މިދިޔަ އޮގަަސްޓްމަހު ބޭސްފަރުވާ ކުރުމަށް ޒަކާތު ފަންޑުން 130 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.
ޒަކާތު ހައުސްގެ އޯގަސްޓުމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މައިގަނޑު 4 ކަމަކަށް ޒަކާތު ފަންޑުން އެހީ ދީފައިވެއެވެ. އެއީ ކެންސަރަށް ފަރުވާކުރުމަށް 385،885 (ތިންލައްކަ އައްޑިހަ ފަސްހާސް އަށްސަތޭކަ އަށްޑިހަ ފަސް ރުފިޔާ)، ކިޑްނީ ބަލިތަކަށް 157،205 (އެއްލައްކަ ފަންސާސް ހަތްހާސް ދުއިސައްތަ ފަސްރުފިޔާ)، ސިކުނޑީގެ އޮޕަރޭޝަންތަކަށް 124،580 (އެއްލައްކަ ސައުވީސްހާސް ފަސް ސަތޭކަ އަށްޑިހަ ރުފިޔާ)، ހިތުގެ އޮޕަރޭޝަންކުރުމަށް 25،443 (ފަންސަވީސްހާސް ހަތަރުސަތޭކަ ސާޅީސް ތިންރުފިޔާ)، އަދި އެހެނިހެން ބަލިތަކަށް 415،500 (ހަތަރު ލައްކަ ފަނަރަހާސް ފަސް ސަތޭކަރުފިޔާ)، އެވެ.
މިދިޔަ މަހު ޒަކާތު ފަންޑުން ޖުމްލަ 733،436 (ހަތްލައްކަ ތެއްތިރީސް ހަތަރު ސަތޭކަ ތިރީސް ހަރުފިޔާ)، ވަނީ ހަރަދުކޮށްފައެވެ. އަދި އޯގަސްޓުމަހު އެހީގެގޮތުގައި ޖުމްލަ 1.12 މިލިޔަން ރުފިޔާ ހަމަޖައްސަފައިވެއެވެ.
ޒަކާތު ފަންޑުން ކޮށްފައިވާ އިތުރު ހަރަދުތަކުގެ ތެރޭގައި ވަޤުފް އިމާރާތް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް 37،800 (ތިރީސް ހަތް ހާސް އަށް ސަތޭކަ ރުފިޔާ)، އަދި ޒަކާތުގެ މަސައްކަތްކުރުމަށް ޒަކާތު ފަންޑުން މުސާރަ ދޭގޮތަށް ނަގާފައިވާ މުވައްޒަފުންގެ އުޖޫރަދިނުމަށް ޢާމިލުންގެ ބައިން ކުރެވިފައިވާ ހަރަދުގެ ގޮތުގައި 268،276 (ދެލައްކަ ފަސްދޮޅަށް އަށް ހާސް ދުއިސައްތަ ހަތްދިހަ ހަރުފިޔާ)، ހޭދަކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ މެނިފެސްޓޯގައިވާގޮތަށް ޒަކާތާބެހޭ މުސްތަގިއްލު ވަކި މުވައްސަސާއެއްގެ ގޮތުގައި "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ މިއަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ ބޭނުމުގައެވެ.