
އުމްރާވެރިން އެނބުރި އަންނާތީ ވީއައިއޭގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފި

އާމިނަތު ޝަޒްލާ - 08 އޯގަސްޓު 2026 - 11:49
އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ އުމްރާވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
މިދިޔަ ޖުލައި މަހުގެ ސްކޫލު ބަންދާ ދިމާކޮށް އުމްރާގެ އަޅުކަމަށް ވީއައިއޭ އިން 5،565 އަށް ވުރެ ގިނަ މީހުން ސައުދީ އަރަބިއްޔާއަށް ފުރާފައިވެއެވެ. އެމްއޭސީއެލް އިން ބުނީ، އުމްރާވެރިން ފުރިއިރުވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސި ފަދައިން، އެނބުރި ރާއްޖެ އަންނަ އިރުވެސް އެއާޕޯޓުން ދޭ ހިދުމަތްތައް ވީހާވެސް އަވަސް އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އިސްކަންދީފައިވާނެ ކަމަށެވެ.
މިފަހަރު އުމްރާއަށް އެންމެ ގިނަ ބަޔަކު ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. އެގޮތުން ޖުލައި މަހު އެ ކުންފުނީގެ ހަވާލުގައި 613 މީހުން އުމްރާއަށް ދިޔައިރު، އޭގެ ތެރޭގައި ހިމެނޭ އެންމެ ފަހު ގްރޫޕް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރާއްޖެ އައިސްފައެވެ. މިއަހަރުގެ މިހާތަނަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެކަނިވެސް 1،200 އަށް ވުރެ ގިނަ މީހުން ވަނީ އުމްރާގެ އަޅުކަން އަދާކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކުރިން އުމްރާގެ އަޅުކަމަށް އާންމުކޮށް ގޮސް އުޅުނީ އުމުރުން ދުވަސްވީ މީހުން އެކަނި ކަމަށް ވީނަމަވެސް، މިހާރު އެ އާދަ ވަނީ ބަދަލުވެފައެވެ. މިހާރު މުޅި އާއިލާ އެކީގައި، ކުޑަކުދިންނާއެކު އުމްރާއަށް ދިއުން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނީ، އުމްރާވެރިން އެނބުރި އަންނަ ވަގުތުތަކަކީ އެއާޕޯޓަށް ބާރުބޮޑުވާ ވަގުތުތަކަކަށް ވާތީ، އެ މީހުންގެ ފޮށިތަކާއި ޒަމްޒަމް ފެން ދޫކުރުމުގެ ކަންކަން ވެސް ވީހާވެސް އޮމާންކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން، ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މިގޮތުން އެޗްޕީއޭއިން އިރުޝާދު ދެއްވާފައިވާ ކަންތައްތަކުގެ ތެރޭގައި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުމުން ދުރުހެލިވުމާއި، އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމާއި ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން: 6,000 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލު ބަލައިފި
15 ގަޑިއިރު ކުރިން

ވެލިދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި
15 ގަޑިއިރު ކުރިން

ދަނޑުވެރި މަންފާ ގްރާންޓާއި ދަނޑުވެރި ނަފާ ލޯނު އިފްތިތާހް ކޮށްދެއްވައިފި
15 ގަޑިއިރު ކުރިން

ގދ. ގައްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
17 ގަޑިއިރު ކުރިން


