
ރާއްޖެއަށް އިތުރު ވައިޑްބޮޑީ އެއަރކްރާފްޓެއް ކުއްޔަށް ހޯދަން އިއުލާންކޮށްފި

އައިޝަތު އިބްރާހިމް - 07 ފެބްރުއަރީ 2025 - 14:15
ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑް (އައިއޭއެސް) އިން އެއާބަސް އޭ330-200 ގެ ދެ ވަނަ ވައިޑް-ބޮޑީ އެއާކްރާފްޓެއް ކުއްޔަށް ހޯދުމަށް އިއުލާނުކޮށްފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެއާބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން އިއުލާން ކުރާ ކަމަށާއި، އެ ބޯޓު ކުއްޔަށް ނަގަން ބޭނުންވަނީ ލީސްއަށް ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ.
މޯލްޑިވިއަނުން ގެނައި ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް އިފުތިތާހު ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް އެ އެއާލައިނުގެ އޮޕަރޭޝަންތައް ފުޅާކުރަން ދެވަނަ އެއާކްރާފްޓެއް ގެންނާނެކަން އިއުލާން ކުރައްވާފައެވެ.
ފިނޭންސް މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަރުހަލާތައް ނިމި، އޮކްޓޯބަރު މަހާ ހަމައަށްދާއިރު، ދެވަނަ ބޯޓު އުދުހެން ފަށާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އިއްޔެ ދެއްވި ރިޔާސީ ބަޔާނުގައި ވެސް ރައީސް ވަނީ އެ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންއަށް އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު މަހުގައި ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.
އެގޮތުން އިތުރު ވައިޑް-ބޮޑީ އެއާކްރާފްޓެއް އޮކްޓޫބަރުގައި ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ބޯޓާއެކު ޔޫރަޕުގެ ބައެއް މަންޒިލްތަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއަރކްރާފްޓް މިއަހަރުގެ ޖެނުއަރީ މަހު ވަނީ ގެނެސްފައެވެ. މި އެއަރކްރާފްޓް ގެނައުމާ ގުޅިގެން، މިހާރު ވަނީ ޗައިނާގެ 3 މަންޒިލަކަށް ސީދާ ދަތުރުތައް ފަށާފައެވެ.
މި ކާމިޔާބު ފިޔަވަޅުގެ ފަހުން، އިތުރު އެއަރކްރާފްޓެއް ގެނައުމަށް ނިންމާފައިވާކަމީ ޤައުމީ އެއަރލައިންގެ ޚިދުމަތް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ރައީސުލްޖުމްހުރިއްޔާ މަސައްކަތްޕުޅު ކުރައްވާކަމުގެ ހެއްކެކެވެ.
މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ.
ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މި ބޯޓުގައި 18 ބިޒްނަސް ސީޓާއި 36 ޕްރިމިއަމް އިކޮނޮމީ ސީޓާއި 210 އިކޮނޮމީ ސީޓު ހިމެނެއެވެ. މީގެ އިތުރުން، މި ބޯޓުގެ ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.
މި އައު އެއާބަސް އޭ330 ބޯޓާ އެކު މޯލްޑިވިއަން އެއަރލައިންސްގެ ފްލީޓުގެ އަދަދު ވަނީ 25 އަށް އިތުރުވެގެންގޮސްފައެވެ. އަދި ޗައިނާއަށް މި ފަށާ ދަތުރުތަކާއިއެކު މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލްގެ އަދަދު 22 އަށް އަރާނެއެވެ.
މި އެއާކްރާފްޓުގެ ފުރަތަމަ ދަތުރުކޮށްފައިވަނީ ޗައިނާގެ ޗެންގްޑޫއަށެވެ.
ގުޅުން ހުރި ޙަބަރުތައް

ހައިކޯޓުގެ ހުކުމާއެކު މައުލޫމާތު ހާމަކުރުން ކުންފުނިތަކަށް މަޖުބޫރު ވެއްޖެ!
2 އަހަރު ކުރިން

ބޭރު މީހުންނަށް ބިން ވިއްކާތީ އިދިކޮޅުން އެއްވަނީ
2 އަހަރު ކުރިން

ހަރަދު ކުޑަކުރުމަށް ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: އުޝާމް
2 އަހަރު ކުރިން

ކެމްޕޭން ދަތުރުތަކަށް އެމްޑީޕީން ފައިސާ ނުދައްކައިގެން މޯލްޑިވިއަން އިން ކޯޓަށް
އަހަރެއް ކުރިން