
ކުޅުދުއްފުށީ ފެންހިންދާ ނިޒާމާއި ކަނޑޫފާތައް ބެލެހެއްޓުމާއި ގުޅޭ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަނީ

އާމިނަތު ޝަޒްލާ - 12 އޮކްޓޯބަރު 2026 - 14:15
ކުޅުދުއްފުށީ ސިޓީގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާއި، ރަށުގެ ހިމާޔަތްކޮށްފައިވާ ކަނޑޫފާތަކާއި ކުޅިތައް ބެލެހެއްޓުމަށް ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އިޖުތިމާޢީ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
މި ބައްދަލުވުންތައް ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 އަދި 21 ގައިއެވެ.
މި އިޖުތިމާޢީ މަޝްވަރާ ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ރަށުގައި ފެންބޮޑުވުމާއި، ފެންހިންދާ ނިޒާމާއި، ކުޅި/ފާތަކާ ގުޅޭގޮތުން ރައްޔިތުންގެ ތަޖުރިބާތައް ހިއްސާކޮށް، ރައްޔިތުން އިސްކަންދޭ ކަންކަމާއި، މަޝްރޫޢުގެ ޓީމުން ރިއާޔަތްކުރުމަށް ބޭނުންވާ ކަންބޮޑުވުންތަކާއި ހިޔާލުތައް ހޯދުމެވެ. މީގެ އިތުރުން މަޝްރޫޢުގެ ޓީމުން މިހާތަނަށް ހޯދިފައިވާ މުހިންމު މަޢުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރާނެއެވެ.
މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ރަށުގައި ފެންބޮޑުވުމުގެ މައްސަލަތަކާއި، ފެންހިންދާ ނިޒާމުގެ އިތުރުން ފެންފަށަލައާއި ކުޅި އަދި ކަނޑޫފާ ސަރަޙައްދުތަކާ ގުޅޭގޮތުން ޕްރޮޖެކްޓް ޓީމުން އެއްކޮށްފައިވާ މުހިންމު ހޯދުންތަކުގެ މައްޗަށެވެ. މީގެ އިތުރުން، ކުޅި އަދި ފާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބެލެހެއްޓޭނެ އުސޫލުތަކާއި، މަށިކުޅި ބެލެހެއްޓުމަށް އެކުލަވައިލާފައިވާ ޑްރާފްޓް ޕްލޭނާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވޭނެއެވެ. އަދި މުޅި ރަށަށް އަމާޒުކޮށް ހުށަހަޅާ ފެންހިންދާ ނިޒާމުގެ ތަފްސީލުތަކާއި، އޭޑީބީގެ އިންވެސްޓްމެންޓްގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތަރުތީބާއި، އަމަލީ މަސައްކަތް ހިނގަމުންދާ މުއްދަތުގައި ދިމާވެދާނެ ދަތިތަކަށް ހޯދޭނެ ހައްލުތަކާ ބެހޭ މަޢުލޫމާތު މި ބައްދަލުވުންތަކުގައި ހިއްސާކުރެވޭނެއެވެ.
މި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާއި ވަގުތު އަދި ތަންތަނުގެ ތެރޭގައި ހިމެނެނީ އަންހެނުންނަށް ޚާއްސަކޮށްގެން ބާއްވާ ސެޝަނެއް، އޮކްޓޫބަރު މަހުގެ 20 ވާ އަންގާރަ ދުވަހުގެ ރޭ 20:30 އިން 22:30 އަށް، ލަގޮނޑި މާލިމީ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
އާންމުކޮށް ހުޅުވާލައިގެން ބާއްވާ ދެ ސެޝަން އޮކްޓޫބަރު 21 ގައި ކުރިއަށްދާނެއެވެ. މިގޮތުން، ފުރަތަމަ ސެޝަން މެންދުރުފަހު 16:00 އިން 18:30 އަށް ގަލަދުން ޕާކްގައި ބޭއްވޭނެއިރު، ދެވަނަ ސެޝަން ރޭގަނޑު 20:30 އިން 22:30 އަށް ލަގޮނޑި މާލިމީ މާލަމުގައި ކުރިއަށްދާނެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެދިވަޑައިގަންނަވަނީ، މި މަޝްރޫޢުގެ ކާމިޔާބީއަށްޓަކައި، ކުޅުދުއްފުށީގެ ރައްޔިތުން މި ބައްދަލުވުންތަކުގައި ބައިވެރިވެ، ބޭނުންތެރި ހިޔާލުތަކާއި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށެވެ. ބައްދަލުވުންތަކުގައި ބައިވެރިވުމަށްޓަކައި ލިންކު މެދުވެރިކޮށް ރަޖިސްޓަރީވުމަށްވެސް ވަނީ ހުޅުވާލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި
5 ގަޑިއިރު ކުރިން

ހެލިކޮޕްޓަރުގެ ހިދުމަތް ފެށުން ލަސްވަނީ މަޝްރޫއުގެ ބޮޑުކަމުން: އަމީން
8 ގަޑިއިރު ކުރިން

ގުޅުންތަކުގެ ވިންދު - ދެމަފިރިންގެ ދެމެދުގައި އޮންނަ އިތުބާރު
8 ގަޑިއިރު ކުރިން

މާލޭ ބަނދަރުގެ މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅު އެޅުމަށް މޭޔަރު އާޒިމް ގޮވާލައްވައިފި
10 ގަޑިއިރު ކުރިން


