
މެމްބަރުންގެ ރިކޯލް ވޯޓެއް ނެގުމުގެ ފުރުސަތު ދިނުމަކީ ރައްޔިތުންގެ ބާރުވެރިކަން އިތުރުވެގެންދާނެ ކަމެއް: ރައީސް

މުޙައްމަދު ފަޟްލޫން - 30 މާރިޗު 2026 - 06:58
މަޖިލިސް މެމްބަރުންގެ ރިކޯލް ވޯޓެއް ނެގޭނެ ފުރުސަތު އޮތުމަކީ ރައްޔިތުންގެ ބާރުވެރިކަން އިތުރުވެގެންދާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ގާނޫނު އަސާސީ އަށް ގެންނަން ގަސްތުކުރައްވާ އިސްލާހުތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އެކަމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުރަމުންދާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރިކޯލް ވޯޓެއް ނެގޭނެ ހާލަތްތަކާއި އަމަލުކުރާނެ އުސޫލުތައް ދިރާސާކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
ރިކޯލް ވޯޓެއް ނެގުމަށް ހުށަހަޅާ ޕެޓިޝަން މަޖިލީހަށް ހުށަހެޅެނީ ކިތައް ސޮއި ހަމަވުމުންތޯ އާއި އެވޯޓް މަޖިލީހުން ފާސްކުރެވޭނީ ވޯޓްގެ ނިސްބަތުން ކިތައް ޕަސެންޓް ވޯޓް ލިބިގެންތޯ ބަލަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިކޯލް ވޯޓް ނެގޭނީ މަޖިލީހުގެ ހާޒިރީގައި ވަކިވަރަކަށް މެމްބަރުން ތިބިކަމަށްވާނަމަ ކަމަށާއި އެއީ މުޅި މަޖިލިސްތޯ ނުވަތަ ނޫންތޯ ވެސް ބެލުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މެމްބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހޭ ހާލަތްތަކާއި މެދު މަޝްވަރާކުރަން ޖެހޭކަން ފާހަގަކޮށް ރައީސް ވިދާޅުވީ ހަމަ ހުރެފައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަޖިލީހަށް ހުށަނޭޅޭނެ ކަމަށެވެ. އޭގެ ބަދަލުގައި ވަކި ކަހަލަ ހާލަތްތަކަށް ރިއާޔަތްކޮށް އެފަދަ ވޯޓެއް ނަގަން އާއްމުންނަށް ހުށަހެޅިދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރިކޯލް ވޯޓެއް ނަގާއިރު އެކަމާއި ގުޅޭ ގާނޫނުގައި މެމްބަރުކަމުން ވަކިކުރެވޭނެ ހާލަތްތައް ވަރަށް ސާފުކޮށް ބަޔާން ކުރެވިފައި އޮންނަންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން މަޖިލިސް މެމްބަރެއްގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން ހިމެނިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އުއްމީދު ކުރަނީ ހިނގަމުންދާ 20 ވަނަ މަޖިލީހަށް މެމްބަރުންގެ ރިކޯލް ވޯޓްގެ އިސްލާހު ހުށަހަޅައި މިދައުރުގެ ތެރޭގައި އިސްލާހު ފާސްކޮށް ގާނޫނަކަށް ހަދައި އެއަށް އަމަލުކުރަން ފަށަން ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގެ ހުރިހާ ސަރައްހަދެއްގައި ކުރިއަށްގެންދާ ފުލުހުންގެ ތަމްރީނެއް ފަށައިފި
ގަޑިއިރެއް ކުރިން

ނިމި ދިޔަ ޖަނަވަރީމަހު މަހުގެ އެކްޕޯޓް ދަށަށް
ގަޑިއިރެއް ކުރިން

ތެރަޕީގެ ފަރުވާތަކަށް ތަމްރީންކުރުމުގެ ސްކޮލަރޝިޕްތަކަކަށް ހުޅުވާލައިފި
4 ގަޑިއިރު ކުރިން
ކުޅިވަރުގެ ހުރިހައި ދާއިރާތަކެއް ގުޅުވާލުމަށް "ސްޕޯޓް ގޭޓް" އިފްތިތާހުކޮށްފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)