logo

މިފްކޯއިން ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި

profile

މުޙައްމަދު ފަޟްލޫން - 13 ޖުލައި 2026 - 15:20

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފިއެވެ.

https://wamco.com.mv/

މިއަދު ހަވީރު ކަނޑުއޮތްގިރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހިކިމަސް ކާރުޚާނާއާއި އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ.

މި ރަސްމިއްޔާތުގައި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސް އާއި، ފިޝަރީޒް މިނިސްޓްރީއާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތަށް ފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވީ މިއީ މިފްކޯގެ ލޯކަލް ޕްރޮޑަކްޝަން ނުވަތަ ގައުމީ ބާޒާރަށް ޚާއްސަކޮށް އުފައްދާ އުފެއްދުންތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މާލެއާ ކައިރިން މިފަދަ ޚިދުމަތެއް ފެށުމުން މާލެ ސަރަހައްދުގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ނެރުމުގައި ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

“އަޅުގަނޑުމެންނަށް މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޫއްޑޫން ޕްރޮސެސްކޮށްގެން މާލެ ސަރަހައްދަށް ގެންނަންޖެހުމުން ދިމާވާ ލޮޖިސްޓިކް ދަތިތައް. އެ ދަތިތަކާ ގުޅިގެން އަޅުގަނޑުމެންގެ ފިހާރައިގައި ބައެއް ފަހަރު ތަކެތި ލިބެން ނެތުމަކީ ވަރަށް ގިނައިން އަންނަ ޝަކުވާއެއް. ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާގެ ސަބަބުން، މިދެންނެވި ލޮޖިސްޓިކް ދަތިތަކަށް ހައްލު ލިބި، މާލެ ސަރަހައްދުގައި އަބަދުވެސް އަޅުގަނޑުމެންގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ.” ސީއީއޯ ވިދާޅުވިއެވެ.

ސީއީއޯ ވިދާޅުވީ މި ކުރިއެރުމާއެކު، ކޫއްޑޫން އުފައްދާ ތަކެތި ދެކުނުގެ އަތޮޅުތަަކަށް ޚާއްސަކުރެވި، މާލެ ސަރަހައްދުގެ ބާޒާރަށް އަމާޒުކޮށްގެން ކަނޑުއޮތްގިރިން ތަކެތި އުފެއްދޭނެ ކަމަށެވެ. އަދި ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާގެ ސަބަބުން މިފްކޯގެ ލޯކަލް ޕްރޮޑަކްޝަން އިތުރުކުރެވި، ރައްޔިތުންނަށް ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށްދިނުމަށް ވެސް ބާރަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.

ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާއަކީ ދުވާލަކަށް 3 ޓަނު ޕްރޮސެސްކުރެވޭ ކާރުޚާނާއެކެވެ. އަދި ކަނޑުއޮތްގިރީގައި މިއަދު ހުޅުވި އައިސް ޕްލާންޓުން ދުވާލަކަށް 25 ޓަނު އައިސް އުފެއްދެއެވެ.

ކަނޑުއޮތްގިރީގައި މިއަދު ހުޅުވި ހިކިމަސް ކާރުޚާނާގައި މިއަދުން ފެށިގެން ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާފައިވާއިރު ވަރަށް އަވަހަށް ރިހާކުރާއި މުގުރިމަސް ފަދަ ބާވަތްތައް ވެސް މި ކާރުޚާނާގައި ތައްޔާރުކުރަން ފަށާނެއެވެ.

މަސް ކައްކައި ހިއްކުމުގެ އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކޮށްފައިވާ މި ކާރުޚާނާ ހުޅުވީ ސިއްހީގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ޚިދުމަތް ދެވޭކަން ކަށަވަރުކުރުމަށް ނަގަންޖެހޭ ހުއްދަތައް ނަގައި، މިފްކޯގެ އެހެން އުފެއްދުންތަކެކޭ އެއްގޮތަށް ކޮލިޓީ ހިފެހެއްޓުމުގެ ހަރުދަނާ ފިޔަވަޅުތަކަކާ އެކުގައެވެ.

މިއީ މިފްކޯގެ އޮޕަރޭޝަންތައް ޒަމާނީކުރުމުގެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ވެސްމެއެވެ.

ދައުލަތުގެ ބޭނުމަކަށް އެމްއެންޑީއެފުގެ ބެލެހެއްޓުމުގެ ދަށަށް ގެންދިއުމަށްފަހު ކަނޑުއޮތްގިރި އަނބުރާ މިފްކޯއާ ހަވާލުކުރެވި އަލުން އޮޕަރޭޝަނަށް ގެނެވުނީ މިއަހަރުގެ ކުރީކޮޅުގައެވެ. މިއަދު ހުޅުވި ހިކިމަސް ކާރުޚާނާގެ އިތުރަށް ކަނޑުއޮތްގިރީގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް ނިމުމުން، މަހާއި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމުގެ މައި މަރުކަޒެއްގެ ގޮތުގައި ވެސް ކަނޑުއޮތްގިރި ވެގެންދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk