
ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތައް ޑިޖިޓަލްކޮށް ހަވާލުކުރަން ނިންމަނީ

އާމިނަތު ޝަޒްލާ - 13 ޖުލައި 2026 - 11:35
ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުމުގެ މަރުހަލާ އަވަސްކުރުމުގެ ގޮތުން، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މީގެ ކުރިން އަމަލުކުރަމުންދިޔަ އުސޫލުން ގުޅީފަޅަށް މީހުން ގެންގޮސްގެން ގޯތި ހަވާލުކުރުމަކީ ވަރަށް ވަގުތު ނަގާ ކަމެއް ކަމަށެވެ. އެގޮތުން ދުވާލަކު ހަވާލުކުރެވެނީ އެވްރެޖްކޮށް ހަތަރު ފަސް ގޯތި ކަމަށްވާތީ، ޖުމލަ 3,500 ގޯތި އެ އުސޫލުން ހަވާލުކޮށް ނިންމުމަށް ގިނަ ދުވަސްތަކެއް ހޭދަވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި މަސައްކަތް އަވަސްކުރުމަށްޓަކައި މިހާރު ރާވާފައިވަނީ ލޭންޑް ޔޫޒް ޕްލޭނާއި (އެލް.ޔޫ.ޕީ) ބިމުގެ ސީދާ ޗާޓު ހިމެނޭހެން ޑިޖިޓަލްކޮށް ގޯތި ހަވާލުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި މި ހަފުތާގެ ތެރޭގައި މި ނިޒާމުގެ ދަށުން ގޯތިތައް ހަވާލުކުރަން ފެށޭނެއެވެ.
މީގެ އިތުރުން، ޑިޖިޓަލްކޮށް ގޯތި ހަވާލުކުރުމަށްފަހު، ވެބްސައިޓް މެދުވެރިކޮށް ގޯތި އޮތް ސަރަހައްދު ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އާންމު ފެރީގެ ނިޒާމު މެދުވެރިކޮށް އެ ސަރަހައްދަށް ގޮސް، ގަސް އިންދުމާއި ވަށާފާރު އެރުވުން ފަދަ މަސައްކަތްތައް ކުރުމުގެ ހުއްދަ އެޗް.ޑީ.ސީ މެދުވެރިކޮށް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުން ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ގެނައި ބަދަލާއެކު، އެ ސަރަހައްދުން ޖުމލަ 3,520 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ކުރިން ގިރާވަރުފަޅުން ގޯތި ދިނުމަށް ނިންމާފައިވާ 1,114 ފަރާތެއްވެސް ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޤަޠަރުގެ އަމީރު، ރައީސް އާއި ބައްދަލުކުރައްވައިފި
6 ގަޑިއިރު ކުރިން

ތިނަދޫ ސިޓީ "އާބާދީ 60" ޖަލްސާއަށް ރައީސްއާ ކުރީގެ ރައީސުންނަށް ދަޢުވަތު ދެނީ
7 ގަޑިއިރު ކުރިން

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
7 ގަޑިއިރު ކުރިން

މިފްކޯއިން ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި
9 ގަޑިއިރު ކުރިން


.gif&w=3840&q=75)