logo

މިސަރުކާރުން 7،000 އަށް ވުރެ ގިނަ ވަޒީފާ ދިންކަމަށް ފަތުރަނީ ބުހުތާނު ދޮގެއް: ހީނާ

profile

އައިޝަތު އިނާޝާ - 15 އޮކްޓޯބަރު 2024 - 23:45

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު

މި ސަރުކާރުގެ ސިޔާސީ މަގާމުތަކާއި، ސަރުކާރުގެ ކުންފުނިތަކަށް 7،000 އަށްވުރެ ގިނަ މުވައްޒަފުން އައްޔަނުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ދޮކު ކުރައްވައިފިއެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތަކާއި، ސަރުކާރުގެ ކުންފުނިތަކަށް 7،000 އަށްވުރެ ގިނަ މުވައްޒަފުން އައްޔަނުކޮށްފައިވާ ކަމަށް ބުނެ "އަދަދު" ނޫހުން ގެނެސްދިން ހަބަރަކާ ގުޅިގެން ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޚިޔާލަށް އަންނަހާ ވާހަކައެއް އެއްވެސް ހަގީގަތެއް ބަލައިލުމެއް ނެތި ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން ކަމަށެވެ. އެ ނޫހުން ފަތުރާފައިވަނީ ބުހުތާނު ދޮގެއް ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ހަމައެކަނި ސަރުކާރު ކުންފުނިތަކަށް ބެލި ނަމަވެސް 2023 ވަނަ އަހަރުގެ ފަހު ކުއާޓަރއަށް ވުރެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދުން 1000 އަށްވުރެ ގިނަ މުވައްޒަފުން މަދުވެފައިވާކަން ޕީސީބީއިން ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ކަމަށެވެ.

ބަޔަކު ދޮގު ޚަބަރު ލިޔަނީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށާއި، މިދިޔަ 5 އަހަރު ގައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުން ގައުމު ސަލާމަތް ކުރަން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ދިވެހި ރައްޔިތުން ބަލައިގަންނާތީ، ކަމުގެ ހަގީގަތް އޮޅުވާލަން ކަމަށް ހީނާގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ސަރުކާރާ އިދިކޮޅު ހަބަރުތައް ގެނެސްދެމުން އަންނަ އަަދަދު ނޫހުން މިފަދަ ހަބަރެއް ޝާއިއު ކުރިއިރު، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އެކުލަވާލާފައިވާ "އިކޮނޮމިކް ރީފޯމް އެޖެންޑާ" ގެ ދަށުން އެކި މިނިސްޓްރީތަކުގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި 228 މުވައްޒަފުން މަޤާމުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން، 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުން، ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި މަޤާމުން ވަކިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފިޔަވަޅާއެކު، ސަރުކާރުގެ ޚަރަދުތަކުން، މަހަކު 5.714 (ފަހެއް ޕޮއިންޓް ހަތެއް އެކެއް ހަތަރެއް މިލިޔަން) ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

https://int.etukuri.mv/
tel:+9607331319