
ޖޭއެސްސީގެ މެމްބަރުން
2022: 9 ފަނޑިޔާރެއްގެ މައްސަލަ ބެލި، 4 ފަނޑިޔާރުން ވަކިކުރި

އަހުމަދު ޒަލީފު - 03 ޖެނުއަރީ 2023 - 07:53
2022 ވަނަ އަހަރު ޖޭއެސްސީ ބެލި މައްސަލަތަކުގެ ތެރެއިން 4 ފަނޑިޔާރެއް މަޤާމުން ވަކިކޮށް، 9 ފަނޑިޔާރެއްގެ ސްލޫކީ މައްސަލަ ބަލައި ނަސޭހަތް ދީ، ތަމްރީން ޕްރޮގުރާމު ފުރިހަމަ ކުރުމަށް އަންގާފައިވާ ކަން، ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނެރުނު ނިމުނު އަހަރުގެ އެކޮމިޝަންގެ މަސައްކަތްތަކުގެ ތަފާސް ހިސާބު ރިޕޯޓްގައި ހާމަކޮށްފިއެވެ.
ޖޭއެސްސީން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެކޮމިޝަނަށް ވަނީ މިދިޔަ އަހަރު 393 ޝަކުވާ ހުށަހަޅާފައެވެ. މިއީ ފާއިތުވެދިޔަ 2021 ވަނަ އަހަރާއި އަޅާބަލާއިރު 2.72 އިންސައްތަ މަދު އަދަދެކެވެ. 2021 ވަނަ އަހަރު އެކޮމިޝަނަށް ހުށަހަޅާފައިވަނީ 404 ޝަކުވާއެވެ
ޖޭއެސްސީން ހާމަކޮށްފައިވާ މައުލޫމާތު (2022)
- 12 ފަނޑިޔާރަކު ވަނީ ރިޓަޔާ ކުރައްވާފަ.
- 6 ފަނޑިޔާރަކު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފަ.
- 11 ފަނޑިޔާރަކު އަލަށް އަޔަން ކުރެވުނު.
- އޭގެ ތެރޭގައި ހިމެނެނީ ހައިކޯޓަށް އައްޔަން ކުރެވުނު 3 ފަނޑިޔާރުން. ސްޕީރިއާ ކޯޓުތަކަށް އައްޔަން ކުރެވުނު 2 ފަނޑިޔާރުން، މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރެވުނު 6 ފަނޑިޔާރުން.
- 46 މައްސަލައެއް ބަލާ ނިންމި
- 393 ޝަކުވާ ހުށަހެޅުނު
- 3 ފަނޑިޔާރުން ސަސްޕެންޑް ކުރި
- 24 ފަނޑިޔާރެއްގެ މައްސަލަ ފައިލް ކުރި
މިދިޔަ އަހަރު ނިމިގެންދިޔައިރު، ޖުޑީޝަރީގައި 170 ފަނޑިޔަރުން އެބަތިއްބެވެ.