logo

މުދައްރިސުންނަށް ޝުކުރު އަދާކުރެއްވުމުގައި ރައީސް ނަޝީދުގެ ޚާއްޞަ މެސެޖެއް!

profile

އާމިނަތު ޝަޒްލާ - 05 އޮކްޓޯބަރު 2026 - 10:21

ދިވެހިރާއްޖޭގެ މުސްތަޤުބަލު ބިނާކުރުމަށްޓަކައި މުދައްރިސުން ކުރައްވަމުން ގެންދަވާ ބުރަ އަދި އަގުހުރި ޚިދުމަތަށް ހައްޤުވާ މިންވަރަށް ޝުކުރު ދެންނެވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، އިއްޔެ އެމަނިކުފާނު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ކުރިން ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚިދުމަތުގައި ދެމިތިއްބެވި ހުރިހާ މުދައްރިސުންނަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޤައުމެއްގެ ކުރިމަގު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުދައްރިސުން ކަމަށާއި، ޖީލުތައް ބިނާކުރުމަށް އެބޭފުޅުން ވެވަޑައިގަންނަވާ ޤުރުބާނީއަކީ އަގުނުކުރެވޭނެ ފަދަ މަތިވެރި ޚިދުމަތެއް ކަމަށެވެ. އަދި އިއްޔެ އާއި މިއަދުގެ މުދައްރިސުންގެ ބުރަ މަސައްކަތަށް އެކަށޭނަ މިންވަރަށް ޝުކުރު ދެންނެވުމަކީ ދުލަކުން ނުވަތަ ގަލަމަކުން ކޮށް ނިންމާލެވޭނެ ކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތަޢުލީމީ ޙަޔާތަށް ބަލާއިރު، ރަށްފުށުގެ މަދަރުސާތަކުން ފެށިގެން ވެރިރަށް މާލޭގެ ސްކޫލްތަކާ ހަމައަށް ތަޢުލީމީ ދަންމަރު ރޯކޮށްދެއްވުމުގައި އިހުގެ އެދުރުންނާއި މުދައްރިސުން ވަނީ ވަރަށް ދަތި އުނދަގޫ ހާލަތްތަކުގައި ވެސް ނަމޫނާ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެ ޒަމާނުގައި ވަސީލަތްތައް މަދު ނަމަވެސް، މުޖުތަމަޢުގައި އަޚްލާޤު ހެޔޮ، ޤާބިލު ޖީލެއް ބިނާކުރުމަށް މުދައްރިސުން ކުރެއްވި މަސައްކަތަކީ މިއަދު މިދެކޭ ޒަމާނީ ތަރައްޤީގެ ބިންގަލެވެ.

މިއަދުގެ ޒަމާނީ ދުނިޔޭގައި އައިޓީ އަދި ޓެކްނޮލޮޖީގެ އައު ވަސީލަތްތަކާއެކު ތަޢުލީމު ފޯރުކޮށްދިނުމުގައި ވެސް މުދައްރިސުން ދަނީ އައު ގޮންޖެހުންތަކާ ކުރިމަތިލައި، ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. ވަކިން ޚާއްޞަކޮށް، ދުނިޔެއަށް އަންނަ ބަދަލުތަކާ އެކު ދަރިވަރުންގެ ވިސްނުމާއި ފިކުރު އިސްލާމީ ރިވެތި އުޞޫލުތަކުގެ މަތީގައި ހިފެހެއްޓުމަށް މުދައްރިސުން ކުރައްވާ މަސައްކަތަކީ މުޅި ޤައުމުގެ ސަލާމަތާއި ދެމިއޮތުމާ ގުޅިފައިވާ ކަމެކެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ދަޢުލަތުގެ އިސް ވެރިންނާއި ޢާންމު ރައްޔިތުން ވެސް އަންނަނީ މުދައްރިސުންގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ޝުކުރާއި ތަހުނިޔާ ފޮނުވަމުންނެވެ.

https://wamco.com.mv/
tel:+9607331319