނަށް ނުދިއުމަށް ކަތުއާގެ ޑިސްޓްރިކްޓް އިންފޮމޭޝަން ސެންޓަރުން ވަނީ އާއްމު ރައްޔިތުންނަށް އިރުޝާދު ދީފައެވެ.


.jpg&w=3840&q=75)
.jpeg&w=3840&q=75)


