logo

ރާއްޖޭގައި ބާނާ މަހުގެ 73 އިންސައްތަ ހިއްސާކުރަނީ ދޮށީގެ މަސްވެރިކަން

profile

ޒިދާން މުޙައްމަދު - 08 އޮކްޓޯބަރު 2024 - 11:45

މަސް އޮޑިތަކެއް ކަނޑުމަތީ ހަރަކާތްތެރިވަނީ --- ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

މަސް އޮޑިތަކެއް ކަނޑުމަތީ ހަރަކާތްތެރިވަނީ --- ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ މަސްވެރިކަމަށް ވަނީ ސާސްކަފެއް ނުވަތަ ހާސް އަހަރުވެފަައެވެ. އަދި ކަނޑުގެ މާހައުލަށާއި ވެށްޓަށް އެންމެ ރައްކާތެރި ގޮތުގައި މަސްވެރިކަން ކުރުމުގެ ދުނިޔޭގެ ރިކޯޑުވެސް ލިބިފައިވަނީ ދިވެހިރާއްޖެއަށެވެ. ދިވެހީންނަށެވެ. އެވޭލާއިން މިވޭލާއަށްވެސް ހަމަ މިފަދައިން މިގޮތުގައެވެ.

ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑުގެ ގައުމެކެވެ. ރާއްޖޭގެ ނަމުގެ އަސްލަކީ "މާލޯދީޕު" ކަމުގައި ގަބޫލުކުރެެއްވި މުއައްރިޚުންގެ ނަޒަރުގައިވެސް ރާއްޖެއަކީ "މަސްވެރިންގެ ރާއްޖެ"އެވެ!

ރާއްޖެ އާބާދުވެ ދިވެހީން ދިރިއުޅެން ފެށުނީއްސުރެ 1990ގެ އަހަރުތަކާ ހަމައަށް 1000 އަހަރަށްވުރެ ގިނަ ޒަމާންތަކުގައި، ރާއްޖޭގެ މައިގަނޑު އިޤްތިޞާދު ބިނާވެފައި އޮތް ދިވެހީންގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ.

ޒަމާނުއްސުރެ ދިވެހިން ކުރަމުން އައިސްފައިވާ ޤަދީމީ ދޮށީގެ މަސްވެރިކަމަކީ، އެހެން އާލާތް ބޭނުންކޮށްގެން ކުރާ ކަޅުބިލަމަހުގެ މަސްވެރިކަމާ އަޅައިބަލާއިރު، މާޙައުލަށާއި މަސްވެރިކަމުގައި އަމާޒުކުރާ ބާވަތްތައް ނޫން އެހެނިހެން ބާވަތްތަކަށް ނިސްބަތުން ގެއްލުން ކުޑަ، ތިމާވެށްޓާ ރައްޓެހި، ސާފު މަސްވެރިކަމެކެވެ.

ދޮށީގެ މަސްވެރިކަމަކީ ކަނޑުމަހުގެ ބާވަތްތައް ހިފުމަށް ދިވެހިން ކުރާ މައިގަނޑު މަސްވެރިކަމުގެ ގޮތުގައި ޒަމާނުއްސުރެ ކުރަމުން އައިސްފައިވާ މަސްވެރިކަމެކެވެ. އިހު ޒަމާނުގައި ދޮށީގެ މަސްވެރިކަން ކޮށް އުޅުނީ ލަކުޑިން ބަނދެފައިވާ ރިޔަލު ދޯނިފަހަރުގައެވެ. ނަމަވެސް، ޒަމާނާއެކު މަސްވެރި އުޅަނދުތައް ތަރައްޤީވަމުން އައިސް، 1970ގެ އަހަރުތަކާއި 1980ގެ އަހަރުތަކުގައި މަސްވެރިކަން ވަރަށް ބޮޑަށް ފުޅާވެ، ތަރައްޤީވެގެން ގޮސްފައިވެއެވެ.

މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި 1974 ވަނަ އަހަރުން ފެށިގެން މަސްދޯނިފަހަރުގައި އިންޖީނު އަޅަން ފެށުން ހިމެނެއެވެ. އަދި 1978 ވަނަ އަހަރާ ހަމައަށް އައިއިރު، ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމުގައި ބާނައިފައިވާ މިންވަރުގެ 70 އިންސައްތަ އަށްވުރެ ގިނައިން ބާނައިފައިވަނީ އިންޖީނު އެޅި މަސްދޯނީގައެވެ. އަދި 1984 ވަނަ އަހަރާ ހަމައަށް މި މިންވަރު 99 އިންސައްތައަށް މަތިވެފައިވެއެވެ. މީގެ އިތުރުން ދިވެހި މަސްވެރިކަން ތަރައްޤީވުމުގައި މައިގަނޑު ދައުރެއް އަދާކުރި އެހެނިހެން ކަންތައްތަކުގެ ތެރޭގައި 1981 ވަނަ އަހަރު ފެށުނު އޮއިވާލި ކަނދުފަތި އެޅުމުގެ މަޝްރޫޢާއި، ދަޅުގައި މަސް ބަންދުކުރަން ފެށުމާއި، ދުނިޔޭގެ ބާޒާރުތަކަށް މަސް ބޭރުކުރަން ފެށުން އަދި އެހެނިހެން އިޖުތިމާޢީ ނުވަތަ އިޤުތިޞާދީ ސަބަބުތައް ހިމެނެއެވެ.

2019-2015 އަށް ފަސް އަހަރު ދުވަހަށް ބަލައިލާއިރު ދޮށީގެ މަސްވެރިކަމުގައި ބާނައިފައިވާ މިންވަރަކީ ރާއްޖެއަށް ބާނާފައިވާ ކަނޑުމަހުގެ 73 އިންސައްތައެވެ. މީގެ ތެރެއިން 99 އިމްސައްތައަކީ ކަޅުބިލަމަހާއި ކުދި ރީނދޫއުރަހަ ކަންނެއްޔެވެ. މި ދެބާވަތް ބާނައިފައިވާ މިންވަރު ވަކިން ބަލާ ނަމަ، 83 އިންސައްތައަކީ ކަޅުބިލަމަސް އަދި 15 އިންސައްތައަކީ ރީނދޫއުރަހަ ކަންނެއްޔެވެ. އަދި ލޯބޮޑުކަންނެއްޔާއި، ލައްޓި އަދި ރާގޮނޑި ހިއްސާކުރަނީ ގާތްގަނޑަކަށް އެއް އިންސައްތައިގެ މިންވަރެކެވެ.

ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް މައިގަނޑު ގޮތެއްގައި ވިއްކަނީ މަސް ގަނެ، ގަނޑުކޮށް، ނުވަތަ ދަޅުގައި ބަންދުކޮށް، އެކްސްޕޯޓުކުރާ ފެކްޓްރީތައް ފަދަ ތަންތަނަށެވެ. މީގެ އިތުރުން، ހިކިމަހާއި ވަޅޯމަސް ފަދަ އުފެއްދުންތައް އުފައްދާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ދޮށީގެ މަސްވެރިކަމުގެ މުހިންމު މިންވަރެއް ވިއްކައެވެ.

https://int.etukuri.mv/
tel:+9607331319